އެމެރިކާގައި އިއްޔެ ބޭއްވި މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއި ޑިމޮކްރެޓުން ހޯދި ބޮޑު ކާމިޔާބީގެ މައިގަނޑު ސަބަބަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކަމަށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.
މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވެންސް ވިދާޅުވީ، ވޮޝިންޓަން ހައިރާންކޮށްލުމަށްފަހު ޑިމޮކްރެޓުން ހޯދި މި ކާމިޔާބީގެ ފަހަތުގައިވަނީ އީރާން ހަނގުރާމަ ކަމަށެވެ. "އަހަރެމެން ބަލިވި ސަބަބަކީ މި ހަނގުރާމަ. ރައީސް ޓްރަމްޕް ވެސް ރޭގައި އެކަމަށް އިއުތިރާފުވެވަޑައިގެންނެވި،" ވެންސް ލިޔުއްވާފައިވެ އެވެ. ވެންސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 6 އަހަރަށް ސެނެޓްގެ އަޣުލަބިއްޔަތު ގެއްލުމަކީ މި ހަނގުރާމައިގެ ބަދަލުގައި ދޭންޖެހުނު އަގެއް ކަމަށް ބަޔަކު ދެކޭނަމަ އެއީ ތެދު ވާހަކައަކަށް ވާނެ ކަމަށެވެ.
ވެންސް މިފަދައިން ވިދާޅުވެފައި މިވަނީ، އިންތިހާބުގެ ނަތީޖާއަށް އީރާން ހަނގުރާމައިގެ އަސަރު ފޯރާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި އެއްބަސްވެވަޑައިގެންފައި ވަނިކޮށެވެ. ނަމަވެސް، އެ ހަނގުރާމައާމެދު ހިތާމަކުރައްވާ ކަމަކަށް ޓްރަމްޕް ވިދާޅެއްނުވެ އެވެ.
މި ނާކާމިޔާބީގެ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ވެންސް ވިދާޅުވީ، ވައިޓް ހައުސްއިން އުއްމީދުކުރި ނަތީޖާ ނުނިކުތް ކަމަށާއި، 2024 ވަނަ އަހަރު ޓްރަމްޕާއި ވެންސްއަށް ވޯޓުދިން ގިނަ އަދަދެއްގެ އާންމުން މިފަހަރުގެ އިންތިހާބުގައި ވޯޓު ދީފައިވަނީ ޑިމޮކްރެޓުންނަށް ކަމަށެވެ. އަދި އެ ރައްޔިތުން ތިބީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގެއްލުނު ތާއީދު އަލުން ހޯދުމަށްޓަކައި ރިޕަބްލިކަން ޕާޓީން ކޮންމެހެން ކުރަންޖެހޭ ހަތަރު ކަމެއް ވެންސް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އީރާން ހަނގުރާމަ ވަގުތުން ހުއްޓާލުން.
- ތަކެތީގެ އަގުބޮޑުވުމާއި އިންފްލޭޝަނަށް ހައްލެއް ހޯދުން.
- އަބަދުވެސް އެމެރިކާ އިސްކުރުން ("އެމެރިކާ ފަސްޓް").
- އިޒްރޭލާ އެކު އޮންނަ ގުޅުން އަލުން މުރާޖައާކޮށް ބަދަލުކުރުން.
މި އިންތިހާބާ ގުޅިގެން ނެގުނު އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލުމާއި ސަރުކާރުގެ ކޮރަޕްޝަނަކީ ވެސް ވޯޓުލީ މީހުން ކަންބޮޑުވި މައިގަނޑު މައްސަލަތަކެވެ. ޚާއްސަކޮށް އީރާން ހަނގުރާމައާއި ޓްރަމްޕްގެ ޓެރިފް ސިޔާސަތުތަކުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
ސިޔާސީ މާހިރުން ދެކޭގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި، ވެންސް މިފަދަ ހަރުކަށި އިބާރާތުން ވާހަކަދެއްކެވުމަކީ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކާ ކޮންމެވެސް ވަރަކަށް ދުރުހެލިވެ، އަމިއްލަ ސިޔާސީ މަގު ކޮށުމަށް އެޅުއްވި ފިޔަވަޅެކެވެ. ހާއްސަކޮށް ޓްރަމްޕާ މެދު ހިތްހަމަނުޖެހޭ ރިޕަބްލިކަން މެންބަރުންގެ ތާއީދު ހޯދުމަށް ވެންސް މަސައްކަތް ކުރައްވާ ކަމަށް ބެލެވެ އެވެ.
މި ވާހަކަތަކާ ގުޅިގެން ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
"ސަރުކާރަށް 15 އަަހަރު ލިބިއްޖެނަމަ ޑޮލަރު 10އަކަށް ދަށްވާނެ"
ފުރުގާން މިސްކިތަށް ގެއްލުންދިން މީހާ މިނިވަންވެއްޖެ
މޯލްޑިވްސް އެކްސްޕޯގެ ނަމުގެ މައްސަލަ ކުރިމަތިވެ, ކޯޓަށް