އޭނާ ދިވެހި މި ސަގާފީ މަސައްކަތަށް އަބަދު ވެސް ޝައުގުވެރިވޭ. މަސައްކަތް ދަސްކުރީ އެކަމަށް ވަރަށް ފުންނާބު އުސް މީހެއްގެ ކައިރިން. މަސައްކަތް ދަސްކުރުމަށް ފަހު އެ ބޭނުންކޮށްގެން ގަހަނާ އުފައްދަަން ފެށި. އޭނާ ގަހަނާ އުފައްދަން ފެށީ ފަތުރުވެރިންނަށް އަމާޒުކޮށްގެން. އެހެން ނަމަވެސް ފަތުރުވެރިންނަށް ވުރެ ދިވެހިންގެ ފަރާތުން އެކަމަށް މާބޮޑު ތަރުހީބެއް ލިބުނު. ގަހަނާ އުފެއްދުމުގެ އިތުރު އެ މަސައްކަތް އެހެން މީހުންނަށް ދަސް ވެސް ކޮށްދޭ. ރަށު ކައުންސިލްތައް މެދުވެރިވެގެން ރަށް ރަށުގައި ގިނަ ސެޝަންތަކެއް މިހާރު ވެސް ނަގާދީފައިވޭ. ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމެއްގައި އެ މަސައްކަތް ދައްކާލުމާއި، ވޯކްޝޮޕަކާ އިންވެގެން ހުރި އަމިއްލަ "ބުޓިކެއް" ހެދުމަކީ އޭނާ ދެކޭ ހުވަފެނެއް.

ހުނަރުވެރިންގެ މަސައްކަތަކީ ތަފާތު ދެއްކުމެވެ. މަސައްކަތެއް ކުރަމުން އައި ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް އާ އީޖާދުތައް ވުޖޫދު ކުރުމެވެ. އޭގެ ސަބަބުން އެ މަސައްކަތާ ބެހޭ މައުލޫމާތު އުނގެނުމާއި ދަސްކުރުމުގެ ޝައުގުވެރިކަން ހުރި ޖީލެއް އުފަން ވާން ފަށަ އެވެ. މިއީ ވެސް ކަސަބުގެ މަސައްކަތަށް ދިރުމެއް ގެނައުމަށް މަސައްކަތްކުރާ އެފަދަ ހުނަރުވެރިއެކެވެ.

ހިދާނާ ލަތީފް (ހިދާ)، ވަރަށް ކުޑައިރު އޭނާގެ މުނި މާމާ ކަސަބު ވިޔާތަން ކޮންމެ ވެސް ވަރަކަށް ފެނިފައިވެ އެވެ. ފަހުން ޓީވީންނާއި އަދި ފޮޓޯތަކުން އެ މަސައްކަތް ކުރާތަން ފެނުމުން އެމަސައްކަތް ދަސްކުރުމަށް ޝައުގު ވެރިކަން އުފެދުނެވެ. ނަމަވެސް އޭރު އެފަދަ ފުރުސަތެއް ތަނަވަސްވެފައި ނުވާތީ ސްކޫލް ނިމުމަށްފަހު ސަރުކާރުގެ ވަޒީފާއަކާ ގުޅުނެވެ.

ހިދާ ކަސަބު ވިޔުމުގެ މަސައްކަތް ދައްކާލަނީ: މިއީ ނޮކު އައިލެންޑް ރިސޯޓުގައި ބޭއްވުނު ހަރަކާތެއް

އޭނާ އަދާކުރީ ތީމުގޭ އޮފީހުގެ ކްލެރިކަލް އެސިސްޓަންޓެއްގެ މަގާމެވެ. ގާތްގަނޑަކަށް 13 އަހަރު ސަރުކާރަށް ޚިދުމަތް ކުރުމަށްފަހު 2011 ގައި ވަޒީފާއިން ވަކިވީ ސަރުކާރުން ތައާރަފް ކުރި ރިޑަންޑަންސީ ޕެކޭޖް ގެދަށުންނެވެ. ވަކިވި އިރު ހުރީ މުލީއާގެ އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ވެޑިން ޑްރެސްގެ ވިޔަފާރިން ކަސަބުގެ ވިޔަފާރިއަށް

ބްރައިޑަލް ބުޓިކްސް މޯލްޑިވްސްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން އޭނާ އެންމެ ފުރަތަމަ ފެށީ ވެޑިން ޑްރެސްގެ ވިޔަފާރި އެކެވެ. އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ މިޒްނާ އަހުމަދާ ގުޅިގެން އަށް އަހަރު ވަރަށް ކާމިޔާބު ކަމާއެކު އެ ވިޔަފާރި ކުރި އެވެ. ފަހުން އެ މަސައްކަތް ހުއްޓާލާފައި އެއިން ލިބުނު ފައިދާއިން ޓޫރިޒަމާ ގުޅޭ މަސައްކަތެއް ކުރަން ވިސްނިއިރު، ކަސަބުގެ މަސައްކަތަކީ އެންމެ ރަނގަޅު މަސައްކަތް ކަމަށް ވިސްނުނެވެ.

