ކުޑަކުދިންނަށް ކެންސަރު ޖެހުމަކީ ނިސްބަތުން މަދުން ދިމާވާ ކަމެއް ކަމުގައި ވީނަމަވެސް، މިއީ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ މެދުގައި ބަލިތަކުގައި މަރުވާ އެންމެ ބޮޑު އެއް ސަބަބެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ކުޑަކުދިންގެ ކެންސަރުގެ އަލާމާތްތަކަކީ އާންމުކޮށް ކުދިންނަށް ދިމާވާ އެހެނިހެން އާދައިގެ ބަލިތަކުގެ އަލާމާތްތަކާ އެއްގޮތް ކަންކަން ކަމަށްވާތީ، ފެށޭ ކޮޅުގައި މައިންބަފައިންނަށް ނުވަތަ ޑޮކްޓަރުންނަށް ވެސް މިއީ ކެންސަރުގެ އަލާމާތެއްކަން ފާހަގަ ނުކުރެވި ފަރުވާދިނުން ލަސްވުމުގެ ފުރުސަތު ބޮޑެވެ.

ބީބީސީގައި ޝާއިއުކޮށްފައިވާ ސިއްހީ ރިޕޯޓެއްގައިވާ ގޮތުން، ކެންސަރުގެ ފަރުވާ އެންމެ އެދެވޭ ގޮތެއްގައި ދެވޭނީ ބަލީގެ ކުރީކޮޅު ދެނެގަނެވިގެން ކަމަށްވާތީ، ކުދިންގެ ހަށިގަނޑުން ފެންނަ ބައެއް ނިޝާންތަކަށް މައިންބަފައިން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

ސަމާލުވާންވީ މުހިންމު އަލާމާތްތައް

  • ސަބަބެއް ނެތި ވަރުބަލިވުމާއި ކުއްލިއަކަށް ހުންއައުން: ދިގު މުއްދަތަކަށް ހުން ނުކެނޑި ހުރުން ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ކުއްލިއަކަށް ކުއްޖާ މާބޮޑަށް ވަރުބަލިވެ، ވަރު ދެރަވުން.
  • ގަނޑު އުފެދުން ނުވަތަ ދުޅަވުން: ހަށިގަނޑުގެ އެކި ގުނަވަންތަކުގައި (ހާއްސަކޮށް ކަނދުރާ، ކަންފަތުގެ ފަހަތް، ބަނޑު ނުވަތަ އަތްފައިގެ ކަށިތަކުގައި) ރިއްސުމެއް ނެތި ގަނޑު އުފެދި ދުޅަވުން.
  • ކުއްލިއަކަށް ބަރުދަން ލުއިވުން: ކާހިތްނުވުމާއެކު ސަބަބެއް ނެތި ކުއްލިއަކަށް ކުއްޖާގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެގެން ދިއުން.
  • ލޭ އައުމާއި ނޫފައިގަތުން: ކުޑަކުޑަ ކަމަކުން ވެސް ހަށިގަނޑުގެ އެކި ތަންތަން ނޫފައިގަތުން ނުވަތަ ކުއްލިއަކަށް ނޭފަތުންނާއި އަނގައިން ލޭ އައުން.
  • ލޮލުގެ ބަދަލުތައް: ލޮލުގެ ކަޅިއަށް ނުވަތަ ފެނުމަށް ބަދަލުތަކެއް އައުން (ގަދަ އަލީގައި ފޮޓޯ ނަގާއިރު ލޮލުގެ ކަޅި ތެރެއިން ހުދު ކުލައެއް ފެންނަން ހުރުން).
  • ބޮލުގައި ރިއްސުމާއި ހޮޑުލެވުން: ހެނދުނު ހޭލާއިރު ބޮލުގައި މާބޮޑަށް ރިއްސައި ހޮޑުލެވޭ ގޮތްވުން.

ކުރީކޮޅު ދެނެގަތުމުގެ މުހިންމުކަން

ކުޑަކުދިންނަށް ޖެހޭ ކެންސަރަކީ ބޮޑެތި މީހުންނަށް ޖެހޭ ކެންސަރާ ތަފާތު އަދި ދިރިއުޅުމުގެ އާދަކާދައާ ގުޅުމެއް ނެތް ކަމެކެވެ. ނަމަވެސް، މި ފަދަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދެއްކުމުން، ގިނަ ފަހަރަށް އެއީ އާދައިގެ އިންފެކްޝަނެއް ކަމަށް ބަލައި ފަރުވާދެވޭ ފަހަރުތައް އާދެ އެވެ.

އެހެންކަމުން، މައިންބަފައިންނަށް ކުއްޖާގެ ކިބައިން މަތީގައިވާ އަލާމާތްތަކުގެ ތެރެއިން ކަމެއް ދިގު މުއްދަތަކަށް ފެންނަނަމަ ނުވަތަ ރަނގަޅުނުވެ ދިގުދެމިގެންދާނަމަ ޑޮކްޓަރަށް ތަކުރާރުކޮށް ދައްކައި އިތުރު ތަހުލީލުތައް ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ކުޑަކުދިންގެ ކެންސަރުން ރަނގަޅު ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.