ހުވަފަތް އަންހެނަކު މަރުވުމުން އޭނާގެ މިލްކިއްޔާތު އެއްކޮށް ބުޅަލަކަށް ދީފި އެވެ.
އިޓަލީގެ ރޯމްއަށް ނިސްބަތްވާ މާރިއާ ކިޔާ މި ހުވަފަތް އަންހެނަކީ އެކަނިމާ އެކަނި ދިރިއުޅުން ވޭތު ކުރި މުއްސަންޖެކެވެ. ދަރިއެއް ނެތެވެ. އަދި އޭނާ އަކީ ގާތް ތިމާގެ މީހުންނާ އެއްވެސް ވަރަކަށް ގުޅުމެއް ބޭއްވި މީހެއް ނޫނެވެ.
އޭނާގެ އުމުރުގެ ފަހު ދުވަސްކޮޅު ހޭދަކުރީ މަގުމަތިން އޭނާ ސަލާމަތްކުރި ބުޅަލަކާއެކު އެވެ. އެ ބުޅަލަށް އޭނާ ދިން ނަމަކީ "ޓޮމައްސު" އެވެ. އުމުރުން ހަތަރު އަހަރުގެ ޓޮމައްސު އޭނާގެ ސާހިބު މީހާގެ އެކަނިވެރި ދިރިއުޅުމަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނެވެ. އޭތީގެ ހުރިހާ ވަގުތެއް ހޭދަކުރީ މާރިއާއާ އެކު އެވެ. މާރިއާ ވެސް އޭއްޗަށް ވަރަށް އޯގާތެރިކޮށް ހިތި އެވެ. އަދި އޭނާ މަރުވުމަށްފަހު ޓޮމައްސު ބުޅަލަށް ދެރައެއް ލިބިދާނެތީ އޭނާގެ މުޅި މިލްކިއްޔާތު އެ ބުޅަލަށް ހިބަކޮށް ދިނުމަށް ނިންމި އެވެ.
އުމުރުން 94 އަހަރުގައި މާރިއާ މަރުވުމުން ދުނިޔޭގައި ތިބި އޭނާގެ ތިމާގެ މީހުންނަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. އެއީ މާރިއާގެ އަތުން ލިޔެ ސޮއިކޮށްފައިވާ ވަސިއްޔަތެއްގައި އޭނާގެ މިލްކިއްޔާތުގައި ހުރި 13 މިލިއަން ޑޮލަރު އޭނާ ގެންގުޅު ބުޅަލަށް ދިނުމަށް ލިޔެފައިވާތީ އެވެ. އެ ފައިސާގެ އިތުރުން ރޯމް އަދި މިލާން ގައިވާ ގެތަކާއި ދެކުނު އިޓަލީގައި ހުރި ބިންތައް ވެސް ވަނީ އެ ބުޅަލަށް ދިނުމަށް އެދިފަ އެވެ.
އިޓަލީގެ ގާނޫނު ބުނާ ގޮތުން އެއްވެސް ޖަނަވާރަކަށް އެއްވެސް މުދަލެއް މިލްކު ކޮށްދިނުމުގެ ހުއްދައެއް ނުދެވެ އެވެ. ވީމާ މާރިއާގެ އެދުމުގެ މަތިން، އޭނާ ބަލި އެނދުގައި ވީ ދުވަހު ބެލެހެއްޓި ނަރުސް މީހާ ސްޓެފަނީއަށް ބުޅާ ބެލުމަށް ވަސިއްޔަތްކޮށް އެ ހުރިހާ މުދަލެއް ހަވާލު ކުރި އެވެ. ޚަބަރު ލިބޭ ގޮތުގައި ސްޓެފަނީ އެ މުދަލާ ހާވާލުވިއިރު، އޭނާ ހަވާލުވާން އުޅޭ މުދަލާއި ފައިސާގެ އަދަދު ވެސް ނޭނގެ އެވެ.
މާރިއާ ނިޔާވުމަށް ފަހު ޓޮމަސު ބުޅާ ވަނީ މީހުންނަށް ނޭނގޭނެ ފަދަ ތަނަކަށް ބަދަލު ކުރެވިފަ އެވެ. އެ ތަނުގައި އެ ބުޅަލަށް ވަރަށް ބޮޑު ހިމާޔަތަކާއި ރައްކާތެރި ކަމެއް ލިބިދީފައިވެ އެވެ.
ބައެއް މީހުން މަރުވެގެން ދަނީ އެމީހެއްގެ މުދަލާއި ފައިސާ އާއިލާއަށް ދޫކޮށްފަ އެވެ. ނަމަވެސް މާރިއާގެ މުދަލާ ފައިސާ ދޫކޮށްފައި މި ދިޔައީ އޭނާގެ ބުޅަލަށެވެ. އޭނާއަށް އާއިލާ މީހުންނަށް ވުރެ ގެންގުޅުނު ބުޅާ މުހިންމު ވީތީ އެވެ.