ސޯޝަލް މީޑިއާ މަނާކުރުމުން އެކަމާ ދެކޮޅަށް ނޭޕާލުގައި ޒުވާނުން ކުރަމުން ގެންދާ މުޒާހަރާތައް، ހޫނުވެ، ހިނގި ހަމަނުޖެހުން ތަކުގައި 14 މީހުން މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ފޭސްބުކް އަދި އެކްސް ހިމެނޭ ގޮތަށް, ނޭޕާލުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރަޖިސްޓްރީ ކުރުމުގެ ޝަރުތުތަކަށް އަމަލު ނުކުރާތީ އެ ޕްލެޓްފޯމުތައް އެ ގައުމުން ބްލޮކްކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގަ އެވެ.
ނޭޕާލުގެ ސަރުކާރުން ބުނާ ގޮތުގައި އެ ފިޔަވަޅަކީ އޮންލައިންކޮށް ފަތުރާ ދޮގު ޚަބަރުތަކާއި ސައިބާ ކްރައިމް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ.
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނޭޕާލުން ވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭސަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގައި ރަޖިސްޓްރީކޮށް، އަމިއްލައަށް ރެގިއުލޭޓް ކުރާނެ މީހަކު ކަނޑައަޅަން ވަގުތު ދީފައެވެ.
ކޮމިއުނިކޭޝަންސް އެންޑް އައިޓީ މިނިސްޓަރު ޕްރިތުވީ ސުއްބާ ގުރޫންގް ވިދާޅުވީ، ޕްލެޓްފޯމްތައް ރަޖިސްޓްރީ ކުރަން އެކަށީގެންވާ ވަގުތު ދިން ކަމަށާއި ތަކުރާރުކޮށް އެދުނު ނަމަވެސް އެކަމަށް އަޅާނުލުމުން ނޭޕާލުގައި އެ ކުންފުނިތަކުގެ އޮޕަރޭސަންތައް ބަންދުކުރަން ޖެހެނީ ކަމަށެވެ.
އެކަމާ ގުޅިގެން، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޑިޖިޓަލް ރައިޓްސް ނޭޕާލްގެ ރައީސް ބޮލާ ނާތު ދުންގަނާ ވިދާޅުވީ ޕްލެޓްފޯމުތައް ކުއްލިއަކަށް ބަންދު ކުރުމަކީ ހިޔާލު ފާޅުކުރުން ކޮންޓްރޯލު ކުރުން ކަމަށެވެ.
ނޭޕާލު ސަރުކާރުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް މަނާކުރުމާ ދެކޮޅަށް އެ ގައުމުގެ އެތަށް ހާސް ޒުވާނުންނެއް ދަނީ މަަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހު އެ ގައުމުގައި ޒުވާނުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ވަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގާފަ އެވެ. އެގޮތުން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ކުރަމުން ގެންދިޔަ މަސައްކަތް ނާކާމިޔާބުވެ، ހިނގި ހަމަނުޖެހުމުގެ ތެރެއިން 14 ޒުވާނަކު ވަނީ މަރުވެފަ އެވެ.
ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހާލަތު ހޯސްވެ، ނޭޕާލުގެ ބައެއް ހިސާބުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އެހެން ނަމަވެސް އެ މުޒާހަރާގެ ބައިވެރިން ދަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ނޭޕާލުގައި މިވަގުތު ކުރިއަށް ދަނީ އެގައުމުގެ ތާރީހުގައި ވެސް މިހާތަނަށް ނުފެންނަ ވަރުގެ ވަރުގަދަ މުޒާހަރާ އެވެ.
ނޭޕާލުގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި މި މުޒާހަރާގައި ގިނައިން ބައިވެރިވެ އަޑުއުފުލަމުން ދަނީ ކޮލެޖާއި ސްކޫލުގައި ކިޔަވާ ދަރިވަރުންނެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ނުވަދެވޭ ގޮތަށް މަނާކުރަން ނިންމިއިރު، މީގެ ކުރިންވެސް މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކަށް ވަދެވޭ ގޮތް ހަނިކޮށްފައިވެއެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ އެ ކަމާ ގުޅޭ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލާ ދެކޮޅަށް ނޭޕާލުގައި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.