ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން އެތައްހާސް ބަޔަކު މާލޭގެ މަގުމައްޗަށް އެއްވެއްޖެ އެވެ.
އެމްޑީޕީން އިސްނަގައިގެން "ފުދިއްޖެ، ފުނޑިއްޖެ"ގެ ނަމުގައި ކުރިއަށްގެންދާ އެ އެއްވުން ފެށީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. އެ އެއްވުމުގައި ރާއްޖޭގެ އެކި ރަށްތަކުން އެތައްހާސް ބަޔަކު އެ އެއްވުމުގައި ޝުއޫރުފާޅުކުރަމުންދެ އެވެ.
އެ އެއްވުމުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނެ އެވެ.
މި އެއްވުމުގެ ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގާނޫނު އަސާސީ ފުނޑާލާ ރައްޔިތުންގެ މަޖިލިސް ވާކޮށްލާ ރައްޔިތުންގެ އަޑު ކަނޑުވާލީމާ ދެން އަޅުގަނޑުމެންނަށް އޮތީ ހަމަ ނުކުމެ މަގުމަތިން ތިޔަ ބޭފުޅުންނާ [ސަރުކާރަށް] އަޑު އިއްވުން ކަމަށެވެ.
"ރައީސް މުއިއްޒު.. އިސްތިއުފާ، ހޯމް މިނިސްޓަރު.. ވަކިކުރޭ. މިހުރިހާ އެއްމެންގެ އަޑުތައް ދެންސިލްސިލާކޮށް އަޅުގަނޑުމެންދާނީ އިއްވަމުން،" އޭނާ ވިދާޅުވި އެވެ.
އެއްވުމުގައި ވާހަކަދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކޮށްފައިވާ އެތައް ބަޔަކަށް މި ސަރުކާރުގެ ސަބަބުން ގެއްލުންވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރިސޯޓް މުވައްޒަފުންގެ މުސާރައަށް ވެސް ނުރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ މިވެރިކަން ބަދަލުކުރަން އެބަޖެހޭ،" އީސަ ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ ވައްކަންކުރުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ދައުލަތެއްގެ ސިފަ ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުންނަން މަޖުބޫރުވީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.