ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުގައި ހުއްޓާއެވެ. ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ޒިހާން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި ވަނީ އެކަން ކުރުމަށް ހިތްވަރުދީފަ އެވެ.

އޭނާ ކުރި ޕޯސްޓުގައި އެފަދަ ތަނެއްގައި ރޯކޮށްލައިފިނަމަ މަޖާވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ 1 ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ އެ ޕޯސްޓު ސޯޝަލް މީޑިއާއިން ޑިލީޓްކޮށްފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ.

އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.