ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން އުޅުނު ދެ ދިވެއްސަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހުއްޓުވައިފި އެވެ.
އިންޑިއާގެ ކަސްޓަމްސް އިން ބުނީ ބޭސްތައް ފެނުނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަށް ދާން ފުރަން ގޮސް ތިބި ދެ ދިވެެއްސެއްގެ ލަގެޖުން ކަމަށާއި، އެހާ ގިނަ އަދަދެއްގެ ބޭސް އެކްސްޕޯޓު ކުރަން ހުއްދަ ބޭނުންވާއިރު، އެކަމުގެ އެއްވެސް ލިޔުމެއް އަދި ހުއްދައެއް ވެސް އެ މީހުންގެ އަތުގައި ނެތް ކަމަށެވެ.
އެ ދެ މީހުންގެ ލަގެޖުން ފެނުނު ބޭހުގެ އަގު ތިން ލައްކަ އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެކަމަށް ބެލެވޭއިރު، އެ މީހުން އެ ބޭސްތައް ރާއްޖެ އަށް ގެންނަން އުޅުނު ސީދާ ސަބަބެއް ސާފުވެފައެއް ނުވެ އެވެ.
އެހެންކަމުން އިންޑިއާގެ ކަސްޓަމްސް އިން ވަނީ އެ ބޭސްތައް އަތުލުމަށްފަހު އެ ދެ ދިވެހިން އަންނަން އުޅުނު ފްލައިޓުން ރާއްޖެއަށް ފުރުވާލާފަ އެވެ.
އެ ބޭސްތައް ތަހުލީލުކޮށް، އޭގައި މަސްތުވާ ޒާތުގެ ބޭހެއް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ މިގޮތަށް ވަގަށް ބޭސް ބޭރުކުރުމުގައި ހަރަކާތްތެރިވާ ނެޓްވޯކެއްގެ ތެރެއިން ހިނގި ކަމެއްތޯ ބަލަމުން އަންނަ ކަމަށް އިންޑިއާގެ ކަސްޓަމްސް އިން ބުނެ އެވެ.
މި ސަރުކާރުން އާސަންދައިގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ބޭސް ލިބުން ތާށިވެފައިވާއިރު، މިކަމާ ގުޅިގެން ސަރުކާރުން ބުނި ގޮތުގައި މިއީ އާސަންދައިގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާނެ ފުރުސަތު މިހާރު ނުލިބޭތީ، ބޭހުގެ ވިޔަފާރިކުރާ ބައެއް އަމިއްލަ ފަރާތްތަކުން ގަސްދުގައި ބޭސް ވިއްކުން ތާށިކުރާތީ ދިމާވާ ކަމެކެވެ.