ހިދާ ކަސަބު ގަތަން ދަސްކުރީ ގދ. ތިނަދޫގެ ފުންނާބު އުސް ކަސަބު ވިޔުންތެރިއެއް ކަމަށްވާ އައިޝަތު އިބްރާހިމް ކައިރިންނެވެ. އެކަން ދަސްކުރި އިރު ފަތުރުވެރިންނަށް އަމާޒުކޮށް އާއުފެއްދުމެއް ވުޖޫދު ކުރުމުގެ ވިސްނުން ހުއްޓެވެ. އެކަމަށްޓަކައި "މާކެޓް ރިސާޗް" އެއް ހެދުމުން ކަސަބު ވިޔެގެން ތައްޔާރު ކޮށްފައިވާ އެއްވެސް އެއްޗެއް ސުވެނިއާ ވިއްކާ ފިހާރަތަކުގައި ނެތްކަން ފާހަގަ ވި އެވެ.

"ކަސަބު ވިޔަން ދަސްކުރީ 2017ގައި. އަޅުގަނޑުގެ މަސައްކަތް ރީތިކޮށް އަދި މިކަމުގައި ކުރިއަށް ދިއުމަށް ޓީޗަރުގެ ހިތްވަރު ވަރަށް ބޮޑަށް ލިބުނު. އޭރު އަޅުގަނޑު އެޗްއާރު ކޮންސަލްޓަންސީ ފާމެއްގައި ޕާޓްޓައިމް މަސައްކަތް ކުރަމުން ގެންދިޔައީ. އެ ވަޒީފާއިން ވަކިވީ ފުލްޓައިމްކޮށް ކަސަބް މަސައްކަތް ކުރަން ވެގެން،" ހިދާ ކިޔައިދިނެވެ.

ހިދާގެ "ރާހި ކަލެކްޝަން" ގައި ހިމެނޭ އޭނާ ހަދާފައިވާ އަތުގަ އަޅާ ބޭންޑެއް: އޭނާގެ އުފެއްދުންތަކަށް ދިވެހީގެ ބޮޑު ތަރުހީބެއް ލިބޭ

ކަސަބު ކޯސް ނިމުމުން 2019 ގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރި އެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރާއްޖޭގައި ކަސަބުގެ މަސައްކަތް ފެށުނު ގޮތުގެ ކުޑަ ދިރާސާއެއް ވެސް ކޮށްލި އެވެ. އަދި އެމަސައްކަތާ ބެހޭ މައުލޫމާތު ހޯދުމަށް އަބްދުﷲ ސޯދިގު އަދި ހަބީބާ ހުސެން ހަބީބް އާ ބައްދަލުކޮށް މައުލޫމާތު އެއްކުރި އެވެ. އަހުމަދު ޝަފީގުގެ ލިޔުއްތަކުން ވެސް އޭނާ ބައެއް މައުލޫމާތު ހޯދި އެވެ.

އެއަށް ފަހު ކަސަބު ބޭނުންކޮށްގެން އަތުގައި އަޅާ ރިސްޓް ބޭންޑް (އަތުގަ އަޅާ އެއްޗެހި)، މާޓުކުރި، ފޮޓޯ ފްރޭމް، އަދި ކުޝަން ކަވަރު ފަދަ ތަކެތި ތައްޔާރުކޮށް، އޭނާގެ އިންސްޓަގްރާމް ޕޭޖު "ކަސަބު ބަައި ހިދާ" އަށް ލުމުން އެތައް ބައެއްގެ ތަރުހީބު ލިބުނެވެ.

ދިވެހި ސަގާފީ މަސައްކަތަކާ ޒަމާނީ ގަހަނާއާ ގުޅުވާލުމުން ފަތުރުވެރިންނަށް ވުރެ ދިވެހިންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަމަށް ހިދާ ބުންޏެވެ. އެ ހިސާބުން އޭނާގެ މަސައްކަތަށް ޖާގަ އޮތް މިންވަރު ވަޒަންކުރެވި ގަހަނާ އުފައްދަން ފެށި އެވެ. އަދި އެ އުފެއްދުންތައް މާކެޓަށް ނެރުމުގެ ކުރިން ޓެސްޓްކޮށް އޭގެ ކޮލިޓީ ކަށަވަރު ކުރި އެވެ.

