ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ހިދުމަތްތައް ދޭނެ ގަޑިތައް މިއަދު އިއުލާންކޮށްފި އެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ބޭންކުގެ ބްރާންޗްތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު އެވެ.

ބޭންކުން ބުނި ގޮތުގައި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބްރާންޗްތަކާއި ސަރވިސް ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ހިދުމަތް ލިބޭނެ އެވެ. ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާތީ، ވީހާވެސް ގިނަ ކަސްޓަމަރުން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރެ އެވެ.

ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ ދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާނެ ވަގުތުތައް ފަހުން އިއުލާންކުރާނެ ކަމަށްވެސް ބޭންކުން ބުނެފައިވެ އެވެ.

ބޭންކުން އިތުރަށް ބުނީ ބްރާންޗްތައް ބަންދު ވަގުތުތަކުގައި ވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.