މިއަހަރުގެ ރަމަޟާން މަހަށް ހަނދުބެލުން އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނުގައިބުނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން ހަނދު ބެލުމުގެ ކަންތައް ވަކިގޮތަކަށް ނިމެންދެން މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލުތަކުގެ އިދާރާތަކާއި، އަތޮޅު ކައުންސިލުގެ އިދާރާތަކާއި، އަދި އެ ޑިޕާރޓްމަންޓު ހުޅުވިފައި ހުންނާނެ ކަމަށެވެ.
ހަނދު ސާބިތުކުރަން، ހަނދު ފެނިގެން މައުލޫމާތު ދޭއިރު ބޭނުންވާ މުހިންމު މައުލޫމާތުގެ ތެރޭގައި ހަނދު ފެނުނު ވަގުތާއި، ހަނދު ހުރި އުސްމިނާއި، ހަނދު ދަތުރުކުރަމުންދާ މިސްރާބުގެ މައުލޫމާތު ހުށަހަޅަންޖެހެ އެވެ.
މާލޭގައި ހުރި ފަރާތަކަށް ހަނދު ފެނިއްޖެނަމަ ހެކިބަސް ދޭން ހަމަޖެހިފައިވަނީ ކޯޓެއްގެ ޣާޒީއެއްގެ ކުރިމަތީގަ އެވެ. އަތޮޅުތެރޭގެ ރަށެއްގައި ނަމަ ހެކިބަސް ދޭން ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓެ ކޯޓުގެ ޣާޒީގެ ކުރިމަތީ އެވެ. އެހެން ނަމަވެސް، އެރަށެއްގައި ޣާޒީއަކު ނެތް ރަށެއްނަމަ ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލް އިދާރަގެ ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ކުރިމަތީ އެވެ.