މިއީ ފިސާރި އަންހެން ކަނބަލެއް. ކެއްކުމުގެ ހުނަރު ދަސްކުރީ ވަރަށް ކުޑައިރު. މީރުކޮށް ކެއްކުމަކީ އޭނާއަށް ވަރަށް ޚާއްސަ އުފަލެއް ލިބޭ ކަމެއް. ކޭކު އެޅުމާއި ޕޭސްޓްރީ މަސައްކަތް ދަސްކުރީ ޔޫޓިއުބް ބަލައިގެން. ޔޫޓިއުބުން ފެންނަ ކާ ތަކެއްޗަށް ކުދި ބަދަލު ގެނެސް އަމިއްލަ ހުނަރުވެރިކަން ކުރިއަށް ނެރުނު. ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން، އަދި ބަލި ކުއްޖެއް ބަލަމުން ވެސް، އޭނާގެ މަސައްކަތް ފަނޑުވިޔަ ނުދީ ހިފަހައްޓާލުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރޭ. އެ ކަމުގައި އޭނާގެ ފިރިމީހާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ. އޭނާ ދެކޭ ގޮތުގައި ގޭގަ ދަރިން ބަލަމުން ވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވިދާނެ. އޭނާ އަކީ އޭގެ މިސާލެއް. މުސްތަގުބަލުގައި އެ މަސައްކަތަށް ގިނަ ބަޔަކު ނެރުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެއް.

ހަޔާތުގައި ދިމާވާ ދަތި އުނދަގޫ ކަންކަމަކީ އިބުރަތެއް ކަމަށް ބަލައިފި ނަމަ، ކުރިއަށް ދާނެ މަގު ބަންދުވުމެއް ނެތެވެ. އުމުރުން އެންމެ ނުވަ އަހަރުގައި މި ހުނަރުވެރިޔާ ބަދިގެއަށް ވަނީ ހާލަތު ނިޔާކުރި ގޮތުން، އެ ވަގުތު އެކަން ކުރުން އެއީ އެންމެ ރަނގަޅުކަން ކަމަށް އަމިއްލައަށް ފެނިގެންނެވެ. ހިތުގައި ބުރަކަމެއް ނެތި އެވެ. އޭގެ ސަބަބުން ވަރަށް ޅައިރުގައި ބަދިގޭގެ މަސައްކަތަށް ހޭނި ކެއްކުމަށް ޝައުގުވެރިކަން އުފެދުނެވެ.

ހ. ޑޯންޑިއު، ފާތުމަތު ސާބިރާ (ސޯބި) އަށް ވަރަށް ޅައިރުން ފެށިގެން ދަސްވެފައިވާ ކަމެއް ވެ އެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ގޮތަކަށް ކަންކަން ދިމާވި ނަމަވެސް މާޔޫސް ނުވެ ކުރިއަށް ދިއުމެވެ. ހާލަތަށް ކެތްކުރުމެވެ. ހިތްވަރު އެލުވާ ނުލުމެވެ. އެ ވިސްނުމުގައި، އެ ހިތްވަރުގައި މިއަދު ގޭތެރޭގައި މާޔޫސްވެފައި ތިބޭ މައިންނަށް ސޯބި އެ ދައްކާދެނީ ވަރަށް ފުރިހަމަ ނަމޫނާ އެކެވެ.

ސްކޫލް ދައުރުގައި ވެސް އޭނާގެ އެންމެ ޚާއްސަ ތަނަކީ ބަދިގެ އެވެ. ވަރަށް ކުޑައިރު ވެސް މީރުކޮށް ކެއްކުމަށް އޭނާ ޝައުގުވެރިވެ އެވެ. މީރުކޮށް ކައްކާފައި އެހެން މީހުންގެ އަރުތެރެއަށް މީރު ރަހަ ލެއްވުމަކީ އޭނާއަށް އޭރު ވެސް އަދި މިހާރު ވެސް ލިބޭ އެންމެ ބޮޑު އުފަލެވެ. ޕޭސްޓްރީގެ މަސައްކަތުގައި ވެސް ސޯބި ފާހަގަކޮށްލެވެ އެވެ. ބަދިގޭގެ މަސައްކަތަށް ފަހު ލިބޭ ހުސް ވަގުތުތަކުގައި ފެހުމުގެ މަސައްކަތް ވެސް އޭނާ ކުރެ އެވެ. އެހެން ނަމަވެސް ކެއްކުމަށް އޭނާ ޚާއްސަ ކަމެއް ދެ އެވެ.

