ކުރިއަށް އޮތްތަނުގައި ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރާނެ ކަމުގެ އިންޒާރު ދެމުން އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި އެއްވުން ނިންމާލައިފި އެވެ.
އެތައް ހާސް ބަޔަކާއެކު މިރޭ 8:30 ހާއިރު ފެށި އެއްވުން ނިންމާލީ 11:30 ހާއިރު އެވެ. މި އެއްވުމުގައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިނގާލާފައިވެ އެވެ.
މުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ސަރުކާރު ބަދަލުވަންދެން ނޫނީ ސަރުކާރު ހަމަމަގަށް އެޅެންދެން ސިލްސިލާ ގޮތެއްގައި މުޒާހަރާތަކެއް ކުރާނެ ކަމަށެވެ.
"މިއަދު ނުކުންނަން މިޖެހެނީ. މި ބަހުލޫލު ސަރުކާރުން ވެރިކަމާ ހަވާލުވެ އަނެއްކާވެސް ދިވެހި ރައްޔިތުން ހޯދާފައިވާ ހައްގުތައް ނިގުޅައިގަންނަން މިކުރާ މަސައްކަތް އަނެއްކާވެސް އަޅުގަނޑުމެންގެ ލޭ އޮހޮރައިގެން ވެސް މިކަން ހައްލުކޮށް ހުއްޓުވަންޖެހޭ. މި ސިލްސިލާ މުޒާހަރާތަކެއްގެ ގޮތުގައި މި ސަރުކާރު ބަދަލުވަންދެން ނޫނީ މި ސަރުކާރު ހަމަމަގަށް އެޅެންދެން މި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދެން،" ފައްޔާޒް ވިދާޅުވި އެވެ.
މިރޭ އެއްވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ފުދިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.
އެއްވުމުގައި ވާހަކަދެއްކި އެކި ބޭފުޅުން ވިދާޅުވީ މިހާތަނަށް މުޒާހަރާނުކޮށް ތިބީ ސަރުކާރުން އަމަލުކުރާގޮތް ބަލަން ކަމަށެވެ. ނަމަވެސް ސަރުކާރަށް އެއް އަހަރުވެގެންދިޔައިރު، ކަންކަން ބޮއްސުންލައިގެން ދިޔުމުން މަގުމައްޗަށް ނުކުތުން ނޫންގޮތެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
މި އެއްވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.