ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ކުރިއަށްހ އޮތް ހަނގުރާމަމަތީ ފިލްމު "މާތުރޫބޫމީ" ރިލީޒް ކުރުމަށް އިންޑިއާ ސަރުކާރުގެ އެންއޯސީ (ނޯ އޮބްޖެކްޝަން ކްލިއަރެންސް) ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަށް ހުއްދަ ލިބުނީ ފިލްމުގައި ހުރި ބައެއް މަންޒަރުތަކާއި ވާހަކައަށް ބަދަލުތަކެއް ގެނެސް، އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އެދެވޭ ގޮތެއްގައި ދެއްކުމަށްފަހުގަ އެވެ.
އެންމެ ފުރަތަމަ މި ފިލްމު އުފެއްދުމަށް ނިންމީ "ބެޓްލް އޮފް ގަލްވާން" މައިގަނޑު ނަމަކަށް ބޭނުން ކޮށްގެން، 2020 ވަނަ އަހަރު ގަލްވާން ވާދީގައި އިންޑިއާ އާއި ޗައިނާގެ ސިފައިންގެ ދެމެދުގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކުގެ މައްޗަށެވެ.
ނަމަވެސް، ފިލްމުގެ ފުރަތަމަ ކޮޕީގައި އިންޑިއާގެ ދިފާއީ ވުޒާރާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރުމާ ގުޅިގެން ފިލްމުގެ ގިނަ މަންޒަރުތަކެއް ވަނީ އަލުން ރީ-ޝޫޓްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓްރީއަށް މިހާރު ހުށަހެޅިފައިވާ އާ ކޮޕީގައި ޗައިނާއާ ދެކޮޅަށް ހުރި ހަރުކަށި ބަސްމަގާއި މަންޒަރުތައް ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސް ނުވާނެފަދަ އެދެވޭ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ސަލްމާން ހާން ފިލްމްސްއިން އުފައްދާ މި ފިލްމުގައި ސަލްމާންގެ އިތުރުން ޗިތުރާންގަދާ ސިންގްވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
މި ފިލްމު އެންމެ ފުރަތަމަ މިއަހަރުގެ އެޕްރީލް މަހު ރިލީޒްކުރަން ނިންމި ނަމަވެސް، ސެންސަރުގެ މައްސަލަތަކާ ހުރެ ވަނީ ފަސްކުރެވިފަ އެވެ.
ނަމަވެސް، މިހާރު ސަރުކާރުގެ ހުއްދަ ލިބުމާއެކު، އަންނަ ނޮވެމްބަރު މަހުގެ 13 ގައި މި ފިލްމު ސިނަމާތަކަށް ގެނައުމަށް ސަލްމާން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މި ތާރީހު ފައިނަލްވާނީ ސެންސަރު ބޯޑުން ފިލްމު ފާސް ކުރުމުންނެވެ.
ޓެކްސް ގާނޫނު ބަދަލުކުރިޔަސް ގެއްލުނު އިތުބާރު ނުލިބޭނެ: ފައްޔާޒު
ރަސްމާލެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް: ޝާހިދު
އީރާނުގެ ވަފުދުގެ ދެ މެންބަރަކު އެމެރިކާއިން ބޭރުކޮށްލައިފި