ސޯބި ތައްޔާރު ކޮށްފައިވާ ބައެއް ކޭކު: ކޭކު އަޅަން ދަސްކުރީ ޔޫޓިއުބް ބަލައިގެން

"އަޅުގަނޑު ކޭކު އަޅަން ދަސްކުރީ ޔޫޓިއުބް ބަލައިގެން. ބައެއް ރެސިޕީ އަމިއްލައަށް މޮޑިފައި (ބަދަލު) ކޮށްލައިގެން ވެސް ޕޭސްޓްރީގެ ވައްތަރުތައް ހަދަން. ޕާޓީ ކޭކްސް ވެސް އަޅަން އަދި މަދުމަދުން ވެޑިން ކޭކްސް ވެސް އަޅަން. ކަޕް ކޭކްސް ހަދަނީ ކުޑަކުދިން އެޓްރެކްޓް ވާ ކަހަލަ ގޮތްގޮތަކަށް އިމޯޖީސް ލާފައި،" މުސްތަގުބަލުގައި ކަލިނަރީ މަސައްކަތް ކުޑަކުދިންނަށް ދަސް ކޮށްދިނުމަށް ވިސްނާ ސޯބި ބުންޏެވެ.

ސޯބި އާންމު ގޮތެއްގައި ތައްޔާރުކުރާ ކާތަކެއްޗަކީ ޕިއްޒާ، މިނީ ޕިއްޒާ، ކުކީސް، ޑޯނަޓްސް، ބިސްކަޓް ފަޖް، ޗޮކޮލެޓް ފަޖް، އެކި ވައްތަރުގެ ކޭކު، މަފިންސް އަދި ކަޕް ކޭކެވެ. އެ ތަކެތި ވިއްކުމަށްޓަކައި ހުޅުމާލެ ފޭސްދޭއްގެ "މޯމޯ ކޯނާ"، ފެންސީ ފުޑްސް" އަދި "ދޯން ދީނާ މާޓް" އަށް ގަވައިދުން ގެންދެ އެވެ.

"އަޅުގަނޑު ހަދާ ޗިކަން އެންޑް މަޝްރޫމް ޕިއްޒާއަށް ވަރަށް ތަރުހީބު ލިބޭ. ވަރަށް ވިކޭ. ރޯދަމަހު ވެސް ވަރަށް ގިނަ އޯޑަރު އާދޭ އެ ޕިއްޒާއަށް. އޭގެ އިތުރުން އަޅުގަނޑު ހަދާ ބްލޫބެރީ ޗިޒް ކޭކްސް، ޗޮކޮލެޓް ވިޕް ކްރީމް، އަދި ކަޕް ކޭސްއަށް ވެސް ތަރުހީބު ބޮޑު. ސޯބީގެ ޗޮކޮލެޓް ފަޖް ކޭކްސް އަކީ ސްކޫލް ކުދިންގެ މެދުގައި ވެސް ވަރަށް ހިނގާ އެއްޗެއް،" ސޯބި ބުންޏެވެ.

ސޯބި ތައްޔާރު ކޮށްފައިވާ ޕިއްޒާ: އޭނާ ތައްޔާރު ކުރާ ޕިއްޒާގެ ވައްތަރުތަކަށް ބޮޑު ތަރުހީބެއް ލިބޭ

ފަސް ކުދިންނާއި ފިރިމީހާ އާއެކު މިވަގުތު ހުޅުމާލޭގެ ހިޔާ ފްލެޓްގައި ދިރިއުޅޭ ސޯބީގެ އެންމެ ހަގު އަންހެން ދަރިފުޅަކީ ދޭތެރެ ދޭ ތެރެއިން ފިޓް ޖެހޭ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން ޚާއްސަ ސަމާލުކަމެއް ދީގެން އެ ދަރިފުޅު ބަލަހައްޓަން ޖެހެ އެވެ.

ވީމަ ކެއްކުމާ ޕޭސްޓްރީގެ މަސައްކަތަށް ފުންނާބު އުސް ނަމަވެސް، މިވަގުތު ސޯބިއަށް އެންމެ މުހިންމީ އޭނާގެ ބަލި ދަރިފުޅު ބެލުމެވެ. އެ ދަރިފުޅުގެ ބޭސް ފަރުވާކުރުމާއި ޚާއްސަ ތެރަޕީ ނެގުމެވެ. ހާލަތު މިވަގުތު ތަންދޭ ގޮތުން އޭނާއަށް ކެއްކުމުގައި މާގިނަ ވަގުތު ހޭދައެއް ނުކުރެވެ އެވެ. އެހެންނަމަ ވެސް ލިބޭ ކުދިކުދި އޯޑާތަކަށް ކޭޓާ ކޮށްދެ އެވެ. ކިތަންމެ ތަންވަޅު ކުޑަވެފައިވި ނަމަވެސް، އޭނާއަށް ލިބޭ އޯޑަރެއް ދޫކޮށް ނުލާކަން ސޯބި ފަހާގަކުރި އެވެ. އެއީ އެ މަސައްކަތް މެދުކަނޑާ ނުލުމުގެ ބޭނުމުގަ އެވެ. އޭނާއަށް އެ ގޮތުގައި ދެމިހުރެވެނީ ފިރިމީހާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާތީ ކަމަށް ސޯބި ވަރަށް އުފަލާއެކު ފާހަގަ ކުރެ އެވެ.

