އޭނާ ފަހަން ދަސްކުރީ ދޮންތަ ފަހާތަން ބަލައިގެން. ފުރަތަމަ ފަހަން ފެށީ ފައިން އަނބުރާ ފޮށްޓަކުން. ފުރަތަމަ ފެހީ އަމިއްލަ ހެދުންތަކާ ގާތް މީހުންގެ ހެދުން. ރީތިކޮށް ފެހެން ފެށުމުން އަގަށް ފަހަން ފެށި. އޭގެ ސަބަބުން ގިނަ ބަޔަކަށް އޭނާ ތައާރަފުވި. ފަހާ ތަނެއް ހުޅުވީ އެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި. އޭނާގެ ފަހާތަނުން ހުރިހާ ވައްތަރެއްގެ ހެދުން ވެސް ފަހައި ގަޑިއަށް ނިންމައިދޭ. އޭނާގެ ކައިރިން ފެހުމުގެ ޚިދުމަތް ހޯދާ މީހުންގެ ފަރާތުން ލިބޭ ލޯބި މެސެޖަކީ އެ މަސައްކަތް ރަނގަޅަށް ކުރެވުނުކަމުގެ ހިތްހަމަޖެހުން ކަމަށް ދެކޭ. މިހާރު އޭނާ ތައްޔާރުވަމުންދަނީ މީހުންނަށް ބޭނުންތެރި އިތުރު ޚިދުމަތްތަކެއް ދިނުމަށް. ފެހުމުގެ އިތުރުން އޭނާ މީރުކޮށް ކެއްކުމަށް ވެސް ޝައުގުވެރިވޭ.

އެންމެ ޝައުގުވެރިވާ މަސައްކަތް ކުރުމަށް ފުރުސަތު ލިބި، އެކަމުގައި ގާތް މީހުންގެ އެއްބާރުލުން ލިބިއްޖެނަމަ، ކާމިޔާބަށް ވާސިލުވުމަކީ ދުރުކަމެއް ނޫންކަން މި ހުނަރުވެރި އެ ވަނީ ސާބިތުކޮށްދީފަ އެވެ.

ނ. ހޮޅުދޫއަށް އުފަން އެ ރަށު ވިޝާން، ޚާލިދާ ހަސަން މަނިކު (ތޫ) އަށް ފެހުމުގެ ދާއިރާގައި މީހުން ބަލައިގަންނަ ހިސާބަކަށް ދެވިދާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ. މީހުންނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ތޫ، ފަހަން ދަސްކުރީ މީހަކު ފަހަން ދަސްކުރާނެ އެންމެ ދަތި މަގުންނެވެ. މީހުން ފަހާފައި ހުންނަ ހެދުން މޮހާލައިގެން އެބަލައިގެންނެވެ. އެ މަސައްކަތް މީހުން ކުރާތަން ބަލަން ހުރެގެންނެވެ. އަހައި އޮޅުންފިލުވައިގެންނެވެ. ފަހަން އޭރު ލިބުނީ ފައިން އަނބުރާ ފަހާ ފޮށްޓެކެވެ. ނަމަވެސް އެ މަސައްކަތަށް ހުރި ލޯބި އޭނާ ވަނީ އެތަން ހަރުފަތެއް އުހަށް ގެންގޮސްދީ މީހުންގެ ވެސް ލޯބި ހޯދައިދީފަ އެވެ.

ތޫ ހެދުމެއް ޑިޒައިން ކުރަނީ: ފެހުމަކީ އޭނާއަށް ދުރުނުވެވުނު މަސައްކަތެއް

ތޫ އުފަންވީ މަސައްކަތްތެރި އަދި އެކުވެރި އާއިލާއަކަށެވެ. އޭގެ ސަބަބުން ގޭތެރެއިން ގިނަ މަސައްކަތްތަކަކަށް ލޯ ހުޅުވިގެން ދިޔަ އެވެ. ޒަވާޖީ ހަޔާތެއް ފަށައި، ދަރިއަކު ލިބުނު ފަހުން މަސައްކަތެއް ކުރުމަށް ވިސްނުނެވެ. ބޮޑަށް ޝައުގުވެރިކަން އުފެދިފައި ހުރީ ފެހުމުގެ ދާއިރާއަށެވެ. އެއީ އޭނާގެ ދޮންތަ ފަހާތަން ބަލައިގެން ކޮންމެވެސް ވަރަކަށް ފެހުމުގެ މަސައްކަތް ދަސްވެފައިވާތީ އެވެ.

