މިފަހުން ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބުނު އެއް ކަމަކީ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުން ވިދުން ގަދަ ރެދަންލާފައި ވަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ.
"ސީ އޮފް ސްޓާސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ރ. ވާދޫގެ އެ ގޮނޑުދޮށް ބޭރުގެ ބައެއް ފިލްމުތަކުގެ މަންޒަރުތަކުގައި ވެސް ބޭނުން ކޮށްފައިވެ އެވެ.
ރެދަން ލުމަކީ ރާއްޖޭގެ ބައެއް ރަށްތަކުން މޫސުމީ ކަމެއްގެ ގޮތުގައި ފެނުނު ކަމެއް ނަމަވެސް ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ރެދަން ލާ ފެނުގެ ސަރަހައްދުތައް ހުރެ އެވެ. އެގޮތުން އިރުމަތީ އޭޝިއާ އާއި ޔޫރަޕްގައި ވެސް މިފަދަ ތަންތަން ހުންނައިރު އެތަންތަނަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް މީހުން ޒިޔާރަތް ކުރެ އެވެ.
ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުޑަ ދިރުމެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. އާންމުކޮށް މި ސޫފިތައް ދިއްލިފައި ހުންނަނީ ނޫ ކުލައިން ކަމަށްވިޔަސް ބައެއް ފަހަރު ފެހި، ރަތް ނުވަތަ އޮރެންޖު ކުލައިން ވެސް ދިއްލިފައި ހުރެ އެވެ.
ރެއަކާއި ދުވާލުގެ 24 ގަޑިއިރު މިދިރުންތައް އެތަނެއްގައި އުޅުނު ނަމަވެސް އިރުގެ އަލީގައި އެ ނުފެންނާތީ ރެދަން އެންމެ ބޮޑަށް ފާޅުވަނީ ރޭގަނޑުވުމުންނެވެ.
އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި ރެދަންލުމަކީ ނާމާން ކަމެއްގެ ގޮތުގައި ދެކެވިފައި އޮތް ނަމަވެސް ޒަމާން ބަދަލުވެ މިއަދު އެއީ ޒަމާނީ ދަތުރު ފަތުރުގެ އެންމެ މަގުބޫލު އެއް ޓްރެންޑެވެ.