ކައްކާފައި ހުންނަ ކާނާ ރައްކާތެރިކަމާއެކު ގިނަދުވަހު ބެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން މީހުން އާންމުކޮށް ކުރާ ބައެއް ކަންކަމަކީ، އެނގިގެން ނުވަތަ ނޭނގި ނަމަވެސް ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ.

ކާނާއާ ބެހޭ ކާނާގެ މާހިރުން (ޑައެޓީޝަނުން) ފާހަގަކުރާ ގޮތުގައި، ކާނާ ރައްކާތެރިކޮށް ބެހެއްޓުމުގައި އާންމުކޮށް ހެދޭ މައިގަނޑު ގޯސްތަކާއި، ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ސަމާލުވާންޖެހޭ ކަންތައްތަކެއްވެ އެވެ.

1. ކާނާ ފިނި ކުރަން ކައުންޓަރު މަތީގައި ގިނައިރު ނުބެހެއްޓުން

ކައްކާފައި ހުންނަ ކާނާ ކައުންޓަރުމަތީގައި ނުވަތަ މޭޒުމަތީގައި 2 ގަޑިއިރަށްވުރެ ގިނައިރު ބެހެއްޓުމަކީ ނުރައްކާތެރި ޖަރާސީމު އުފެދުމަށް މަގުފަހިވާ ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި 4 ޑިގްރީ އާއި 60 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނަކީ ޖަރާސީމު އެންމެ އަވަހަށް އާލާވާ "ޑޭންޖާ ޒޯން" އެވެ. އެހެންކަމުން، ކާނާ ކައްކާ ނިމުމަށްފަހު މާ ގިނައިރު ބޭރުގައި ނުބަހައްޓައި، އަވަހަށް ފިނި ކުރުމަށްފަހު އައިސް އަލަމާރިއަށް ލާންޖެހެ އެވެ.

2. ހޫނު ކާނާ ބޮޑެތި ތަށިތަކުގައި އައިސްއަލަމާރިއަށް ލުން

ގިނަ އަދަދަކަށް ކައްކާފައި ހުންނަ ހޫނު ކާނާ އެކީގައި ބޮޑު ތަށީގައި އައިސްއަލަމާރިއަށް ލުމުން، އެ ކާނާގެ އެތެރޭގެ ފިނިހޫނުމިން ދަށްވާން މާ ގިނަވަގުތު ނަގަ އެވެ. މީގެ ސަބަބުން އައިސްއަލަމާރީގެ އެތެރޭގެ ފިނިހޫނުމިން މަތިވެ، އެހެން ކާނާތަކަށްވެސް އަސަރުކުރެ އެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި، ކާނާ ކުދިކުދި އަދި ތިލަ ތަށިތަކަށް ބަހާލައިގެން އައިސްއަލަމާރިއަށް ލުން ބުއްދިވެރި އެވެ.

3. އައިސްއަލަމާރި މާބޮޑަށް ފުރާލުން

އައިސްއަލަމާރީގެ ތެރޭގައި ތަކެތި ތޮއްޖައްސައި، ވައި ދައުރުވާނެ ޖާގަ ނެތުމަކީ އައިސްއަލަމާރީގެ ފިނިކަން އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓުމަށް ހުރަސްއެޅޭ ކަމެކެވެ. މީގެ ސަބަބުން ކާނާ އެކަށީގެންވާ ވަރަށް ފިނިނުވެ، އަވަހަށް ހަލާކުވުމަށް މަގުފަހިވެ އެވެ.

4. ގަނޑު ވެފައިވާ ކާނާ ބޭރުގައި ބަހައްޓައިގެން ފިނި ކަނޑުވުން

ގަންދީފައި ހުންނަ މަސް ނުވަތަ ކާނާ ފިނި ކެނޑުވުމަށްޓަކައި ކައުންޓަރު މަތީގައި ނުވަތަ އިސްކުރު ފެނުގައި ގިނައިރު ބެހެއްޓުމަކީ ޖަރާސީމު އުފެދުމަށް ދެވޭ ފުރުސަތެކެވެ. އެންމެ ރައްކާތެރި ގޮތަކީ ކައްކަން ބޭނުންވުމުގެ ކުރިން އައިސްއަލަމާރީގެ ތިރީބަޔަށް ލައިގެން މަޑުމަޑުން ފިނި ކެނޑުވުމެވެ. ނުވަތަ މައިކްރޯވޭވް ބޭނުން ކޮށްގެން އަވަހަށް ފިނި ކެނޑުވުމެވެ.

5. ކާނާ ބެހެއްޓޭ މުއްދަތަށް ސަމާލުކަން ނުދިނުން

އައިސްއަލަމާރީގައި ކާނާ ބެހެއްޓިކަމުގައި ވިޔަސް، އެއީ ތާއަބަދަށް ރައްކާތެރި އެއްޗެއް ނޫނެވެ. އާންމުކޮށް ކައްކާފައި ހުންނަ ކާނާ އައިސްއަލަމާރީގައި ރައްކާތެރިކަމާއެކު ބެހެއްޓޭނީ 3-4 ދުވަހު އެވެ. މިއަށްވުރެ ގިނަ ދުވަސްވެފައިވާ ކާނާ ބޭނުން ކުރުމަކީ ބަނޑުގެ މައްސަލަތަކާއި ކާނާ ވިހަވުމަށް މަގުފަހިވާނެ ކަމެކެވެ.

ސިއްހީ ގޮތުން ރައްކާތެރި، ސާފުތާހިރު ކާނާ ބޭނުން ކުރުމަށްޓަކައި ކައްކާފައި ހުންނަ ތަކެތި ރައްކާތެރި ގޮތުގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކާނާ ރަނގަޅަށް ފިނިކޮށް، ރައްކާތެރި މުއްދަތުގެ ތެރޭގައި ބޭނުން ކުރުމަށް އާދަކުރުމަކީ އާއިލާގެ އެންމެންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅެވެ.