އޭނާއަކީ ކުރާ މަސައްކަތުގައި ތަފާތު ދައްކަން ބޭނުންވާ ހީވާގި ޒުވާނެއް. އޭނާގެ އުފެއްދުންތެރި ވިސްނުމަކީ ކުރާ މަސައްކަތުގައި ކުރިއަށް ދިއުމުގެ އެންމެ ބޮޑުބާރު. މަސައްކަތެއް ފެށުމުގެ ކުރިން އަބަދުވެސް ކަންކަން ބަލައި ހޯދާ މައުލޫމާތު އެއްކުރޭ. ފިރިމީހާ އާއި މަޝްވަރާ ކުރޭ. އަމަލީ ތަޖުރިބާ ހޯދާ. އަދި ފެށިކަމެއް ހުއްޓާލުމެއް ނުވޭ. އޭނާގެ އުފެއްދުންތަކަށް ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުން. މަސައްކަތެއް ކުރުމަށް މޮޅު ޚިޔާލެއް އައިސްފިނަމަ އެކަމެއް ކުރުމަށް އަވަސްވެގަތުމަކީ އޭނާގެ ޚާއްސަ ސިފައެއް. އަމިއްލައަށް ކަމެއް ނުކުރެވޭ ހިނދެއްގައި އާއިލާގެ އެހީތެރި ކަމަށް އެދޭ. ފިރިމީހާ އަދި އާއިލާ ދޭ އެއްބާރުލުމާއި ލޯތްބަކީ ހަގީގަތުގައި އޭނާގެ ކުރިއެރުން ކަމަށް ގަބޫލުކުރޭ.

މޮޅު ޚިޔާލަކީ ވިސްނާ ފިކުރުކުރާ މީހުންގެ ހައްގެކެވެ. އެ ވިސްނުން ގެންގޮސްދެނީ އާކަންކަމަށާއި އާ ރޭވުންތަކަށެވެ. ތަފާތު ދައްކާނެ އެވެ. އަބަދުވެސް ހުންނާނީ ތަރައްގީ ކުރުމުގަ އެވެ. މި ހުނަރުވެރިޔާއަކީ މީހުން އެންމެ ގަޔާވާ ފަދަ ގޮތަކަށް އޭނާ ކުރާ މަސައްކަތެއް ތަރައްގީކުރުމަށް ގަދައަޅާ މަސައްކަތްކުރާ، ހީވާގި އަދި އެހާ ރޭވުންތެރި ޒުވާނެކެވެ.

އުފެއްދުންތެރިކަމަށް ލޯބިކުރާ ރިޝްމީން ފޮޓޯއަކަށް ހުއްޓިލައިގެން: ކޮންމެ ކަމެއްގައި ވެސް ތަފާތު ދެއްކޭތޯ މަަަސައްކަތް ކުރޭ

ހ. ގާޑިނިޔާ، މަރިޔަމް ހުސެން މަނިކު (ރިޝްމީން) ނިސްބަތް ވަނީ މާލޭގައި ކާބޯތަކެތީގެ ވިޔަފާރިއަށް މަޝްހޫރު އާއިލާއަކަށެވެ. ވީމާ އޭނާ ބޮޑުވަމުން އައީ މަސައްކަތްތެރި ހިންގުންތެރި މީހުން ކޮންމެ ދުވަހަކު ފެންނަ މާހައުލެއްގަ އެވެ. ވިޔަފާރީގެ ތެރެއަށް ނުވަދެ އޭނާ އެންމެ ފުރަތަމަ ބޭނުންވީ ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާށެވެ. ޓީޗިން ހަދައި މާލެއިން ބޭރުގައި މަސައްކަތް ކުރުމަށް އާއިލާ ގަބޫލުނުވުމުން ދެން އޭނާ ވިސްނީ އާއިލީ މަސައްކަތުގެ ތެރެއަށް ވަންނާށެވެ. އާއިލީ ވިޔަފާރި ތެރެއަށެވެ.

ފުރަތަމަ އޭނާ ގުޅުނީ އޭނާގެ މަންމަ ފަރާތު ބޮޑުބޭބެ، ކޭޓަރިން ވިޔަފާރީގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ތައުފީގުގެ ސައުތު ކޭޓަރިންއާ އެވެ. އެ ތަނުގައި އޭނާ އަދާކުރީ ކޭޝިއަރެއްގެ ވަޒީފާ އެވެ. އެއީ އޭނާ އެންމެ ފުރަތަމަ އަދާކުރި ވަޒީފާ އެވެ. އެ ވަޒީފާގައި އުޅުނުއިރު ކޭޓާރިންގެ ގިނަ ކަންކަން ގާތުން ފެނި ދަސްވި އެވެ.

