އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމަކާއި، އެހެން ޤައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ވޮޝިންޓަނުން ނިންމާފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ނޮވެމްބަރު 6 ވަނަ ދުވަހު ހާމަކޮށްފި އެވެ.
މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ތެހެރާނުން ބޭނުންވާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ހާރިޖީ ވުޒާރާގެ 'ރިވޯޑްސް ފޯ ޖަސްޓިސް' ޕްރޮގްރާމްގެ ދަށުން، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، ވަސީލަތްތަކާއި، އަދި ސައިންސްވެރިން ހިމެނޭހެން އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން ޑޮލަރާ ހަމައަށް އިނާމު ދިނުމަށާއި، ރައްކާތެރި މާހައުލަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ވަނީ ހުށަހަޅާފަ އެވެ.
މި ޕްރޮގްރާމަކީ އެމެރިކާގެ މަސްލަހަތުތަކާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި، ހާރިޖީ ވުޒާރާގެ ޤައުމީ ސަލާމަތާ ބެހޭ އިނާމު ދިނުމުގެ އުސޫލުގެ ދަށުން 1984 ވަނަ އަހަރު އުފައްދާފައިވާ ނިޒާމެކެވެ. އިނާމާ ގުޅޭގޮތުން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އީރާނުން އަމަލުނުކުރުމުގެ ސަބަބުން، އެ ޤައުމުގެ ސެންޓްރިފިއުޖް ފަދަ މުހިންމު ވަސީލަތްތައް އުފައްދާ މިންވަރާއި އޭގެ ތަފްސީލުތައް ދެނެގަތުމަށް އެ އެޖެންސީއަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް، 20 މިލިއަން ޑޮލަރުގެ އިނާމު ލިބޭނީ ސީދާ ކޮން ކަހަލަ މައުލޫމާތެއް ފޯރުކޮށްދިނުމުން ކަމެއް އެ ބަޔާނުގައި ސާފުކޮށްފައެއް ނުވެ އެވެ.
ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމެރިކާގެ ބާރުތަކުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މުޅިން ނައްތާލާފައިވާ ކަމަށެވެ. ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ނޮވެމްބަރު 6 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އީރާނަށް ހަމަލާ ނުދިން ނަމަ، މިއަދު އިޒްރޭލު ނޯންނާނެ ކަމަށެވެ. އަދި އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރި ނަމަ، އެތަކެތި ބޭނުންކޮށް މުޅި މެދުއިރުމަތި ސުންނާފަތިކޮށްލީސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އަށް މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އީރާނުން މިހާރު ބޭނުންވަނީ މި ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް ކަމަށެވެ. "އަޅުގަނޑުމެން މިހާރު މިދަނީ އެފަރާތްތަކާ މުއާމަލާތް ކުރަމުން. އެމީހުން ވަރަށް ބޮޑަށް ބޭނުންވޭ އެއްބަސްވުމަކަށް އަންނަން،" ޓްރަމްޕް ވިދާޅުވި އެވެ.
މެދުވެރިން މެދުވެރިކޮށް ކުރެވޭ ހާރިޖީ މަސައްކަތްތައް ވަނީ ހަނގުރާމަ އަލުން ފެށުނަ ނުދިނުމަށްޓަކައި ވަރުގަދަކޮށްފަ އެވެ. އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ނޮވެމްބަރު 3 ވަނަ ދުވަހު ވިދާޅުވީ، މަޝްވަރާގެ މަގުން މި މައްސަލައަށް ހައްލެއް ހޯދުމަށް އޭނާގެ ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހަފުތާގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުގެ މެދުތެރޭގައި ހުންނަ، ނިއުކްލިއާ މަރުކަޒެއް ކަމަށް ޝައްކުކުރެވޭ 'ޕިކްއެކްސް މައުންޓަން' ހިމެނޭހެން ބައެއް ތަންތަނާ މެދު އަދިވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ނަމަވެސް އެއީ ނިއުކްލިއާ މަރުކަޒެއް ކަމަށް ބުނާ ވާހަކަ ތެހެރާނުން ދޮގުކުރެ އެވެ.
ނިދުމުގެ ކުރިން ލުއިކާނާ ކާހިތްވުން: ސިއްހީ ނުރައްކަލަކަށް ވެދާނެ
ރާއްޖޭގައި ޑައިވްކުރި ބައެއްގެ މެދުގައި މާރާމާރީ ހިންގައިފި
މިހާރުގެ އެކްޓަރުންނަށް ފަރާ ޚާން ވަރަށް ބޮޑަށް ފާޑުކިޔައިފި