އޭސީއިން ފިނިކޮށްދިން ނަމަވެސް ފަންކާ ޖައްސައިގެން ނިދުމަކީ ގިނަ މީހުންގެ އާދައެއް. އެއީ ފަންކާ ޖެހުމުން އިތުރަށް ފިނިކޮށްދޭ ކަމަށް އެމީހުން ދެކޭތީ. އަދި ފަންކާގެ އަޑުއިވުމުން ހިތްހަމަޖެހުމެއް ވެސް ލިބޭތީ. މާބޮޑު ވިސްނުމަކާ ނުލައި ކުރެވޭ މިކަމަކީ ނޭވާލާ ނިޒާމަށް ގެއްލުން ހުރިކަމެއް ކަމުގައި ސިއްހީ މާހިރުން ވިދާޅުވޭ. އާންމުކޮށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ފަންކާއަކީ ފިނިކޮށްދޭ އެއްޗެއް ނޫން. އެއީ ހަށިގަނޑުން ބޭރުކުރާ ދާ ވައިގެ ތެރެއަށް ދަމާލާ ވަސީލަތެއް. އަދި ކޮޓަރި ތެރޭގައިވާ ހިރަފުހާއި ކުނިބުނި ވައިގެ ތެރެއަށް ނަގާ އެއްޗެއް.

ހޫނުގަދަ ދުވަސްވަރެއްގައި ދާހިއްލުމުގެ އުނދަގޫ ރޭގަނޑު ވެސް ދިމާވެ އެވެ. ރޭގަނޑު ނުނިދިގެން އެނދުގައި ދެފަރާތަށް ފުރޮޅިފުރޮޅި ގިނަ ވަގުތު އޮވެ ވެ އެވެ. އެއާކޮންޑިޝަން ޖައްސާލި ނަމަވެސް ފަންކާ ވެސް ޖައްސާލުމުން އިތުރަށް ފިނިކޮށްދޭކަމުގެ އިހުސާސްވެފައި ފަންކާގެ އަޑު އަހާލުމަކީ ބައެއް މީހުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެ އެވެ.

އެހެން ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މެދުކެނޑުމެއް ނެތި ހަށިގަނޑަށް ފަންކާގެ ވައި ޖެހޭ ގޮތަށް ހުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމަށެވެ. ހާއްސަކޮށް ނޭވާއަށް އުނދަގޫ ކުރާ މީހެއް ނަމަ ނުވަތަ ހިރަފުހަށް "އެލާޖިކް" ވާ މީހެއް ނަމަ، ފަންކާ ޖެއްސުމުގެ ސަބަބުން ކޮޓަރިގެ ތެރޭގައިވާ ހިރަފުހާއި ކުދި ކުނިބުނި މުޅި ކޮޓަރި ތެރޭގައި އެނބުރެން ފަށަ އެވެ.

ހަށިގަނޑަށް މެދުނުކެނޑި ފަންކާގެ ވައިޖެހެމުންދާ ނަމަ އެކަމަކީ ނޭފަތާއި، އަނގަ، އަދި ކަރު ތެރެ ހިކެން ދިމާވާނެ ކަމެކެވެ. އެކަން ކަނޑުވާލުމަށް ހަށިގަނޑުން ދަވަ އުފައްދަ އެވެ. ގިނައިން ދަވަ އުފައްދާ ނަމަ، ކަރުގަ ރިއްސައި، ނޭފަތް ބެދި އަދި ބޮލުގައި ރިއްސަން މެދުވެރިވެ އެވެ.

ނޭފަތުގެ ތެރޭއަށް ޖަމާވާ ކުދި ކުނިބުނި ބޭރަށް ނެރެ ސާފުކުރާ ނޭވާލާ ނިޒާމުގައި ހިމެނޭ "ސީލިއާ" މަސައްކަތް ކުރުމަށް ތެތްކަމެއް ބޭނުންވެ އެވެ. ފަންކާގެ ވައިގެ ސަބަބުން ނެފަތް ތެރެ ހިއްކާލެވުމުން ނޭފަތުގެ އަމިއްލަ ރައްކާތެރި ކަމަށް މަސައްކަތް ކުރާ ބައިތަކުގެ މަސައްކަތް ހުއްޓުވާލެވުމުން ނޭވާލާ ނިޒާމަށް އެތެރެވާ "އެލާޖަންސް" ކުނިބުނި ގިނަވެ ކިނބިހި އެޅެން މެދުވެރިވެ އެވެ.

މީގެ އިތުރުން ހަންގަނޑު ހިކުމަކީ ވެސް ފަންކާ ޖަހައިގެން ނިދާ މީހުންނަށް ދިމާވާނެ މައްސަލައެކެވެ. މިކަމަކީ ހަމުގެ ތަފާތު މައްސަލަތައް ހުންނަ މީހުންނަށް ބަލި އިތުރަށް ގޯސް ކުރުވާނެ ކަމެކެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ނެވާލާ ނިޒާމްގެ ބައްޔެއް ނުވަތަ އެލާޖިކް މައްސަލައެއް ހުންނަ މީހެއް ނަމަ، އޭސީގެ ސަބަބުން ދިމާވެފައިވާ ފިނިކަމާއި، އަދި ކޮޓަރި ތެރޭގައި ބުރުޖަހާ ހިރަފުހުގެ ސަބަބުން އެމީހެއްގެ ބަލި އިތުރަށް ބޮޑުވެ އެވެ.

ހިރަފުހުގެ ސަބަބުން އިތުރު މައްސަލަތަކެއް

ސާފު ނުކުރެވޭ ފަންކާގެ ބުރަފައްޗަކީ ހިރަފުސް ޖަމާވެފައިވާ ތަނެކެވެ. ފަންކާ ޖެއްސުމުން ކޮޓަރިތެރޭ ކުރިން ހުރި ހިރަފުހުގެ ކުނިބުނީގެ ތެރެއަށް އިތުރަށް ހިރަފުސް އެއްކުރެވިގެންދެ އެވެ.

ފިނިކޮށްލުމުގެ ބޭނުމުގައި ފަންކާ ޖަހައިގެން ނިދާލަން ބޭނުން ނަމަ އެ ފަންކާއަކީ ހިރަފުސް ނުހުންނަ އަދި ސީދާ ގަޔާ ދިމާލަށް ވައި ނުފޯރާނެހެން ބެހެއްޓިފައިވާ ފަންކާއަކަށް ވުން މުހިންމު ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އޭގެ އިތުރުން ނިދަން އޮންނަ ކޮޓަރިއަކީ ވެސް ހިރަފުހުން ސަލާމަތް ވެގެންވާ ތަނަކަށް ވުން ވެސް މުހިންމެވެ.

ފަންކާއާއި އަދި ވަށައިގެންވާ މާހައުލު ހިރަފުހުން ރައްކާތެރި ނޫން ނަމަ ފަންކާ އެނބުރެން ފެށުމުން މުޅި ކޮޓަރީގައި ހިރަފުސް ދައުރުވާން ފަށަ އެވެ. ނަތިޖާއަކަށް ވަނީ ކަރުތެރެ ހިކުމާއި ހިރަފުސް ފޯރުމެވެ.

ވީމާ ރައްކާތެރި ގޮތުގައި ނިދުމަށްޓަކައި އޭސީ ޖައްސައި ފަންކާ ނިވާލާށެވެ. އޭސީ ކޮޓަރި އާއި ފަންކާގައިވާ ހިރަފުސް ފޮހެލާ ސާފުކޮށްލާށެވެ.