ރިޝްމީނު ތައްޔާރު ކޮށްފައިވާ މަޑިސީލައެއް: ފުރަތަމަ މީރު ބިލަތް ތައްޔާރުކުރީ ޖޫސްޕެޓީ ކޮތަޅުގައި

އޭގެ ތެރޭގައި ފައިސާއާ ބެހޭ މުއާމަލާތާއި، މީހުންނާ މުއާމަލާތް ކުރާނެ ގޮތް އެނގިގެން ދިޔަ އެވެ. ތަފާތު ކެއުންތަކުގެ މައުލޫމާތާއި، ކަސްޓާމަރުން އެންމެ ހިތްހަމަޖެހޭ ގޮތަށް ކާބޯތަކެތި އެތުރުމުގެ ކަންކަން ދަސްވި އެވެ. އެ ވަޒީފާގައި ގިނަ ތަޖުރިބާތަކެއް ލިބުމަށް ފަހު ވަޒިފާއިން ވަކިވީ 2011 ގައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުންނެވެ.

މީހުން ގަޔާވާ ފަދަ އުކުޅެއް: ޖޫސްޕެޓީ ކޮތަޅުން ހަދަން ފެށި މީރު ބިލަތްގަނޑު ޒީނަތްތެރިކޮށްލި

ރިޝްމީން ވިހެއުމަށްފަހު އެއްވެސް މަސައްކަތެއް ނުކޮށް ދުވަސްކޮޅަކު ގޭގައި މަޑުކުރުމަށްފަހު އަމިއްލަ މަސައްކަތެއް ފެށި އެވެ. އެއީ މީރު ބިލަތް ވިއްކުމެވެ. އެ މަސައްކަތް ކުރުމަށް ވިސްނުން އައީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ކުރިން ހުރި ގާޑިޔާތަކުން ގާޑިޔާއަކަށް، އޭނާ މީރު ބިލަތްގަނޑު ކާންދިޔަ ދުވަހެއްގަ އެވެ. އެ މަސައްކަތް ފެށުމާއެކު ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބުނު ކަމަށް ރިޝްމީން ބުންޏެވެ. އެ މަސައްކަތް ކުރީ އިންސްޓާގްރާމް، ޓިކްޓޮކް އަދި ފޭސްބުކްގައި "ބީޓަލްނަޓް" ކިޔާ ޕޭޖެއް ހުޅުވައިގެންނެވެ. އޭރު މީރު ބިލަތް ވިއްކަނީ ޖޫސްޕެޓީ ކޮތަޅުގަ އެވެ.

ދޫނިޑިޒައިން އަކަށް ތައްޔާރު ކޮށްފައިވާ މަޑިސީލަ އެއް: މަސައްކަތުގައި އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ

ވަރަށް އާދައިގެ މަސައްކަތެއްގެ ގޮތުގައި ފެށި މީރު ބިލަތްގަނޑަށް ބޮޑުބަދަލެއް އައުމަށް މެދުވެރިވީ 2018ގައި އިސްކަންދަރު ސްކޫލްގެ ހަފްލާއަކަށް ވަރަށް ބޮޑުކޮށް އެ މީރު ބިލަތްގަނޑު ތައްޔާރު ކޮށްދޭން ލިބުނު އޯޑަރަކާއެކު އެވެ.

ރިޝްމީނުގެ މީރުމަޑިސީލަ : ގިނަބައެއްގެ ތަރުހީބު ލިބިފައިވާ ދުފުމެއް

"އިސްކަންދަރު ސްކޫލް ޓީޗަރެއް ބުނެގެން 20 މީހުންނަށް ވާވަރުގެ ބޮޑު މީރު ބިލަތްގަނޑެއް ހެދީ. ގިނަ މީހުންނަށް ތައްޔާރު ކުރަން ޖެހުނީމަ ހެދި ގޮތަކީ ޓްރޭއެއްގައި މީރު ބިލަތްގަނޑު ޒީނަތްތެރިކޮށް ތައްޔާރުކޮށްފައި ފޮނުވީ. މީހުންނަށް އެ ޑިޒައިން ވަރަށް ކަމުދިޔަ. ވަރަށް ބޮޑު ތަރުހީބެއް ލިބެން ފެށި. ދެން ފަހުން ލަކުޑިން ތަބަކެއް ތައްޔާރު ކުރިން ހަމަ ސީދާ މީރުބިލަތް ތައްޔާރު ކުރުމަށް،" އޭނާ ބުންޏެވެ.