އެ މަސައްކަތް ފެށި ދުވަސްވަރު ބައެއް ރިސޯޓްތަކުން ވަރަށް ތަރުހީބު ލިބުނެވެ. އަދި ބައެއް ރިސޯޓުތަކުން އެ މީހުންގެ ފަތުރުވެރިންނަށް އެ މަސައްކަތް ކުރާ ތަން ދައްކައިދިނުމަށް އެދި ދައުވަތު ވެސް އަންނަން ފެށި ކަމަށް އޭނާ ބުންޏެވެ.

"ޚާއްސަ ދުވަސް ދުވަހާ ދިމާކޮށް ރިސޯޓްތަކުން ދައުވަތު އާދޭ ފަތުރުވެރިންނަށް އެ މަސައްކަތް ކުރާ ތަން ދައްކައިދޭން އައުމަށް. އެފަދަ ދުވަސް ދުވަހު އަޅުގަނޑު އުފައްދާ ތަކެތި ވިއްކުމުގެ ފުރުސަތު ވެސް އެފަރާތްތަކުން ދޭ،" ހިދާ ބުންޏެވެ.

އޭނާ ވަނީ އޯގާ ރިސޯޓުން ހޮވި 15 އާޓިސްޓުންގެ ތެރޭގައި ހިމެނުމުގެ ސަބަބުން އެތަނުގެ އެއް ވިލާގައި ކަސަބުން ތަކެތި ހަދައި ޒީނަތްތެރި ވެސް ކޮށްފަ އެވެ.

ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދެމުގެ އިތުރުން އޭނާ އެ މަސައްކަތް އެހެން މީހުންނަށް ދަސް ވެސް ކޮށްދެ އެވެ. އެކަން ފެށީ 2019 ގަ އެވެ. މަސައްކަތް ދަސްކޮށް ދޭއިރު ކަސަބުގެ ތާރީޚަށް އަލިއަޅުވާލުމަށް އެއް ސެޝަން ޚާއްސަކުރެ އެވެ.

"މިމަސައްކަތުގައި އަޅުގަނޑު ވަރަށް އުފާވި ދެކަމެއް ހިއްސާ ކޮށްލަން ބޭނުން. އެއްކަމަކީ އަޅުގަނޑުގެ ކޮއްކޮގެ ދަރިފުޅު އޭނާގެ އުމުރުން އެންމެ ފަސް އަހަރުގަ ކަސަބު ގަތަން ދަސްކުރިކަމާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ބޭސިކް އާއި އެޑްވާންސް ވެސް ނިންމި ކަން. ދެން މިހާރު ރައްރަށުގައި ވެސް ކޯސް ހިންގައި ދޭން ދައުވަތު ލިބޭ. ޑަބްލިއުޑީސީ އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ ރަށް ރަށަށް ގޮސް 10 ދުވަސް ނުވަތަ 15 ދުވަހުގެ ބޭސިކް ކޯސް ހިންގަދެން. އެހެން ދާއިރު އެބަ ދިމާވޭ މި މަސައްކަތް ކުރާ ވަރަށް ދުވަސްވީ މީހުންނާ،" ހިދާ ބުންޏެވެ.

ހިދާގެ ކޮއްކޮގެ ދަރިފުޅު ކަސަބު ވިޔަނީ: އޭނާ ކަސަބު ވިޔަން ދަސްކުރީ އުމުރުން އެންމެ ފަސް ހަރުގަ

ކޮންމެ މަސައްކަތެއްގައި ވެސް ގޮންޖެހުން ހުންނަ ފަދައިން ހިދާގެ މަސައްކަތުގައި ވެސް ކޮންމެ ވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަ ކުރި އެވެ.

"ބޭނުންކުރާ ސާމާނު ހޯދުމުގެ ދަތިކަން ހުރި މި މަސައްކަތް ފެށިއިރު. މިސާލަކަށް ބާދަލާ (ކަސަބު ބަރަނީގެ ވައްތަރެއް) ވަރަށް ނުލިބޭ. ފަހަށް ފަހަށް އައިސް ކަސަބު ގަތާ ކުދިން ގިނަވާން ފެށުމުން އެކަން މަޑުމަޑުން އެބަ ރަނގަޅު ވޭ. އެހެން ނަމަވެސް ތަކެތި އަގު ބޮޑުކަން ފާހަގަ ކުރަން،" ހިދާ ބުންޏެވެ.

މިވަގުތު ހަމައެކަނި ރާއްޖެއަށް އަމާޒުކޮށްގެން ކަސަބުން ތަކެތި ތައްޔާރު ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމެއްގައި އެ މަސައްކަތް ދައްކާލުމާއި، ވޯކްޝޮޕަކާ އިންވެގެން ހުރި އަމިއްލަ "ބުޓިކެއް" ހެދުމަކީ އޭނާ ދެކޭ ހުވަފެނެކެވެ.

