ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 17 ޕަސެންޓްގެ ކުރިއެރުމެކެވެ. އެ ބޭންކަށް 2024 ވަނަ އަހަރު އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.8 ބިލިއަން ރުފިޔާ އެވެ.
އެ ބޭންކުން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 ޕަސެންޓް އިތުރު އަދަދެކެވެ. ބީއެމްއެލް އިން 2024 ވަނަ އަހަރު ދޫކޮށްފައި ވަނީ 5.2 ބިލިއަން ރުފިޔާގެ ލޯނެވެ.
މިދިޔަ އަހަރު ހޯދި މާލީ ކުރިއެރުންތަކާ ގުޅިގެން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.
ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
"އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް ދިހަ ބިލިއަން ރުފިޔާ ދޫކޮށްފައި. މިއީ ބޭންކުގެ ތާރީހު ގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު،" އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށް ވުރެ ގިނަ އާ ކަސްޓަމަރުން އެ ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
މިދިޔަ އަހަރު ހޯދި ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެއް ކަމަށާއި ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީހުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް. ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށް ވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވަނީ މި ނަތީޖާ ހޯދުމަށް ބޭންކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށާއި ބެންކުގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވާ އިރުޝާދަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުން އެ ބޭންކަށް ކުރައްވާ އިތުބާރަށް އެ ފަރާތްތަކަށް ވެސް ހާއްސަ ޝުކުރެއް ޝަރީފު އަދާކުރެއްވި އެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ބޭންކަށް ހޯދުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބިއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގާއިމްކުރުން ކަމަށެވެ. އަދި މި މަޝްރޫއަށް ރާއްޖެ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާއިރު، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "ކޯރަސް" އިން ދޭ "އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލް އަށް ލިބިފައިވެ އެވެ.
ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތާއެކު އެ ބޭންކުން ވަނީ ޑިޖިޓަލް ޚިދުމަތްތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ހަލުވިކޮށްފަ އެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ޚިދުމަތްތަކެއް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މިހާރު ކުރެވެ އެވެ. މީގެ އިތުރުން، ބީއެމްއެލް އިން ވަނީ "ސްވައިޕް" ވޮލެޓް ތައާރަފުކޮށްފަ އެވެ. މިއީ 100 ޕަސެންޓް ދިވެހިން އުފައްދާފައިވާ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ ކުރިމަގުގައި ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދޭނެ، އެކި ބާވަތުގެ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓެކެވެ.

ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ނަޝީދު ވިދާޅުވެއްޖެ
އަޖޭއާއި ކާޖޮލްގެ ކައިވެންޏަށް 27 އަހަރު!
ވެމްކޯއާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