މީރު ބިލަތްގަނޑުގައި ހިމެނެނީ ތިން ވައްތަރުގެ ކޮށިފޯއް، ކަރަންފޫ، ފޮނިތޮށި، ބިލަތް އަދި ކާފޫރުތޮޅި އެވެ.

ރިޝްމީން މީރު ބިލަތްގަނޑު ތައްޔާރުކޮށްލަނީ: ގަޑިއަށް ޑެލިވާރުމަށް އޭނާ ވަރަށް ބޮޑަށް އިސްކަންދޭ

ކާނާ ދޮލަނގު: މަސައްކަތަށް އިތުރުކުރި އާބޮޅެއް

ރިޝްމީގެ މީރު ބިލަތްގަނޑު ރަނގަޅަށް ވައިގަ ހިފުމުން ދެން އޭނާ ވިސްނީ ކާނާ ދޮލަނގު ތައްޔާރުކުރާށެވެ. އަޖުމަ ބަލާލުމުގެ ގޮތުން އެ މަސައްކަތް ފެށީ ސަގާފީކޮށެވެ. ތައްޔާރުކުރީ ގަރުދިޔަ އާއި ބަތުގެ ދޮލަނގެކެވެ. އެ ދޮލަނގަށް ލިބުނު ތަރުހީބު ރަނގަޅުކަމުން އެއީ ވެސް ކުރިއަށް ގެންދަން ހަމަ ރަނގަޅު މަސައްކަތެއްގެ ގޮތުގައި އޭނާ ނިންމި އެވެ.

"ގަރުދިޔަ އާއި ބަތުގެ ދޮލަނގުގައި ގަރުދިޔަ ބޯ، ބަތް، ގަރުދިޔަ އަދި ފިޔާ މިރުސް، ތެލުލި ފަތް ހިމެނިން. އޮފީސްތަކުން ވެސް އަދި ގޭގެއިން ވެސް އޯޑަރު ލިބޭ އެ ދޮލަނގު ބޭނުންވެގެން. ވަރަށް ފުރިހަމަކޮށް އެކަންދަނީ. ވަރަށް މީރުކަމަށް މީހުން ބުނަނީ،" ރިޝްމީނު ވަރަށް އުފަލާއެކު ބުންޏެވެ.

ގަރުދިޔަ އާއި ބަތުގެ ދޮލަނގު ރިޝްމީން ދައްކާލަނީ: ދިވެހި ކެއުންތަކުގެ އިތުރުން އެހެނިހެން މީރު ދޮލަނގުގެ ކެއުންތަށް ވެސް އޭނާ ތައްޔާރުކޮށްދޭ

ކާނާ ދޮލަނގު އޭނާ ތައްޔާރު ކޮށްދެނީ 4-5 މީހުންނަށް ކެވޭ ގޮތަށެވެ. ގަރުދިޔަ އާއި ބަތުގެ އިތުރުން ޕާސްޓާ، ނޫޑްލް، ބޯވަ ނޫޑްލްސް ފަދަ ތަފާތު ވައްތަރުތައް ވެސް ހަދައިދެ އެވެ.

"ލިބޭ އޯޑަރު ޑެލިވާ ކުރަން ދެގަޑިއިރަށް ވީމަ ކައްކަނީ. އެހެންވެ ޑެލިވާ ކުރާއިރު ހުންނާނީ ވަރަށް ތާޒާކޮށް، ބައެއް ފަހަރު އަޅުގަނޑުމެން މިކޮޅުން ޑެލިވާކުރަނީ އަނެއް ބައި ފަހަރު އެ ފަރާތްތަކުން ބަލާ ވެސް އާދޭ. އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ގަޑިއަށް ޑެލިވާކޮށްދިނުމަށް،" ރިޝްމީނު ކިޔައިދިނެވެ.

ފިރިމީހާ އަދި ދަރިފުޅާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މަސައްކަތް އޮމާންކޮށް ގެންދިއުމުގައި ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ

ރިޝްމީނުގެ ޕޭޖަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް އޯޑަރު އަންނަކަން އޭނާ ވަރަށް އުފަލާއެކު ފާހަގަކުރެ އެވެ. މި މަސައްކަތުގައި އޭނާގެ އާއިލާ އަދި ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. ވީމާ އެ ފަރާތްތަކަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.