އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މައްސަލައިގައި، ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އެ ސަރަހައްދު ފުރިހަމައަށް ހުޅުވާނުލައިފި ނަމަ އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
މި އިންޒާރު ޓްރަމްޕް ދެއްވާފައިވަނީ ހަނގުރާމަ މަޑުޖައްސާލުމާ ގުޅޭގޮތުން ވާހަކަދެއްކެވިތާ އެއްދުވަސް ފަހުންނެވެ.
ޓްރަމްޕް ވަނީ ހޮރުމޫޒް ކަނޑުއޮޅި ހުޅުވުމަށް ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމެއްގެ ކިބައިން އެދިފަ އެވެ. ނަމަވެސް ޓްރަމްޕްގެ އެދުމަށް ދުނިޔޭގެ އެއްވެސް ގައުމަކުން އިޖާބައެއް ނުދިނެވެ. އަދި އެއާއެކު ޓްރަމްޕް ވަނީ ހޮރުމޫޒް ކަނޑުއޮޅި ހުޅުވުމުގައި އެއްވެސް ގައުމެއްގެ ބައިވެރިވުން ނުލިބުނަސް އެކަން އަމިއްލައަށް ކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުން އެއްވެސް ބިރުދެއްކުމެއް، ބަހަނާއެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުކޮށްފިނަމަ، އީރާނުގެ އެކި އިންޖީނުގެތަކަށް ހަމަލާދީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާނެ ކަމަށާއި، އެންމެ ފުރަތަމަ ހަމަލާދޭނީ އެންމެ ބޮޑު އިންޖީނުގެއަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ރައްދުގައި އީރާނުން ބުނީ އެމެރިކާ އިން އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާދީ ނަމަ ރައްދުގައި މުޅި އެ ސަރަހައްދުގެ ހުރިހާ ގައުމެއްގެ އިންޖީނުގެތަކާއި ފެން ޕްލާންޓްތައް ގޮއްވާލާނެ ކަމަށެވެ.
މި ނުތަނަވަސްކަން ބޮޑުވެފައި ވަނީ އީރާނުން ފުރަތަމަ ފަހަރަށް ދުރު ރާސްތާގެ މިސައިލް ބޭނުންކޮށްގެން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ.
އިޒްރޭލްގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާނުން ވަނީ އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާއަށް 4،000 ކިލޯމީޓަރުގެ ރާސްތާއެއްގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. ނަމަވެސް މި ހަމަލާ އީރާނުން މިރޭ ވަނީ ދޮގުކޮށްފަ އެވެ.
އިޒްރޭލްގެ އަސްކަރީ ވެރިޔާ އީޔަލް ޒަމީރު ބުނިގޮތުގައި މި މިސައިލްތަކަކީ ހަމައެކަނި އިޒްރޭލަށް އަމާޒުކޮށްފައިވާ އެއްޗެއް ނޫނެވެ. މި މިސައިލްތަކުގެ ރާސްތާ ޔޫރަޕްގެ ގައުމުތަކަށް ފޯރާ ކަމަށާއި، ބާލިން، ޕެރިސް އަދި ރޯމް ފަދަ ސިޓީތަކަށް މީގެ ނުރައްކާ އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ހަމަލާދީފައި ވަނީ އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއަށް ދިންތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުން ވަނީ އިޒްރޭލްގެ ދިމޯނާ އަދި އަރާދު ސިޓީއަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އިޒްރޭލްގެ ނިއުކްލިއާ ރިއެކްޓަރު ހުންނަނީ މި ހަމަލާތައް އަމާޒުވި ސަރަހައްދާ ގާތްގަނޑަކަށް 13 ކިލޯމީޓަރު ދުރުގަ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ ހަނގުރާމައިގައި ވަރަށް އުނދަގޫ ރެއެއް ކަމަށެވެ. އަދި ހުރިހާ ދިމާލަކުން ވެސް ދުޝްމަނުންނަށް ހަމަލާދިނުމުގައި އިޒްރޭލު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުން 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުން 15 މީހަކު ވަނީ މަރުވެފަ އެވެ.
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
އީރާނުގެ ނިއުކްލިއާ މާއްދާތައް ފޭރިގަންނަން ޓްރަމްޕް ރާވަނީ
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން