ޒަމާނަށްއައި ބަދަލާއެކު ހެދުން ފަރުމާކޮށް ފެހުމުގެ ރާގު ވެސް ވަނީ ބަދަލުވެފަ އެވެ. ހެދުމެއް ފުރިހަމަވުމަށް ޚާއްސަ ތަމްރީނުތަކަކާއި، އުފެއްދުންތެރި ވިސްނުން ހުރުމަކީ ފެހުންތެރިންނަށް ކޮންމެހެންބޭނުން ކަމަކަށް މިއަދުވަނީ ވެފައިއެވެ. އެންމެ ފަހުގެ ފެޝަންތަކުގެ މައުލޫމާތާއި، އުމުރާއިގުޅޭ ޑިޒައިންތަކާއި، ގެންގުޅޭ ފޮތިތަކުގެ ބާވަތާއި، ނަންތައް އަދި ފެހުމުގެ މަސައްކަތަށް ބޭނުންކުރެވޭ އާލައްތަކަށް އަހުލުވެރިވުމަކީ މިއަދު މޮޅު ފެހުންތެރިއަކަށް ވުމަށް މުހިންމު ކަންކަމެވެ. ވީމާ ފެހުމަކީ މިއަދު ފަސޭހަ މަސައްކަތެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
އައިމިނަތު ރިޒްނީ (ރިޒްނީ) އަކީ ޚާއްސަ ތަމްރީނުތަކެއް ލިބިގެން ފެހުމުގެ ތެރެއަށް ނިކުމެ މީހުންގެ ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ މީހެކެވެ. އޭނާ ފާހަގަ ކޮށްލެވެނީ ވެޑިން ޑްރެސް އާއި ޕާޓީ ޑްރެސް ކަސްޓަމާ ހިތްހަމަޖެހޭ ގޮތަށް އަވަހަށް ނިންމައިދޭ މޮޅު ފެހުންތެރިއެއްގެ ގޮތުގަ އެވެ. އަބަދުވެސް ފެހުމުގެ ޝައުގުވެރިކަން ހުންނަ ރިޒްނީ ކުޑައިރުން ފެށިގެންވެސް އަމިއްލަ ހެދުން ފަހަ އެވެ. އެ މަސައްކަތް އިތުރަށް ދަސްކުރުމުގެ ގޮތުން ފެހުމުގެ ކޯހެއް ވެސް އޭނާ ފުރިހަމަކުރި އެވެ. ސްކޫލް ނިމުމަށްފަހު ސަރުކާރުގެ ވަޒީފާއާ ގުޅުމުގެ ސަބަބުން ފެހުމުގެ ތެރޭގައި މާބޮޑަށް އޭރު ނޫޅެވޭ ކަމަށް އޭނާ ބުންޏެވެ.
ކޮމްޕިއުޓާ ސްޓަޑީޒްއިން އެޑްވާންސް ޑިޕްލޮމާ ފުރިހަމަކޮށްފައިވާ ރިޒްނީ ވަނީ ޔޫތް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގައި ވެސް ވަޒީފާ އަދާކޮށްފަ އެވެ. ނަމަވެސް ފަހުން ޒަވާޖީ ހަޔާތެއް ފަށައި، ކައިވެންޏަށް ތިންވަނަ ދަރިފުޅު ލިބުނު ހިސާބުން އޭނާގެ ވިސްނުން މަޑުމަޑުން ބަދަލުވާން ފެށި އެވެ.
"އަޅުގަނޑު ކުދިން ލިބެންދެން ޕްރައިރިޓީ (މުހިންމުކަން)ދިނީ ވަޒީފާއަށް. ނަމަވެސް ކުދިން ލިބި ގޭގަ ހުންނަން ޖެހުމުން ފެހުން ސީރިއަސްކޮށް ނެގިން،" ރިޒްނީ ބުންޏެވެ.
ފެޝަން ޑިޒައިނިން ތެރެއިން އިތުރު ތަޖުރިބާތަކެއް
ރިޒްނީ ފެހުމަށް ބޮޑަށް ޝައުގުވެރިވެވުނީ އޭނާއަށް އަންހެން ދަރިއަކު ލިބުނު ހިސާބުންނެވެ. އަންހެން ދަރިއަކު ލިބުމުން ކުދި ހެދުން ފަހަށް ފެށިކަމަށް އޭނާ ބުންޏެވެ. އެ ދަރިފުޅުގެ އުމުރުން ހަތަރު އަހަރު ފުރުމުން ފެހުމުގެ ރޮނގުން އިތުރަށް ކުރިއަށް ދާން ބޭނުންވެ، އޭނާ ފެހުމާ ގުޅޭ ކަމެއް ކިޔެވުމުގެ ބޭނުމުގައި އެޑްވާންސް ޑިޕްލޮމާއިން ފެޝަން ޑިޒައިނިން ކިޔެވި އެވެ. އޭރު އޭނާ އާއިލާއާއެކު ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެވެ. ފެޝަން ޑިޒައިނިން ކިޔަވަން ފެށި ދުވަސްވަރު ސްރީލަންކާގައި ކޮވިޑްގެ ބަލިމަޑުކަން ފެށި ކިޔެވުމަށް ކުޑަ ގޮންޖެހުންތަކެއް މެދުވެރިވިކަމަށް އޭނާ ބުންޏެވެ.
