އަވަށްޓެރި ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މާދަމާއިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެކަމަކު، ފޮރިން މިނިސްޓްރީން މިއަދު ވަނީ ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ އެ ނިންމުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް އެ ގައުމަށް ދާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ.
އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފި
އުމްރާއަށް ފަހު ރާއްޖެ އައި ދިވެއްސަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ޕެންޝަން ފައިސާ ޖަމާނުކުރާ ކަމަށް ވެމްކޯއިން އެއްބަސްވެއްޖެ
