"ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިވާ ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތުގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއެކު އިތުރު 11 މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ދައުވާކޮށްފި އެވެ. މި މައްސަލައަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު މަކަރާއި ހީލަތުން ބިން ހޯދަން އުޅުނު މައްސަލައެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފަޒީލްގެ މައްޗަށް ކުރަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާއާއެކު މި ދައުވާ އިތުރު އަށް މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި މަރްޔަމް ސާއީ، އީމާ ވަހީދު، އައިޝަތު މައުރޫފާ، މުހައްމަދު އާދަމް، އަބްދުލްމަޖީދު މާހިރު، ހުސައިން ޒާހިރު ޒައިނު، އަޝްހަދު އަލީ އަދި އަހުމަދު އަލީ ހިމެނެ އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ކަމަށް ދައްކައި، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށް ސައްހަ ނޫން އެއްބަސްވުމަކާއި ރަޖިސްޓްރީއެއް ހުށަހަޅާފައިވާތީ އެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން، ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އަހުމަދު އަތީގު އަބްދުالله އާއި އަހުމަދު މާޒިންގެ މައްޗަށް ވަނީ ކޮށްފަ އެވެ. އަތީގުގެ މައްޗަށް ދައުވާކުރަނީ ބިން ހޯދަން ހުށަހެޅި ފޯމުތަކުގެ މަސައްކަތުގައި އުޅެމުން ސައްހަ ނޫން ރަޖިސްޓްރީ އާއި އެއްބަސްވުން ހެދި ކަމުގެ ތުހުމަތުގަ އެވެ. މާޒިންގެ މައްޗަށް ކުރަނީ ބިމުގެ ހައްގުވެރިކަން އެނގޭނޭ ސައްހަނޫން ލިޔުންތައް ހެދި ކަމުގެ ތުހުމަތެވެ.
މި މައްސަލާގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އަރުޝަދު އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ އަހުމަދު މާޒިންއާ ބައިވެރިވެގެން ސައްހަނޫން ރަޖިސްޓްރީ އާއި އެއްބަސްވުންތަކެއް އުފެއްދި ކަމުގެ ތުހުމަތެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަވެސް އަންނާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލާގައި ފަޒީލްގެ ކޮއްކޮ އަދި އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ވެސް ތުހުމަތުތަކެއް ކުރެވުނެވެ. އޭނާގެ މައްޗަށް ކުރީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލިޓްކޮށްފައިވާ ކަމުގެ ތުހުމަތެވެ.
އެހެންނަމަވެސް، ޕީޖީން ވަނީ ދައުވާކުރާނެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފަ އެވެ. މި މައްސަލައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ހެދި ފަޒުލް ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އީރާނުގެ ހަމަލާއެއްގައި ޑުބާއީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް
އީރާނުގެ އެންމެ ލީޑަރު ޚާމަނާއީ އަވަހާރަކޮށްލައިފި
ރޯދަ ހިފުމުގެ ތަޖުރިބާ ނޯރާ ކިޔައިދީީފި