"ފެހުމުގެ މަސައްކަތް ދަސްކުރީ ދޮންތަ ކައިރިން. ހަމަބަލަން ހުރެގެން ދަސްކުރީ. ދޮންތައަކީ ވަރަށް ރީތިކޮށް ދިގުހެދުން ފަހާ މީހެއް. ބައެއް ފަހަރު އަޅުގަނޑަށް ހެދުމުގެ ތަންތަންކޮޅު ފަހާލަން ދީ ހަދާނެ. ފަހުން ފިރިމީހާގެ ގެއަށް ބަދަލުވި ފަހުން ހޮޅުދޫގައި ފެހުމުގެ މަސައްކަތަށް ވަރަށް މޮޅު މަޝްހޫރު މީހެއް ކަމަށްވާ އާބިދާ ދިމާވި. އޭނާގެ ކައިރިން ވެސް ވަރަށް ގިނަ ފެހުމުގެ ހުނަރު ދަސްވި. އޭގެ ފަހުން އެއްމަސް ދުވަހުގެ ފަހާ ކޯހެއް ވެސް އަޅުގަނޑު ހެދިން. އެހީ ބޮޑަށް އެ މަސައްކަތް ދަސްކުރުމަށް،" ތޫ ކިޔައިދިނެވެ.

ތޫ ޓެއިލާސްއިން ފަހާފައިވާ ވެޑިންގް ޑްރެސް އާއި ކޯޓު ފަޓުލޫނު: ޚާއްސަ މުނާސަބަތުތަކަށް ބޭނުންވާ ހެދުން އެތަނުން ފަހައިދޭ

ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އަލަށް ފައިން އަނބުރާ ފަހާ ފޮށްޓެއް ބޭނުންކުރަން އޭނާއަށް ލިބުނެވެ. އޭރު އޭނާ ފަހަން ފެށީ ދަރިފުޅު ބަލަމުން ގޭތެރޭގައި އިނދެ ކުރެވޭނެ މަސައްކަތެއް ކުރުމުގެ ގޮތުންނެވެ. އާންމުކޮށް އޭރު ފަހައި އުޅުނީ އަމިއްލަ ހެދުމާއި ރައްޓެހިންގެ ހެދުންތަކެވެ. އެއްވެސް ވަރަކަށް އާމްދަނީއެއް ހޯދުމުގެ ވިސްނުމެއް ނެތި އެވެ. ނަމަވެސް ރީތިކޮށް ފެހެން ފެށުމުން އަގަށް ފަހަން ފެށި އެވެ. އޭގެ ސަބަބުން ތޫގެ ފެހުން ރައްޓެހިންނަށް ކަމުދާން ފެށި އެވެ.

ތޫޓެއިލާސްއިން ފަހާފައިވާ ދިވެހި ހެދުންތަކެއް: ލިބާހުގެ ރުމާފަޅި ވެސް ތޫ ހަދައިދޭ

މާލެއަށް ބަދަލުވުމުން ވެސް ފެހުމުގެ މަސައްކަތާ ދުރެއް ނުވެވުނެވެ. ފެހުން ހަމަ އެ ބާރުމިނުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ގޭތެރޭގައި އެ މަސައްކަތް ކުރުމަށް ދަތިވުމުން ދެވަނަ ވިސްނުމަކަށް ދާން ޖެހުނެވެ. އެ ދަނޑިވަޅުގައި ފިރިމީހާ ގަނެދިން ބޮޑު ފަހާފޮށްޓަކީ ވެސް ތޫ ބުނިގޮތުގައި އެ މަސައްކަތުގައި ދެމިހުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. އަދި ފަހާތަނެއް ހުޅުވައިގެން ފެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މާރަނގަޅު ގޮތެއް ކަމަށް ފެނުނެވެ.

ތޫ ޓެއިލާސްގެ މަސައްކަތުގައި: ހުރިހާ ހުސްވަގުތެއް ހޭދަކުރަނީ ފަހާތަނުގައި

ފަހާ ތަނެއް ހުޅުވުމަކީ އޭނާ އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެކެވެ. ނަސީބު ދިމާކުރިގޮތުން އޭނާގެ ފިރިމީހާގެ ގާތް ރައްޓެއްސެއް އެކަމުގައި އެހީތެރިވެދިނުމަށް އެއްބަސްވެ، އޭނާއާއި ތޫ ގުޅިގެން "ތޫ ޓެއިލާސް" ގެ ނަމުގައި މާލޭގައި، މާފަންނު ޖަންބުމަގުގައި ފަހާ ތަނެއް ހުޅުވި އެވެ. ނަމަވެސް އެއަށް ވުރެ ޖާގަ ބޮޑު ތަނަކަށް އަންނަ މަހުގެ އެއްވަނަ ދުވަހު ބަދަލުވާން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މަމްސް އެއިޑްގެ އިވެންޓެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފެހުމަކީ ލޯތްބާއި ކެތްތެރިކަމާއެކީ ނޫނީ ނުކުރެވޭނެ ކަމެއްކަމަށް ތޫ ބުނި

