ފިޓްނަސް ޓްރޭނާސްއަކީ ކަސްރަތު ކުރުމަށް ބާރުއަޅާ އެކަމުގެ ތެރެއަށް މީހުން ނެރޭ ބައެކެވެ. އަމިއްލަ ދިރިއުޅުމުން ވަގުތު ހުސްކޮށް އެހެން މީހުން ދުޅަ ހެޔޮކޮށް ބެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެކެވެ. އޭގެ ސަބަބުން އެމީހުންގެ އަމިއްލަ ހަށިގަނޑު ފިޓްވެ، ދުޅަހެޔޮ ވެގެން ދިއުމަކީ އެ މަސައްކަތުން އެ މީހުންނާ ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ޝިފާޒާ ހުސެން (ޗިޗާ) އަބަދުވެސް ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ކަސްރަތުކޮށް ހަދަ އެވެ. ޖިމްތަކަށް ގަވާއިދުން ދެ އެވެ. އޭނާ ދިޔަ ކުލާސްތަކުގައި ޓްރޭނާސް މަސައްކަތް ކުރާ ގޮތާ އޭނާއަށް ވަރަށް ގަޔާ ވެވުނެވެ. އޭގެ ސަބަބުން އެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ނިންމި އެވެ.
"މި މަސައްކަތުގައި އެންމެ ބޮޑަށް ހިތްހަމަ ޖެހެނީ އަމިއްލައަށް ވާކް އައުޓް ކުރެވިފައި އެހެން ކުދިންނަށް ވެސް ވާކްއައުޓް ކޮށްދެވޭތީ. އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް ވެސް ރަނގަޅު ކަމެއް ކޮށްދެވޭ ކަން އަބަދު ވެސް ހިތުގައި އޮވޭ. އެއީ މި މަސައްކަތުން ލިބޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހުމެއް،" މިވަގުތު "ވީރު ލޭޑީސް ވާކްއައުޓް ޒޯން"ގެ ޓްރޭނާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޗިޗާ ބުންޏެވެ.
ފިޓްނަސް ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި އޭނާ ވަނީ ގިނަ ޓްރޭނިންތަކެއް ހަދާފަ އެވެ. އެ ގޮތުން ފުރަތަމަ ހެދީ ޒުންބާ ޓްރޭނިން އެވެ. އެއަށްފަހު އިންޑޮނޭޝިއާގެ ޖަކާޓާގައި "ލެސްމިލް ބޮޑީ ޕަންޕް ޓްރޭނިން" ހެދި އެވެ. ފަހުން ޓީއެފްޖީ އިން ޕާސަނަލް ޓްރެއިނިން (ޕީޓީ) އިން ވެސް ޓްރެއިން ވި އެވެ.
ޗިޗާ ވަނީ "ނިއުޓްރިޝަން" އާއި "ރިހެބް" ކޯސްތަކެއް ވެސް ފުރިހަމަ ކޮށްފަ އެވެ. އޭގެ އިތުރުން "ޕްރި އަދި ޕޯސްޓް ނޭޓަލް" (މާބަނޑު ދުވަސްވަރުގަ އާއި ވިހެއުމަށް ފަހު ކުރާ) ކަސްރަތުތަކަށް ޚާއްސަ ޓްރޭނިންތައް ވެސް ފުރިހަމަކޮށްފަ އެވެ.
ޗިޗާ ރެޑިކަލް ފިޓނަސްގެ ގިނަ ޕްރޮގްރާމްތަކެއް ވެސް ފުރިހަމަ ކޮށްފަ ވެ އެވެ. ގްރޫޕްތަކަށް "ބޫޓް ކޭމްޕް" ސެޝަންތައް ނަގައިދެ އެވެ. އަދި މިހާރު އޭނާ ދަނީ ގްރޫޕް އަދި ވަކިވަކި ކްލައަންޓުންނަށް ވެސް "ޕާސަނަލް ޓްރެއިން" ކުލާސްތައް ނަގައި ދެމުންނެވެ.