"އެއީ ވަރަށް ހާޑް (ދަތި އުނދަގޫ ) ދުވަސްކޮޅެއް .ރަމަޟާން މަހެއް ވެސް އައި ހަމަ އެދުވަސްވަރު. ކްލާހަށް ގޮސްގެން ނެގި ސެޝަންތައް ބައެއް ދުވަސް ދުވަހު އޮންލައިކޮށް ވެސް އޮވޭ. އެހެން ނަމަވެސް ފިރިމީހާއާއި ދަރިންގެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބުނު އަޅުގަނޑު މުޅި ދުވަހު ކިޔަވަން އުޅޭއިރު. ޚާއްސަކޮށް ކެއުމާއި ގޭތެރޭގެ ކަންކަން މެނޭޖްކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވޭ،" އޭނާ ބުންޏެވެ.
ރިޒްނީ ކިޔަވައި ނިމުމުން މަސައްކަތަށް މެދުކެނޑުމެއް ނުގެނެސް އޮންލައިކޮށް އޯޑާނަގައިގެން ފެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ކުޑަދުވަސްކޮޅަކު އެގޮތަށް މަސައްކަތް ކުރުމަށްފަހު މާރަނގަޅު ވިސްނުމެއް އައިސް "ރިޒް ކޯޝާ" ގެ ނަމުގައި ސްރީލަންކާގެ މުވައްޒަފުން ހިމަނައިގެން އެގައުމުގައި އޭނާގެ އަމިއްލަ ފަހާ ފެކްޓްރީއެއް ހުޅުވި އެވެ. އޭރު މުޅިން ވެސް ފަހައި އުޅުނީ އާދައިގެ ހެދުންކަމުގައި އޭނާ ބުންޏެވެ.
ވަރަށް ކާމިޔާބު ކަމާއެކީ އެ ފެކްޓްރީގެ މަސައްކަތް ހިންގުމަށްފަހު ރާއްޖެ ބަދަލުވެ، މިއަދު އެ ފެކްޓަރީ ހިންގަނީ ހުޅުމާލޭގަ އެވެ. އެތަނުގައި އަތްގާތް ކޮށްދޭނެ މުއައްޒިފުން ތިބިނަމަވެސް ރިޒްނީ އެ މީހުންނާ ހަވާލުނުކުރާނެ ކަމެއް އޮވެ އެވެ. އެއީ ހެދުން ކެނޑުމެވެ. އެ ފެކްޓަރީން ފަހާ ހުރިހާ ހެދުމަކީ ވެސް 100 ޕަސެންޓް ރިޒްނީ ކަނޑާ ހެދުމެވެ.
"ރާއްޖެއަށް ބަދަލުވިތާ އަދި އަހަރެއް މިވީ. އަޅުގަނޑުގެ ފެކްޓަރީ އިންނާނީ ހުޅުމާޅޭގައި. ދެތިން ބިދޭސީ ސްޓާފުންލައިގެން ފެކްޓަރީގައި މަސައްކަތް މިކުރަނީ. އަޅުގަނޑުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އެތާނގައި. ކަސްޓަމަރުންނާއި ޑީލް ކުރަނީ އަޅުގަނޑު. ހެނދުން ކަނޑާނީ އަޅުގަނޑު. އެއީ ހެދުން ހަޑިވާނީ ކެނޑުމުގެ މައްސަލައެއް ހުރީމަކަމުގައި އަޅުގަނޑަށް އިނގޭތީ، އެހެން މީހުން އަތަށް އެ މަސައްކަތް ހަވާލުކޮށް ރިސްކު ނުނަގަންވެގެން. އެހެންވީމަ މުއައްޒިފުންގެ އަތްމައްޗަކަށް އެބައެއް ދުލެއް ނުކޮށްލަން،" ރިޒްނީ ބުންޏެވެ.
މިހާރު އާންމުކޮށް ފަހަނީ ކެޝުއަލް ހެދުމުގެ އިތުރަށް ޕާޓީހެދުމާއި ވެޑިން ހެދުމެވެ. ރިޒްނީ ބުނިގޮތުގައި ވެޑިން ހެދުން ފެހުމުގެ ވިސްނުމަކީ އޭނާ މާކުރިން ވެސް ގެންގުޅުނު ވިސްނުމެކެވެ.
"ހަމައެކަނި ވެޑިން ޑްރެސް ފެހުން އެކަންޏެއް ނޫން. ވެޑިން ޕްލޭނިން އެއީވެސް އަޅުގަނޑުގެ ސިކުނޑީގައި އިންނަ ކޮންސެޕްޓެއް، "އޭނާ ބުންޏެވެ.
