ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި 417 މީހަކު އެބަތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ޖާގައިގެ ދަތިކަމާ ހެދި ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި އެބަތިބި ކަމަށެވެ. އެއީ 57 މީހުންނެވެ. އެ މީހުންގެ ތެރެއިން 21 މީހުންނަކީ އަތޮޅުތެރޭގައި ބަންދުކޮށްފައި ތިބި މީހުންނެވެ.
ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާގޮތުން ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 200 އަށް ވުރެ ގިނަ ދުވަސް ވެފައިވާ 10 މީހަކު މިހާރު ވެސް އެބަ ތިއްބެވެ.
އެ ރިޕޯޓްގައިވާގޮތުން ޝަރީއަތް ނިމެންދެން ބަންދުކޮށް، ރިމާންޑު ޖަލަށް ބަދަލުކޮށްފައިވާ ގިނަ މީހުން ތިބީ މާފުށީ ޖަލުގަ އެވެ.
މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 285 މީހަކު ތިބިއިރު، ހުޅުމާލޭގައި 70 މީހަކާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިން ކުޑަ ކުއްޖަކު އެބަތިއްބެވެ.
މީގެއިތުރުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދެ މީީހަކު މިވަގުތު ތިބީ ގޭ ބަންދުގައި ކަމަށް އެ ރިޕޯޓްގައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަހު ތިބޭ މައްސަލަ އަކީ އަދިވެސް ހައްލު ނުކުރެވޭ މައްސަލައެކެވެ.