އޭނާ ޖިމްގެ މަސައްކަތުގައި ދުވާލާއި ރޭގަނޑު ގިނަ ވަގުތު ހޭދަކުރެ އެވެ. އެއްފަހަރާ ގިނަ ބައިވެރިންނަށް ސެޝަންސް ނަގައިދެ އެވެ. އެހާ ބުރަކޮށް އެ މަސައްކަތުގައި އުޅޭ އިރު އެންމެ މުހިންމު ކަމެއް ދެނީ "ޑިސިޕްލިން" ހިފެހެއްޓުމަށް ކަމަށް އޭނާ ބުންޏެވެ.
"ޖިމްގައި 6-5 ގަޑިއިރު ކޮންމެ ދުވަހަކު ވެސް ހޭދަ ކުރަން. މިއީ ބުރަ މަސައްކަތެއް. ވަރަށް އެކަމަށް ހުސްވެ ހުރެގެން ނޫނީ ނުކުރެވޭނެ މަސައްކަތެއް. ގަވައިދުން ގަޑިއަށް ކުލާސް ނެގުމުގެ ގާބިލްކަން ހުންނަން ޖެހޭނެ،" ފިޓްނަސްގެ ދާއިރާއިން އެންމެ މައްޗަށް ދާން ބޭނުންވާ ޗިޗާ ބުންޏެވެ.
ބަރު އުފުލުމުގެ މުހިންމުކަން ޗިޗާގެ ދުލުން
އޭނާ ބުނިގޮތުގައި ގިނަ ދިވެހިން ކަސްރަތު ކުރުމަށް ވަރަށް ބޮޑަށް ހޭލުންތެރި އެވެ. ކަސްރަތު ކުރަނީ އެކަމުގެ މުހިންމުކަން އެނގި ހުރެ އެވެ. އާންުމުކޮށް އެންމެ ގިނައިން މީހުން ކުރާ ކަސްރަތެއް ކަމަށް ދުވުމާއި ހިނގުން އޭނާ ފާހަގަކުރި އެވެ. ނަމަވެސް ޑޮކްޓަރުން ވަކި ގޮތަކަށް ވަކި ކަސްރަތެއް ކުރުމަށް މަނާ ނުކުރާ މީހުން ގައިގެ މަސަތަކުގައި ބާރު ޖެއްސުމަށް "ވެއިޓް ޓްރޭނިން" ނުވަތަ ބަރު އުފުލުމަށް އޭނާ ބާރުއަޅަ އެވެ.
"އެ މީހަކު ބޭނުން ކޮންމެ ކަސްރަތެއް ކުރުމުން ފައިދާ ކުރާނެ. ނަމަވެސް ހަމައެކަނި ކާޑިއޯ (ބުންވަރު ގަދަކުރާ) ކަސްރަތު ކުރުމުގެ ބަދަލުގައި، ކާޑިއޯއާ އެކީ ވެއިޓް ޓްރޭނިން ވަރަށް މުހިންމު ވާނެ. އޭގެ ސަބަބުން ގައިގެ މަސްތަކުގައި ވަރު ޖެހޭނެ،" ޓްރޭނަރެއްގެ ހައިސިއްޔަތުން ހަށިގަނޑު ފިޓްކޮށް ރީތިކޮށް ބެހެއްޓުމަށް އަމިއްލައަށް ވެސް ވަގުތު ހޯދައިގެން ކަސްރަތު ކުރާ ޗިޗާ ބުންޏެވެ.
ފިޓްނަސް ޓްރޭނަރެއްގެ ހައިސިއްޔަތުން އޭނާ އަމިއްލަ ދިރިއުޅުމުން އެހެން މީހުންނަށް ނަމޫނާ ދައްކަ އެވެ. ދުޅަހެޔޮ ހަށިގަނޑެއް ދެމެހެއްޓުމަށް ވަރަށް ފަރުވާތެރިވެ އެވެ. އެގޮތުން ނިދި ހަމަކުރުމަށާއި އަދި މިންހެޔޮ ކާނާ ކެއުމަށް ފަރުވާތެރިވެ އެވެ. "ޖަންކް ކާނާ" އަދި ފޮނި ކާއެއްޗެއްސާ ވީހާ ވެސް ދުރުވެވޭތޯ ވެސް އޭނާ ބަލަ އެވެ.