އަވަހަށް ފަހައިދިނުން: ކަސްޓާމަރުންގެ ބޮޑު ހިތްހަމަޖެހުމެއް
ރިޒްނީގެ މަސައްކަތް ތަފާތެވެ. ވެޑިންގް ޑްރެސްގެ ފޮއްޗަކީ އޭނާގެ އަމިއްލަ ފޮއްޗެވެ. ހެދުން ރީތިކުރަން ބޭނުންކުރާ ޖަރީގެ ސާމާނު އެއީ އޭނާ ކަނޑައަޅާ އެއްޗެކެވެ. މީހުން އޭނާގެ ކައިރިއަށް ހެދުން ފަހަން އަންނާނީ އެޕޮއިންޓްމަންޓް ހަދައިގެންނެވެ. އެއަށްފަހު ކަސްޓަމާއާއެކު އެއްމޭޒެއްގެ ދޮށުގައި އިނދެ ހެދުން ފަރުމާކުރުމާއި، ބޭނުންކުރާނެ ހެދުމުގެ މެޓީރިއަލް ކަނޑައެޅުމަށްފަހު، ގަޑިއަށް ހެދުން ނިންމާ ހަވާލުކުރުމަކީ އޭނާ އެންމެ އިސްކަންދޭ އެއްކަމެވެ.
ރިޒްނީގެ ފެކްޓްރީ ރާއްޖެގައި ހުޅުވުނު ފަހުން މިވީ ކުޑަ މުއްދަތުގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާކަށް އޭނާ ބުންޏެވެ. އެންމެ ބޮޑު އެއްސަބަބެއް ކަމުގައި އޭނާ ގަބޫލުކުރަނީ ފެހުމުގެ ޚިދުމަތްދޭ އެހެން ތަންތަނަށް ވުރެ އޭނާގެ ފެކްޓަރީން ފަހައިދޭ އަގު ރަނގަޅުވުމެވެ. ދެވަނަ ސަބަބެއް ވެސް އޭނާ ކިޔައިދިނެވެ.
"އަޅުގަނޑުމެން މަޝްހޫރުވެފަ އިންނާނީ އަވަހަށް ފަހައިދޭ ބައެއްގެ ގޮތުގައި. އެކަމާ ގުޅިގެން ވަރަށް ޕޮޒިޓިވް ކޮމެންޓްސް ވެސް އާދޭ. ކިތަންމެ އުނދަގޫ ހެދުމެއްވިއަސް ދެ ގަޑި އިރުތެރޭ ކަނޑާއި ނިންމަން. ފަހާމީހުން ވެސް އެ މީހެއްގެ ބައި ނިންމާނެ ދެ ގަނޑިއިރު ތެރޭ. އެހެންވީމަ ހެދުމެއް އެބަ ނިންމާލެވޭ އެއްދުވަހުން،" މިދިޔަ ޑިސެމްބަރު މަހުގާތްގަނޑަކަށް 20 ވެޑިން ޑްރެސް ފެހި ރިޒްނީ ބުންޏެވެ.
ރިޒްނީ ބުނިގޮތުގައި ނަން މަޝްހޫރު ތަންތަނުން ހެދުން ފެހުމަށްފަހު ހެދުން ކަމުނުގޮސްގެން އާހެދުމެއް ފަހަން އޭނާގެ ކައިރިއަށް ކޮންމެވެސް ވަރަކަށް މީހުން އަންނަ ކަމަށެވެ. ވަގުތު ކުޑަތަން ވެފައިވި ނަމަވެސް އެގޮތަށް އައުމުން އާހެދުމެއް، އެބޭނުންވާ ގަޑިއަކަށް ނިންމައިދިނުމަށް އޭނާ އިސްކަންދެ އެވެ. ރިޒްނީ ފަހައިދޭ ހެދުމެއް ކަމުނުގޮސްފިނަމަ، މުޅި ހެދުން މޮހާލައިގެން ހެދުން ރީތިކުރަން ވިޔަސް އެކަން ކޮށްދެ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ނަގާ މިންތަކުން އެއްވެސް މައްސަލައެއް ނުޖެހި ހެދުންނިމޭ. އެކަމަކު ކަމެއްދިމާވި ނަމަވެސް ފަހާ މީހުންނަށް ވެސް އަންގާފަ އޮންނާނީ ކަސްޓަމާ ހިތްހަމަ ޖެހޭ ގޮތަށޭ ހުންނަންވާނީ، އެއްވެސް ޝަކުވާއެއް އޮވެގެން ނުވާނެއޭ،" ރިޒްނީ ބުންޏެވެ.
ރިޒްނީގެ ކަސްޓަމަރުން ހިތްހަމަޖެހޭ އަދި ހިތްއެދޭ ފެންވަރަކަށް މަސައްކަތް ފޯރުކޮށްދިނުމަކީ އޭނާގެ އަމާޒެވެ. އެކަމަށްޓަކައި އެކުރަނީ ވަރަށް ބުރަ އަދި އުނދަގޫ ކަމެކެވެ. ނަމަވެސް އެކަމުގައި އޭނާގެ އެއްވެސް "ޝަކުވާއެއް" ނެތް ކަމަށް އޭނާ ބުންޏެވެ. އެއީ އޭނާގެ ހިތްހަމަޖެހުމެވެ.