އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު ދިހަ މަސް ފަހުން ހެޔޮކޮށްފި އެވެ.

އެ ކުންފުނިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި 27، ގަ އެވެ.

އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށެވެ. މިގެނައި ބަދަލާ އެކު، ޕެޓްރޯލް ލިޓަރަކުން ކުޑަކުރީ 48 ލާރި އެވެ. އެހެންވެ، މިއަދުން ފެށިގެން ފެޓްރޯލު ލިޓަރެއް ވިއްކާނީ 13.50ރ. އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ ކުރިން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.98 ރ. އަށެވެ.

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ވިޔަފާރި އެވެ.

އެސްޓީއޯއިން ޕެޓްރޯލް ހަގުހެޔޮ ކުރި ނަމަވެސް ޑީސަލްގެ އަގަށް ބަދަލެއް ނުގެނެ އެވެ.