ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިނަށް އެމްޓީސީސީން ބޮޑު މަގާމެއް ދީފި އެވެ.

އެނގިފައިވާގޮތުގައި ސަރުކާރުން ސައުދަށް ދީފައި ވަނީ އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ސެކަންޑް އޮފިސަރުގެ މަގާމެވެ.

ސައުދަކީ ސިޔާސީ ދާއިރާއަށް ވަޑައިގަތުމުގެ ކުރިން މިފްކޯގެ މަސް ބޯޓްތަކުގައި ކެޕްޓަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު އެ ޕާޓީގެ ހަރަކާތްތަކުން ސައުދު އައީ މަޑުމަޑުން ދުރައްޖެހެމުންނެވެ.

ސައުދު އެންމެ ފުރަތަމަ އަދާކުރެއްވި ސިޔާސީ މަގާމަކީ ޑީއާރްޕީގެ ޓިކެޓްގައި ވިލިނގިލީ ކައުންސިލްގެ ރައީސްގެ މަގާމެވެ. އެއަށްފަހު ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި އެވެ.

އޭނާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ސައުދު ވަނީ މަސައްކަތްކުރައްވާފަ އެވެ.