ތ. ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދައި އެކަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔާ ކޮމްޕޯނަންޓްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 9:40 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އެ ރަށު މީހަކު ބުނީ މި ހާދިސާ ހިނގީ ފަޅު ތެރޭގައި އޮތް ދެ ބޯޓަކުން އެހެން ތެޔޮ ބޯޓަކަށް ތެޔޮ އަޅައި ނިމިގެން އެއް ބޯޓުގެ އިންޖީނު ސްޓާޓްކޮށްލުމާއެކު ރޯވެގެން ކަމަށެވެ. އޭރު ދެ ބޯޓު އޮތީ ވަރަށް ކައިރީގައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ރޯވުމާއެކު ދެ ބޯޓު ވެސް މިހާރު ވަނީ ފަޅުތެރެއިން ނެރެފައި. އޭގެ ތެރެއިން އެއް ބޯޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި،" އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ވިލިފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވިދާޅުވީ މި ހާދިސާގައި އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. އަދި އޭނާއަށް ވިލިފުށީ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ. ފޮޓޯ: އެމްއެންޑީއެފް

ކައުންސިލް ރައީސް ވިދާޅުވީ އެމްއެންޑީއެފްއާއި ކައުންސިލާއި ގުޅިގެން އަލިފާން ގަނޑު ނިންވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރޯވެފައިވާ ބޯއްޓު މިހާރު ވާ ޖަހައިގެން ފަޅުތެރެއިން ބޭރައް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަބީން ވިދާޅުވީ މިއީ މި ފަދަ ހާދިސާއެއް ވިލިފުށީގައި ހިނގި ދެވަނަ ފަހަރު ކަމަށެވެ.