އެެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، އެ ގައުމުގެ ވެރިރަށް ކަރަކަސްއާއި އިތުރު ބައެއް ސްޓޭތްތަކަށް މިއަދު ހަމަލާތަކެއް ދީފި އެވެ.

މިއަދު ފަތިހުގެ ވަގުތުގައި ދިން ހަމަލާތަކެއް ހުއްޓުވާފައިވާ ކަމަށް ވެނެޒުއޭލާގެ ސަރުކާރުން ބުނެފައި ވެ އެވެ. ކަރަކަސްގެ އިތުރުން މިރަންޑާ، އަރަގުއާ އަދި ލަގުއިރާ ފަދަ ބައެއް ސްޓޭޓްތަކަށް ވެސް އެމެރިކާގެ ހަމަލާތައް އަމާޒުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާތަކާއެކު އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕު ވަނީ އެމެރިކާއިން ވެނެޒުއޭލާ އާއި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާ ދެކޮޅަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި، މިހާރު މަދޫރޯ އާއި އަނބިކަނބަލުން އަތުލައިގަނެވިއްޖެ ކަމަށެވެ.

ހަމަލާތަކާއެކު ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ އެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެނެޒުއޭލާގެ އެކި ސަރަހައްދުތަކުން ގޮވުންތައް އިވިފައިވާއިރު، މަތިންދާ ބޯޓުތައް އުދުހޭތަނާއި ކަޅު ދުން އަރަމުންދާތަން ވަނީ ފެނިފަ އެވެ.

ވެނެޒުއޭލާގެ އެކި ސަރަހައްދުތަކަށް އެމެރިކާއިން ވަނީ ހަމަލާދީފައި --- ފޮޓޯ: ރޮއިޓާސް

ހަމަލާތަކާއެކު އެ ގައުމުގެ ދެކުނުގެ މިލިޓަރީ ބޭސްއެއް ކައިރީގައިވާ ބައެއް ސަރައްހަދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕު ވަނީ މިލިޓަރީ ފެސިލިޓީތައް ހިމެނޭހެން ވެނިޒުއޭލާއަށް ހަމަލާ ދިނުމަށް އަމުރުކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް އެ ގައުމަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައި އެވެ.

ޓްރަމްޕު ފާޅުގައި ވިދާޅުނުވި ނަމަވެސް، ވެނިޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ގައުމު ދޫކޮށް ވަޑައިގެންނެވުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ދާކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެ އެވެ. މަދޫރޯ މަސްތުވާތަކެތީގެ ވިޔަފާރިއަށް އެހީވާކަމަށް ޓްރަމްޕު ތުހުމަތު ކުރައްވަ އެވެ. އެމެރިކާއިން ދޭ ހަމަލާތަކަކީ އެ ވިޔަފާރި ހުއްޓުވުމަށް ކުރާ ކަންތައް ކަމަށް ވެސް ޓްރަމްޕު ގެންދަވަނީ ވިދާޅުވަމުންނެވެ.

ވެނެޒުއޭލާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކުގެ މަގުސަދަކީ އެ ގައުމުގެ ގުދުރަތީ ވަސީލަތްތައް ކަމަށްވާ މިނަރަލް އާއި ތެލުގެ ރިޒާވަށް އެމެރިކާއިން ވެރިވެގަތުމެވެ. އަދި އެކަން އެމެރިކާއަށް ކާމިޔާބު ނުވާނެ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

ޑިސެމްބަރު މަހު ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސަށް ޕްރެޝާ ކުރުމުގެ ގޮތުން ވެނެޒުއޭލާއަށް ވަންނަ ހުރިހާ އުޅަންދުތަކަށް ހުރަސްއަޅައި ދަތިކުރުމުގެ ފިޔަވަޅު އަޅަން އަންގަވައިފަ އެވެ.

އެމެރިކާއިން މިގޮތަށް ގަދަ ބާރުން ވެރިކަން ބަދަލުކުރުވި ގައުމުތަކުގެ ތެރޭގައި އިރާގައި ލީބިޔާ ހިމެނެ އެވެ. އެގޮތުން އިރާގުގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ބަދަލުކުރުމަށް އިރާގަށް އެމެރިކާ ސިފައިން ފޮނުވައިގެން ބޮޑު ހަނގުރާމައެއް ކޮށްފައިވެ އެވެ.