ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ޝަރަފްވެރިކަމާއެކު ރިޓަޔާކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އަންނަ މަހުން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު ޝަރަފްވެރިކަމާއެކު ރިޓަޔާކޮށްދޭން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ވަކިވުމުން ހުސްވާ މަގާމަށް އާ ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

އަލީ ރަޝީދަކީ ކުރިން ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.

އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ޔާމީނަށް ހުކުމްކުރިތާ ދުވަސްކޮޅެއްފަހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ބައެއް ފަރާތްތަކުން ހުށަހެޅި ނަމަވެސް އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތެއް ނުވެ އެވެ.