.ސޯބި ކޭކުގެ މަސައްކަތުގައި: ބުރަކޮށް އުޅުނުނަމަ ވެސް ލިބޭ ކޭކު އޯޑާއެއް ދުލެއް ނުކޮށްލާނެ

"ވަގުތު ނުވާތީ މާގިނަ ކަންތައްތަކެއްގައި ބައިވެރިއެއް ނުވަން. މިހާތަނަށް ބޮޑު އިވެންޓެއްގައި އަދި ބައިވެރި ވެވުނީ ސަލާހުއްދީން ސްކޫލުން ބޭއްވި ނައިޓް މާކެޓެއްގެ ފުޑް ސްޓޯލެއްގައި. ދެ ފަހަރު ބައިވެރިވިން. އެތަނުގަ މީރު ބޮނޑި ބަތް، ކުޅި މަސް، އަދި ޕާނީ ޕޫރީ ފަދަ އެއްޗެހި ވިއްކިން. ވަރަށް ތާއީދު ލިބުނު އެދެ ފަހަރު ވެސް،" ސޯބި ކިޔައިދިނެވެ.

އޭނާއަށް ލިބިފައިވާ ހުނަރު ފެތުރުމަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ކުރަން ނިންމާފައިވާ މުހިންމު ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިން އެ ދާއިރާއަށް ނެރެ އެ މަސައްކަތަށް ޝައުގުވެރި ކުރުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.

"އަޅުގަނޑު އައްޑޫ ސިޓީގައި ދިރިއުޅުނު އިރު ޓީޗަރެއްގެ ގޮތުގައި އެ އަތޮޅު ފޭދޫ ސްކޫލްގައި މަސައްކަތް ކުރިން. އޭރު ހުރިހާ ކުދިން ވެސް ކިޔާނީ ސޯބި މިސް. އަދި ވެސް ސޯބި މިސްއެއްގެ ގޮތުގައި ކިޔަވައިދޭނެ ދުވަހެއް ދެކެން ބޭނުން. މިފަހަރު އެކަމަކު ސޯބި މިސް އިރާދަކުރެއްވިއްޔާ ކިޔަވައިދޭނީ ކަލިނަރީ (ކޭކު އަދި ޕޭސްޓްރީ )މަސައްކަތް. އޭގެ އިތުރުން ގޭގަ ކުޑަ 'ޓޭކްއަވޭއެއް' އެއްކަހަލަ ކޮންމެ ވެސް ވަރެއްގެ ތަންކޮޅެއް ހަދަން އަޅުގަނޑު ވަރަށް ބޭނުން، " ސޯބި ބުންޏެވެ.

ސޯބި ތައްޔާރު ކޮށްފައި ވާ ކަޕް ކޭކުތަކެއް: ކުޑަކުދިން އެ ދާއިރާއަށް ނެރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް.

ސޯބި ދެކޭ ގޮތުގައި ގޭތެރޭގައި ކުދިން ބަލަން އިންނަ އަންހެނަކަށް ވެސް އާމްދަނީ ހޯދުމަށް ކާތަކެތި ތައްޔާރުކޮށް ވިއްކުމަކީ ކުރަން ވަރަށް ރަނގަޅު މަސައްކަތެކެވެ. ބޭނުން ވަނީ އެއިންނަ "ކޮމްފޯޓް ޒޯން" އިން ނުކުމެލުމެވެ.

ގޭތެރޭގައި "ނިކަމެތި" މީހެއްގެ ގޮތުގައި ހުރުމަށް ވުރެ ހިތްވަރާއެކު "ހިތްވަރު ގަދަ ކަނބަލަކަށް ވުމަށް" އޭނާ ފަދަ އެހެން އަންހެނުންނަށް ނަސޭހަތް ދެ އެވެ. ކުރެވިދާނެތޯ ސުވާލު އުފެއްދުމުގެ ބަދަލުގައި، އެ މީހެއްގެ ގާބިލުކަން ހުރި ވަރަކުން ފުރަތަމަ ފިޔަވަޅު އެޅުމަށް ހިތްވަރު ދެ އެވެ.