މި ހާހިސާބަށް އައިއިރު "ވީރު" މެދުވެރިކޮށް އޭނާ ވަނީ ގިނަ އިވެންޓްތަކެއްގައި ކަސްރަތު ޕްރޮގްރާމްތައް ހިންގައިފަ އެވެ. އެގޮތުން ބައިވެރިވެފައިވާ ބައެއް އިވެންޓްތަކުގެ ތެރޭގައި "ވީ ރަން"، "ހެލްތް އެކްޕޯ"، އަދި "ވަރަ އެކްސްޕޯ" އޭނާ ފާހަގަކުރި އެވެ. އޭގެ އިތުރުން ބައެއް ސްކޫލްތަކާ ގުޅިގެން ބޭބީ ނާސަރީ އަދި ނާސަރީ ކުދިންނަށް ކަސްރަތު ސެޝަންސް ނަގައިދެ އެވެ. "ގައިޑް" އަދި "ލިޓްލް މެއިޑް" ކޭމްޕްތަކުގައި ވެސް ޒުންބާ ސެޝަންސް ނަގައިދީ ކަސްރަތަށް ސްކޫލް ކުދިން އަހުލުވެރި ކުރެ އެވެ.
ސްކޫލް ނިންމާ ކުދިންނަަށް މިއަދު ރާއްޖޭގައި މަސައްކަތް ކުރުމަށް ގިނަ ދާއިރާތައް ހުޅުވިފައިވެ އެވެ. ފިޓްނަސް ދާއިރާއަކީ ވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއް ކަން ޗިޗާ ފާހަގަކުރި އެވެ.
"މިދާއިރާ އަކީ ޒުވާނުން ގުޅެން ވަރަށް ރަނގަޅު ދާއިރާއެއް، މީހުންނަށް ކަސްރަތު ކުރަން ބުނެދޭއިރު، އަމއްލަ ހަށިގަނޑަށް ވެސް ކަސްރަތު ލިބިގެންދާނެ. މަސައްކަތުގައި އުޅޭ އިރު މައްސަލަ ދިމާނުވާނެ އެކޭ ނުބުނަން. ދިމާ ވެސް ވާނެ. އެހެން ނަމަވެސް ކުލާހަށް އަންނަ ބައިވެރިންނާ ހިނިތުންވެފައި ރީތިކޮށް މުއާމަލާތްކޮށް، ޕޮޒިޓިވް އެނާޖީއެއްގައި ޕޮޒިޓިވްކޮށް ދެކުމުން ކަންކަން ފަސޭހައިން ހައްލު ކޮށްލެވޭ،" ޗިޗާ ބުންޏެވެ.
ފިޓްނަސް އިންސްޓްރަކްޓާއެއްގެ މަސައްކަތަކީ ވަރަށް "ޑިސިޕްލިން "ވެގެން ނޫނީ ނުކުރެވޭނެ ބުރަ މަސައްކަތެކެވެ.
ޗިޗާ އެ ދާއިރާއަށް ނުކުތީ ވެސް އެ ހުރިހާ ކަމަކަށް ކުރިމަތިލުމަށް ތައްޔާރުވެ ހުރެ އެވެ. އަދި ވެސް ހުރީ އެގޮތުގަ އެވެ. ގިނަ ބައެއްގެ އެހީތެރިކަމާ އެކު އެވެ. އޭގެ ތެރޭގައި ގާތް ރައްޓެހިން، ފެމިލީ، ފިޓްނަސް ފީލްޑްގައި އުޅޭ ރައްޓެހިން، ޒައީ ބޮސް އަދި އެންމެ ޚާއްސަކޮށް އޭނާގެ މަންމަގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް، އެ އެންމެނަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.