އިންޑިއާގެ ރިއަލިޓީ ޝޯއެއް ކަމަށްވާ "ބެޓެލް އޮފް ބޭންޑްސް"ގައި ބައިވެރިިވި ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ހުށައެޅުމުން މަޝްހޫރު ލަވަކިޔުންތެރިޔާ އަނޫ މަލިކް ހައިރާން ކޮށްލައިފި އެވެ.
ރޭ ބޭއްވި އެ ޝޯގެ އެޕިސޯޑުގައި ގެސްޓް ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވި އަނޫ ބުނެފައި ވަނީ އެ ބޭންޑުގެ ހުށައެޅުމަށް މުބާރާތުގެ އެއްވަނަ ހައްގުވާ ކަމަށެވެ.
އެގޮތުން އެ ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އަދުހަމްގެ ހުނަރު ވަކިން ފާހަގަކޮށް އަނޫ ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
އެ ހުށައެޅުމުގައި "ޓޫ އޮފް އަސް"އިން ކިޔާފައި ވަނީ ދިވެހި ލަވަތަކެވެ. އެގޮތުން މެޒޯ މޯޑުގެ "މުޅި އޮޑި" އަދި މޭނާ ހައްސާނުގެ "މިލަ މިލަ ހަނދުވަރު ދޭ ރޭރޭގާ"ގެ ފިއުޝަންއެއް ގެނެސްދީފައިވެ އެވެ.
އިންޑިއާގެ ސަރުކާރު ޓީވީ "ދޫރްދަރްޝަން"އިން ކުރިއަށް ގެންދާ އެ ޝޯގައި މިފަހަރު ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ބޭންޑުތައް ވެސް ބައިވެރިވެ އެވެ.
ހުށައެޅުމަށްފަހު ޓޫ އޮފް އަސްގެ މެމްބަރުން ވަޑާ ޕާވް ކާން ގޮސް ނަގާފައިވާ ވީޑިއޯ ކްލިޕްތަކެއް ވެސް ޝޯގެ ތެރެއިން ދައްކާފައިވެ އެވެ.