މިއަދު ކުރިއަށްދާ އިންތިހާބުތަކުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސާފައިވާ އިންތިޒާމުތައް ދަށް ކަމަށް ބުނެ، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. މިގޮތުން ތިން ވޯޓެއް އެކުގައި ކުރިއަށްދާއިރު، އިންތިޒާމުތައް ހުރި ގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ހާއްސަގޮތެއްގައި މާލޭގެ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގެ އިންތިޒާމުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ މަރުކަޒުގައި ޖަހާފައިވާ ޓެންޓު ތެރޭގައި ހިރަފުސް ބޯވެ، ފުސްވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބައެއް މީހުން ބުނެފައި ވަނީ މިފަހަރުގެ އިންތިޒާމުތައް "ބޮޑުތަނުން ސުމެއް" ކަމަށެވެ.
މިއަދުގެ އިންތިހާބުގައި ކޮންމެ ވޯޓުލާ މީހަކު ވެސް ތިން ވޯޓު ކަރުދާސްކޮޅު ތިން ފޮއްޓަކަށް އަޅަންޖެހެ އެވެ. ނަމަވެސް ބައެއް މަރުކަޒުތަކުގައި ވޯޓު ފޮށިތައް ބިންމަތީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން، ކޮންމެ ފޮއްޓެއް ވަކިކުރަން ބައެއް ފަރާތްތަކަށް ދަތިވެ، ފޮށިތަކަށް ވަކިކުރުމަށް ގުދުވެގެން ބަލަން ޖެހުމަކީ ވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކައުންސިލް އިންތިހާބަކާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މިގޮތަށް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި ތިން އިންތިހާބު އެކުވެގެން މިއަދުގެ އިންތިހާބު ވެފައިވަނީ ވަރަށް ބޮޑު އިންތިހާބަކަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް މިއަދު ވޯޓު ނަގަމުންދާއިރު، މިފަދަ ބޮޑު ދެ އިންތިހާބު އެއްކޮށްލުމުން ކުރިމަތިވާނެ ގޮންޖެހުންތައް މިއަދުގެ އިންތިޒާމުތަކުން ފެނިގެންދާކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި މިފަދަ ދަތިތަކަކީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވިސްނާފައި އޮންނަންޖެހޭނެ ކަންކަން ކަމަށްވެސް އާންމުން ދަނީ ބުނަމުންނެވެ.
އަޖޭއަށް 57 އަހަރު ފުރުމާއެކު ކާޖޮލްގެ މަޖާ މެސެޖެއް
މަސްތުވާތަކެއްޗާއެކު މާލެއިން 6 މީހަކު ހައްޔަރުކޮށްފި