ދިރިއުޅުމުގައި ސިކުޑި ހާސްކުރުވާ ކަންތައް ގިނަ އެވެ. މަސައްކަތާއި، ސޯޝަލް މީޑީއާއިން ކެނޑިނޭޅި ލިބޭ މެސެޖްތަކެވެ. ވަކިގޮތަކަށް ވަކި ގަޑިއަކަށް ކަމެއް ނިންމުމަށް އޮންނަ ޕްރެޝަރެވެ. މި ހުރިހާ ކަމަކީ އާންމު ގޮތެއްގައި ސިކުނޑިއަށް ލޯޑް ބޮޑުކުރާ އަދި އިތުރަށް ވިސްނާނެ ޖާގަ ނުދީ، ބޯހާސް ކުރުވާ ކަންކަމެވެ.
ފަހަކަށް އައިސް ކުރެވޭ ގިނަ ދިރާސާތަކުގެ އެހީގައި އިންސާނުނަށް ކުރިމަތިވާ ނުތަނަވަސްކަން ފިލުވާލުމަށް ވަނީ ފަސޭހަ ލުއި ހައްލުތަކެއް ހޯދައިދޭން މަސައްކަތްތަކެއް ކޮށްދީފަ އެވެ.
ދާދިފަހުން ކުރި ދިރާސާއަކުން ވަށައިގެންވާ ގުދުރަތީ މަންޒަރުތަކަކީ ސިކުޑިއަށް ބާރުފޯރުވާ އެއްޗެއްކަން ސައިންސްވެރިން ވަނީ ދެނެގަނެފަ އެވެ.
އެމެރިކާގެ މެކްގިލް ޔުނިވާސިޓީ އާއި އެޑޮލްފޯ އިބާނެޒް ޔުނިވާސިޓީގެ ސައިންސްވެރިން ގުