ދައުލަތުގެ އެންމެ މަތީ އިދާރާތަކުގައި އަލިފާން ރޯކޮށް ހުޅުޖެހުމާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ވާހަކަދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބަލަމުންދަނީ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރި ހަސަން ޒިހާން ދެއްކި ވާހަކަތަކެކެވެ.

އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި "އަހަރެމެންނަށް ހުޅުޖަހަން ނުލިބެނީ ކީއްވެތޯ" އަދި އެއީ "މަޖާ ކަމަކަށް ވާނެ" ކަމަށެވެ. ޒިހާން މިފަދައިން ލިޔުނީ އަލްބޭނިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އެ ގައުމުގެ ސުޕްރީމް ކޯޓުގައި ހުޅުޖެހި ހަބަރު އަލް-ޖަޒީރާއިން ރިޕޯޓްކުރުމުން، އެ ހަބަރު ހިއްސާކުރުމަށްފަހުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހުމާ ގުޅޭގޮތުން ޒިހާން ދެއްކި ވާހަކަތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އޭނާ ވަނީ ފަހުން އެ ޕޯސްޓުތައް ފޮހެލާފަ އެވެ. އަދި އޭގެ ފަހުން ލިޔުނު ޕޯސްޓެއްގައި ޒިހާން ބުނީ، އެއްވެސް ތަނެއްގައި ރޯކުރަން ނޫޅޭ ކަމަށާއި، އޭނާ ކުރާ ކަމަކީ "ހަމައެކަނި ޖަހަންނަމައިގެ އަލިފާނަށް މަގުކޮށައިދިނުން" ކަމަށެވެ.

އިތުރަށް އޭނާ ބުނެފައިވަނީ، ސުޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ދުވަސްވީ ބޭފުޅުން ވަނީ ޒުވާން ޖީލަށް އަނދާފައިވާ ކުނިގަނޑެއް ދޫކޮށްލާފައި ކަމަށެވެ. އަދި ގައުމު މިހާރު ވެސް އޮތީ މުޅިން ހަލާކުވެ އަޅިއަށް ވެފައި ކަމަށާއި، ބާކީ އޮތީ ހަމައެކަނި އަޅިކޮޅެއް ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ޒިހާން ވަކިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަގާމުން ވަކިކުރި ފަހުން އޭނާ އަންނަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މީގެ ކުރިން ސިފައިންގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައި ހުއްޓައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭނާ އެ ވަޒީފާއިން ވަކިކުރުމުން، އޭރުގެ ސަރުކާރަށް ވެސް ޒިހާން ވަރަށް ބޮޑަށް ފާޑުކިޔައި އަޑުއުފުލާފައިވެ އެވެ.