ހިދާ އުފައްދާ ތަކެއްޗަކީ މުޅިން ވެސް އޭނާގެ ދެ އަތުން ކަސަބު ގަތާފައި އުފައްދާ ތަކެއްޗެވެ. އެ މަސައްކަތުގައި ދެމިހުރުމަށް އޭނާގެ އާއިލާ، މަންމަ، މާމަ، އަދި ރައްޓެހިންގެ ފަރާތުން ބޮޑު ސަޕޯޓެއް ދެ އެވެ. އޭގެ އިތުރުން އެ މަސައްކަތް ކުރެވެނީ އެކި ވިޔަފާރިތަކުން މަސައްކަތް ހަވާލުކުރާތީ ކަން ހިދާ އުފަލާއެކު ބުންޏެވެ.

އޭގެ ތެރޭގައި އައިލެންޑް ބާޒާރު، އޯތެންޓިކް މޯލްޑިވްސް، އަދި އޯގާ ރިސޯޓް ފަދަ ބައެއް ރިސޯޓް އޭނާ ފާހަގަ ކުރި އެވެ. ކަސަބު ގެތުމާއި އަދި އެއިން ތަފާތު އެއްޗެހި އުފެއްދުމަކީ ހިދާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ގޭގައި އާއިލާ ކައިރީ ހުރެގެން އާމްދަނީއެއް ލިބޭ މަސައްކަތަކައް ވެސް ވީތީ އެވެ.

މިހާތަނަށް އޭނާ ބައިވެރިވި އިވެންޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު އިވެންޓެއް ކަމަށް އޭނާ ފާހަގަ ކުރަނީ ފަންނު އެކްސްޕޯގައި 2019 ގައި ބައިވެރިކުރި މަސައްކަތާއި 2025 ގައި ބައިވެރިކުރި މަސައްކަތެވެ.

މިއީ 2025ގެ އެކްސްޕޯގައި އޭނާ ހުށަހެޅި ފްރޭމް : މިއީ މިހާތަނަށް އޭނާ އަށްކުރެވުނު އެންމެ ބުރަ އަދި އެންމެ ހިތްހަމަޖެހޭ މަސައްކަތް

ހިދާ ދެކޭ ގޮތުގައި މި މަސައްކަތަކީ ބޮޑުވަމުން އަންނަ ކުދިން ދަސްކުރުމަށް ވަރަށް ރަނގަޅު މަސައްކަތެކެވެ. އެންމެ މުހިންމު އެއް މަގުސަދަކީ އެއީ އޭގެ ސަބަބުން ދިވެހި މަސައްކަތްތެރިންގެ ކިބައިގައި ހުރި ހުނަރުވެރި ކަން އެ ކުދިންނަށް އެނގިގެން ދާނެތީ އެވެ. އޭގެ އިތުރުން ދެން އަންނަ ޖީލަށް ދިވެހި މި ފަޚުރުވެރި މަސައްކަތް ފޯރުކޮށް ދިނުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވާތީ ވެސް މެ އެވެ.

އޭގެ އިތުރުން ގޭގައި ހުރެގެން އާމްދަނީ ހޯދުމުގެ ނިޔަތުގައި ވެސް މި މަސަކަތް ދަސްކުރުމަކީ މިހާރު މިކަމަށް އޮތް ޑިމާންޑަށް ވިސްނާލި ނަމަވެސް ވަރަށް ފައިދާހުރި ކަމަކަށް ވާނެތީ އެވެ.

"މި ކަމަށް ބޭނުން ވަނީ ވަގުތު. ޝައުގު ހުރި ކުއްޖެއް ނަމަ ދަސްކޮށްލަން ހަމަ ވަރަށް ރަނގަޅު މަސައްކަތެއް މީ. ކަސަބު ލިބާސް މިއަދު މިވަނީ ވަރަށް މަގުބޫލު އެއްޗަކަށް ވެފައި. ޚާއްސަ ހަފުލާތަކުގައި މިސާލަކަށް ގްރެޖުއޭޝަން، ރަންކިއުން، ވެޑިން އަދި ތީމް ޕާޓީތަކުގައި ލިބާސް އެބަ ބޭނުން ކުރެވޭ. ކަސަބު ބޯވަޅު ލިބާހަކީ ބޭނުން ކުރުމަށްފަހު ވެސް އެއްލާލުމުގެ ބަދަލުގައި އެއްޖީލުން އަނެއް ޖީލަށް ހަދިޔާ ކުރެވޭ އަގުހުރި އެއްޗެއް ކަމަށް ގަބޫލު ކުރެވޭ،" ކުރިއަށް އޮތް ތަނުގައި "ޕޭޕަލް" ފަދަ ވަސީލަތް ތައާރާފްކޮށްފި ނަމަ، ރާއްޖެއިން ބޭރުން ލިބޭ އޯޑަރުތައް ވެސް ނަގަން ފަސޭހަ ވެގެންދާނެ ކަމަށް ގަބޫލުކުރާ ހިދާ ބުންޏެވެ.