"ފިރިމީހާގެ އެކުވެރިޔާއަކީ މިކަހަލަ ކަންތައްތަކުގައި ވަރަށް ކުޅަދާނަ ވަރަށް ރޭވުންތެރި އަދި ދުރުވިސްނޭ މީހެއް. އޭނާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރިއަށް މިގެންދަނީ. ތޫ ޓެއިލާސްގައި މުސާރަދީގެން މިހާރު މުވައްޒަފުން ގެންގުޅެން. ހަތަރު ފަހާ ފޮށި ހުންނާނެ ހަތަރު މީހުންނަށް. އެ މީހުން ފެހި ނަމަވެސް އަޅުގަނޑު ޑިޒައިން ކުރާނީ. ހެދުން ހެޔޮވަރުކުރުމާއި އޯޑަރުތައް ނަގާނީ ވެސް އަޅުގަނޑު. ބޭރު މީހުންގެ އަތްމައްޗަށް ދުލެއް ނުކުރަން. އޭގެ އިތުރުން ޕޭޖު ހިންގުމާއި، ހެދުންތަކުގެ ވީޑިއޯ ނެގުމާއި މިކަންތަކަކީ ވެސް އަޅުގަނޑު ކުރާކަންކަން،" 'ތޫ ޓެއިލާސް'ގެ ނަމުގައި އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގައި އެ ޕޭޖްގެ ހުރިހާ މުއާމަލާތެއް ކުރިއަށްގެންދާ ތޫ ބުންޏެވެ.

ތޫ ޓެއިލާސްގެ މުއައްޒިފުން: ކަސްޓަމާސް ހިތްހަމަޖެހޭގޮތަށް ބޭނުންވާ ދުވަހަކަށް ހެދުން ނިންމައިދިނުމަކީ އެމީހުންގެ އެންމެ ބޮޑު އަމާޒު

ތޫ ޓެއިލާސްގައި ހުރިހާ ވައްތަރެއްގެ ހެދުން ފަހައިދިނުމުގެ ޚިދުމަތް ފޯރުކޮށްދެވެ އެވެ. ވެޑިން ޑްރެސްއާއި ކޯޓު ފަޓުލޫނު، ޕާޓީ ހެދުން ހިމެނެ އެވެ. ސްކޫލްތަކުގެ ކޮންސެޓް ހެދުންތަކާއި، ދިވެހި ހެދުންތަކުގެ ތެރޭގައި ހިމެނޭ ދިގުހެދުން، ލިބާސް، ކުޑަކުދިންގެ ހެދުން އަދި އަބާޔާ ވެސް އެތަނުން ރީތިކޮށް ފަހައިދެ އެވެ. އޭގެ އިތުރުން ކަސަބު ލިބާހާއެކު އަޅާ ރުމާފަޅި ވެސް ތޫ ތައްޔާރުކޮށްދެ އެވެ.

ތޫ ޓެއިލާސްއިން ފަހާފައިވާ ޕާޓީ ހެދުންތަކެއް: ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެތަނުން ރީތިކޮށް ހެދުން ފަހައިދޭ

ތޫގެ ތަފާތު ހުނަރެއް: މީރުކޮށް ކެއްކުން

ފެހުމުގެ އިތުރުން ކުޅު ދިޔާކޮށްލާ ފަދަ މީރު ކެއުން ތައްޔާރު ކުރުމަށް ވެސް އޭނާ ވަރަށް ކުޅަދާނަ އެވެ. ކޭކު ކޯސް ވެސް ހަދާފައިވާ ތޫ، ގާތް މީހަކު ބުނެފިނަމަ، ކޭކު ވެސް އަޅައިދެ އެވެ. އަދި ބޮޑެތި ކެއުންތައް އެކަނި ކައްކާލަން ޖެހިއްޖެ ނަމަ އޭނާ ކުޑަކޮށް ވެސް ހާސްނުވާނެ ކަމަށް ބުންޏެވެ.

ތޫ ޓެއިލާސް އަށްފަހު ތޫ ކުޝަން ސޮލިއުޝަން

ތޫ މެންގެ ތޫ ޓެއިލާސްއިން މީހުންގެ ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު މިއަދު އެތަނުން އަންނަނީ "ތޫ ކުޝަން ސޮލިއުޝަންސް" ގެނަމުގައި އިތުރު ފިހާރައެއް ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ.

