ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، އޮމާންގެ ސާފުނުކުރާ ތެޔޮ ނުވަތަ ކްރޫޑް އޮއިލް ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައިފި އެވެ. މިއީ ފަހުގެ ތާރީހެއްއްގައި އޮމާންގެ ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މަސްކަޓްގެ ރަސްމީ އިދާރާތަކުން ބުނިގޮތުގައި، މޭ މަހު ސަޕްލައިކުރުމަށް ހަމަޖެހިފައިވާ އޮމާން ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100.31 ޑޮލަރަށް އުފުލިފަ އެވެ. މިއީ ބުރާސްފަތި ދުވަހު ތެޔޮ ފީފާއެއް ހުރި އަގު ކަމުގައިވާ 94.47 ޑޮލަރާ އަޅާބަލާއިރު 5.84 ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަންނަ މާޗު މަހު ސަޕްލައިކުރުމަށް ހަމަޖެހިފައިވާ އޮމާންގައި ތެޔޮ ފީފާއެއް އެވްރެޖް މަހަކަށް ބަލާއިރު، އަގު ހުރީ ފީފާއެއް 62.17 ޑޮލަރުގަ އެވެ. މިއީ ފެބްރުއަރީ މަހުގެ އެވްރެޖް އަގަށްވުރެ 0.08 ޑޮލަރުގެ އިތުރުވުމެކެވެ.
މާކެޓް ރިޕޯޓްތަކުން ދައްކާގޮތުގައި، ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން ހާއްސަކޮށް މެދުއިރުމަތީގެ ސަރަޙައްދުން ބޭރުކުރާ ތެލުގެ ޑިމާންޑް ވަނީ އިތުރުވެފަ އެވެ.
އޮމާންގެ ތެލުގެ އަގު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަކީ އެ ގައުމުގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ކަމުގެ މާހިރުން ދެކެ އެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ނަމަވެސް، ތެލުގެ އަގު މިހާ ބޮޑަށް އުފުލުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިންފްލޭޝަނަށް އަސަރުކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ތެޔޮ އިމްޕޯޓްކުރާ ގައުމުތަކުގެ ތަކެތީގެ އަގު އުފުލުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެލުގެ އަގު މި މިންވަރުގައި ހިފެހެއްޓޭނެތޯ ނުވަތަ އިތުރަށް އުފުލޭނެތޯ ބެލުމަށް އިންވެސްޓަރުން ދަނީ ފާރަވެރި ވަމުންނެވެ. އޯޕެކް ޕްލަސްގެ ގައުމުތަކުން ނިންމާ ނިންމުންތަކަކީ މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަންތައްތަކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަމުންދާ މި ބަދަލުތަކަކީ ބައިނަލްއަގުވާމީ ސިޔާސީ އަދި އިގްތިސާދީ ހާލަތްތަކާ ގުޅިގެން އަންނަ ބަދަލުތަކެއް ކަމަށް މާހިރުން ފާހަގަކުރެ އެވެ. އޮމާން ކްރޫޑް އޮއިލްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ ސަރަހައްދީ ތެލުގެ ބާޒާރަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ބެލެވެ އެވެ.
ހަނގުރާމަ ހުއްޓާލަން އެއްބަސްވުމާއި އެކު ތެލުގެ އަގު ދަށަށް
ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ
މި ސިފަތައް ފެންނަ ރަހުމަތްތެރިންނާ އަވަހަށް ދުރުވޭ!