ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށް ފޮޓޯ ހާމަނުކުރީ ކަމަށް ފުލުހުން އެއްބަސްވެއްޖެ އެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް،53، އެވެ.

އޭނާ ހައްޔަރުކުރިކަން ސިއްރުކޮށްފައިވާ ކަމަށާއި އޭނާގެ ފޮޓޯ އާންމު ނުކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އަންގަވާފައިވާ ކަމަށް ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ ބުނެފަ އެވެ.

މިއީ ތެދެއްތޯ "ހުރިހާ" އިން ސުވާލުކުރުމުން ފުލުހުން ބުނީ އޭނާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އަދި ފޮޓޯ އާންމުނުކުރީ ކީއްވެތޯ ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އޭނާގެ ފޮޓޯ އާންމުކުރަން ޕޮލިސް މީޑިއާއަށް އަންގަވާނެ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި ތިން ބިދޭސީންގެ ވަނަވަރު ފޮޓޯއާއެކު ވަނީ ހާމަކޮށްފަ އެވެ.

އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.

މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން މީގެ ކުރިން ހައްޔަރުކުރި ދެ ބިދޭސީއަކީ ރަޝްވާންގެ މުވައްޒަފުންނެވެ.

ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން ތަހުގީގަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެ ޖަރީމާ ހިންގަމުންދިޔައީ ރަޝްވާން އަންގައިގެންނެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ރަޝްވާންގެ ފަރާތުން ކޯޓުގައި އެދުނު ނަމަވެސް ބަންދު މަޖިލިހުގެ ގާޒީ ނިންމެވީ އެ ފުރުސަތު ނުދޭށެވެ.

މާދޫގޭގެ ދެ ފްލޯއެއްގައި ބަނގުރާ ސަޕްލައިކުރާ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެއީ 34 އަހަރުގެ އަލް އަމީން އާއި 43 އަހަރުގެ ޕޮލިންގެ އިތުރުން 25 އަހަރުގެ އެމްޑީ ރަކިބް ހޮސެން އެވެ.

އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އަމީން އާއި ޕޮލިން ފަސް ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ރަކިބް ބަންދުގައި ބަހައްޓަން އަމުރުކުރީ 15 ދުވަހަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ ވަނީ އަތުލައިގެންފަ އެވެ.