ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަމީމް (އަދުން ހުސައިން)ގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެނަކައިން 111 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ ކުންފުނިން ތެޔޮގަތީ އިއުލާން ކުރުމެއް ނެތި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2021އިން 2023ގެ ނިޔަލަށް އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަޑީ ތެޔޮ ގަނެފައިވާ ކަމަށެވެ. އެ މުއްދަތު ތެރޭގައި 127.76 މިލިއަން ރުފިޔާގެ އަޑީތެޔޮ ފެނަކައިން ގަނެފައިވެ އެވެ. އޭގެ ތެރެއިން 15.8 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތީ ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ އެމްޓިސީސީ އާއި ސްޓެލްކޯ މެދުވެރިކޮށް އެއީ އެ މުއްދަތުގައި ފެނަކައިން އަޑީ ތެލަށް ކުރި ހަރަދުގެ ގާތްގަނޑަކަށް 12 ޕަސެންޓް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ބާކީ 88 ޕަސެންޓް ނުވަތަ 111.95 މިލިއަން ރުފިޔާގެ އަޑީ ތެޔޮ ގަތީ އަދުން ހުސައިންގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިސް މެދުވެރިކޮށް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

"އެ މުއްދަތުގެ ތެރޭގައި އަޑީ ތެޔޮ ގަންނަމުން ގޮސްފައި ވަނީ އާންމު ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތް ހޯދަން ޖެހޭ ގޮތަށް ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުނުވާ އަދަދަށް ޕާޗޭސް އޯޑަރުތަކުގައި އަގު ޖަހައިގެން އެއް ދުވަހެއްގައި އެއް ޕާޗޭސް އޯޑަރުތަކަށް ވުރެ ގިނަ ޕާޗޭސް އޯޑަރުތައް އަޑީ ތެޔޮ ވިއްކި ކުންފުނިތަކަށް ފޮނުވައިގެން ކަން ފާހަގަކުރެވުނު،" ރިޕޯޓްގައި ބުނެފައިވެ އެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ހާމަވެފަ އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފިތަކަކަށް ޕްރޮޖެކްޓްތަކެއް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.