ސްކޫލް ކޮންސެޓް ކޮސްޓިއުމްތަކެއް: ސްކޫލް ކޮންސެޓް އޯޑާތައް ވަރަށް ގިނައިން ތޫޓެއިލާސްއަށް ލިބޭ

"ތޫ ކުޝަން ސޮލިއުޝަނުން އާންމުންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ދެވޭނެ. އެއީ ސައިކަލު މަޑި ހެދުމާއި، ސޯފާ ކަވަރު، ކުޝަން ކަވަރު އަދި ލޯންޗް ޝީޓް ހެދުމުގެ ޚިދުމަތް. މުވައްޒަފުން ވެސް ލައިގެން އެ ޚިދުމަތް އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން ވަނީ ހަމަޖެހިފައި،" ތޫ ބުންޏެވެ.

މަސައްކަތުގައި ކުރިއަށް ދިއުމަށް މުޅި އާއިލާ އަދި ލޯބި ފަހަރިންގެ ބޮޑު ދައުރެއް

ތޫގެ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ބާރަކީ އޭނާގެ މަންމަގެ ހެޔޮދުއާކަން ތޫ އަބަދު ވެސް ހަނދާން ކުރެ އެވެ. އެކަމަށްޓަކައި ތޫގެ ލޯބި މަންމައަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ. އޭގެ އިތުރުން އޭނާ މާލޭގައި ހުންނަ ގޭ ދައްތަ ދޭ އެއްބާރުލުމަށް ވެސް ފަށްފަށުން ޝުކުރު އަދާކުރެ އެވެ. ދެން އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ލިބެނީ ފިރިމީހާއާއި އާއިލާގެ ތެރެއިން ކަން އޭނާ އުފަލާއެކު ފާހަގަކުރި އެވެ.

މަންމައާއެކު ބަގީޗާއެއްގައި: ތޫގެ މަންމަގެ ހެޔޮދުޢާއަކީ ފެހުމުގެ މަސައްކަތުގައި ކުރިއަށް ދެވުމުގެ ސަބަބު

"ފަހާތަން ހުޅުވުމަށް ވަރަށް ހިތްވަރުދިން އަޅުގަނޑުގެ ފިރިމީހާ. ކޮންމެ ގަޑިއަކުވެސް އޭނާ އަޅުގަނޑު ފަހާތަނަށް ގެންގޮސް ދީ ގެނެސްދީ ހަދާ. ދެން ފޮތިކޮޅެއް ހޯދަން ދާން ޖެހުނަށް އަޅުގަނޑާ އެއްކޮށް ގޮސްދޭނެ. ފެމެލީ ކުދިން، ރައްޓެހިން އަދި ލޯބިލޯބި ފަހަރިން ވެސް މިކަމުގައި ވަރަށް ސަޕޯޓް ދޭނެ. އަދި އަޅުގަނޑުގެ ދަރިފުޅު ދޭ ހިތްވަރު އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫންކަން ފާހަގަކުރަން. ދަރިފުޅު އަބަދުވެސް ބުނާނެ އަޅުގަނޑު މިކަމުގައި އުޅޭތީ އޭނާ ވަރަށް އުފާވާ ވާހަކަ،" ތޫ ބުންޏެވެ.

ތޫގެ އެއްބަނޑު އެއްބަފާ ކުދިންނާއެކު: ދައްތަމެންނާއި ކޮއްކޮމެންދޭ އެއްބާރުލުމާއި އެހީތެރިކަން ތޫ އަބަދުވެސް ހަނދާންކުރޭ

ތޫ އެންމެ ހިތްހަމަޖެހޭ ވަގުތަކީ ކަސްޓަމާސް ހިތްހަމަޖެހޭ ގޮތަށް ހެދުން ފަހައި ދެވުމުން އެމީހުން ފޮނުވާލާ ލޯބި މެސެޖް ލިބޭ ވަގުތު ކަމަށް އޭނާ ބުންޏެވެ. އެ މެސެޖަކީ އޭނާއަށް ވަރަށް ބޮޑު ވަރަށް އަގުހުރި އެއްޗެކެވެ.

ތޫގެ ފަހާތަނުން ފަހާފައިވާ ޕާޓީ ހެދުންތަކެއް: އެންމެ ގިނައިން އެތަނުން ފައްސަނީ ޕާޓީ ހެދުން

ފެހުމަކީ ގޭގައި ހުރެގެން ކުރަން ވަރަށް ރަނގަޅު ވަރަށް ފައިދާހުރި މަސައްކަތެކެވެ. އެ މަސައްކަތް ކުރެވޭނީ އެކަމަށް ޝައުގުވެރިވެ، ލޯބިވާ ކަމެއް ގޮތުގައި ދެކިގެންނެވެ. އެއީ އަލަށް ފެހުމުގެ މަސައްކަތަށް ނުކުންނަން ބޭނުންވާ ކުއްޖަކަށް ތޫ ދޭ ނަސޭހަތެވެ. މަސައްކަތް ކުރާށެވެ. ކާމިޔާބު ވަނީ ކައިރީގައި އެވެ.