މަޖިދީމަގުގައި ހުންނަ ޒިކްރާ މިސްކިތް ހަދަން ކުރީގެ ސަރުކާރުން ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނަށް ދައުލަތުން އިކުއިޓީގެ ގޮތުގައި ދެއްކި 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮޮފީހުން ވަނީ އެސްޖޭއާ ދެކޮޅަށް ދައުވާކުރަން ހުށަހެޅިކަން ކަށަވަރަކޮށް ދެއްވައިިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށްވެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ 2018 ވަނަ އަހަރު ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ކުރީ ސަރުކާރުން އޮތީ އެސްޖޭއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފަ އެވެ.
އިކުއިޓީގެ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ. އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ވަނީ އެ ދައުވާ އުފުލާފަ އެވެ.
މިހާރުގެ ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 23 ވަނަ ދުވަހު ޒިކުރާ މިސްކިތުގެ މައްސަލާގައި ގާނޫނީ ލަފަޔަކަށް އެދި އޭޖީއަށް ހުށައަޅާފަ އެވެ. އޭޖީން އެ ލަފާ ދީފައި ވަނީ 2019 ވަނާ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.
އޭޖީގެ ލަފާގައި ބުނެފައިވަނީ ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމަށެވެ. އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަން ފާހަގަކޮށް އޭޖީ ލަފާ ދެއްވީ ދެ ފަރާތް އެއްބަސްވެގެން މައްސަލަ ހައްލު ކުރުމަށެވެ.
ނަމަވެސް އޭޖީގެ ލަފާ އިސްލާމިކް މިނިސްޓްރީން ވަނީ ގަބޫލުކުރަން ދެކޮޅު ހަދައި އެސްޖޭ އާއެކު ހަދާފައިވާ އެއްބަސްވުން މަޝްވަރާކުރުމެއް ނެތި ބާތިލުކޮށްފަ އެވެ. އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީއިން އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ވެސް ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެސްޖޭ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް އެސްޖޭ އިން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.