މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ފާތުމަތު ޒަހިއްޔާ (ޒާޔާ) ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މައުރޫފާއި ޒާޔާގެ އިތުރުން، ދައުވާކުރުމަށް ފޮނުވާފައި ވަނީ މުޒާހަރާގައި ބައިވެރިވި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ، ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމެވެ. މީގެ އިތުރުން، އެ ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.
ދައުވާކުރަން ފޮނުވިކަން ފުލުހުން ވަނީ މި ތިން ބޭފުޅުންނަށް ލިޔުމުން އަންގާފަ އެވެ.
ދައުވާކުރަން ފޮނުވި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށް މެންބަރު މައުރޫފް ވަނީ ވިދާޅުވެފަ އެވެ. ރިފަރެންޑަމްގައި ރައްޔިތުން ރައީސް މުއިއްޒަށް އާނއެކޭ ނުބުނާނެކަން ރައީސްއަށް އެނގިވަޑައިގަންނަވަން އެބަޖެހޭ ކަމަށްވެސް މައުރޫފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓް ޒާޔާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ހައްގު ބަސްބުނާތީވެ ފޮނުވާލާ ޗިޓަކަށް ލިޔުމަކަށް ނުގުޑާނެ ކަން ވަރަށް ސާފުކޮށް މިއަދު ގެ އަނިޔާވެރި ސަރުކާރަށް އެތައްފަހަރަކު ބުނެދީފައިވާނެ ކަމަށާއި ފަހަތަށް ބިޑި އަޅުވައިގެން ގެންގޮސް ޖަލަށް ލާ ބޯކަނޑާލިޔަސް އަނިޔާވެރި ކަމަށް ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.
އެމްޑީޕީން އޮކްޓޯބަރު 3 ގައި ބޭއްވި ސުލްހަވެރި މުޒާހަރާއަށް ފުލުހުން ހުރަސްއެޅީ އާޓްފިޝަލް ބީޗުން މަޖީދީމަގަށް މުޒާހަރާގެ ބައިވެރިން ނުކުންނަށް އުޅުމުންނެވެ. އެރޭ ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލި އެވެ. އޭގެ އިތުރުން ވަރަށް ގިނައިން މުޒާހަރާތެރެއަށް ޕެޕާ ސްޕްރޭވެސް ޖަހާފައި ވެއެވެ. ޕެޕާ ސްޕްރޭގެ އަސަރުކޮށް މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއްވެސް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.
އެ ރޭގެ މުޒާހަރާ ތެރެއިން ފުލުހުން އަށް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދުކުރި އެވެ. އެ ހަ މީހުން ހިމެނޭ ހެން ޖުމުލަ ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން ކުރިން ފޮނުވި މައްސަލައިގައި ޕީޖީ އޮފީހުން ނިންމާފައި ވަނީ ދައުވާ ނުކުރުމަށެވެ.
އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން އެ ޕާޓީގެ ކުރީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއީ މި ސަރުކާރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއިން ފެންނާނެ މަންޒަރު ކަމަށާއި، ކޮންމެ އިންތިހާބަކާ ދިމާކޮށް އިދިކޮޅު ފަރާތްތަކަށް ބިރު ދައްކާ، އިންޒާރުދީ، ދަތިކުރުމަކީ މި ސަރުކާރުގެ ސްޓްރެޓެޖީ ކަމަށެވެ.

ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
ބަހުރޭނުގައި ގޮވުންތަކެއް، ގަތަރުން މިސައިލެއް ހުއްޓުވައިފި
ނަސީމުގެ މަސައްކަތް ރީތިވެފައި ފުރިހަމަ!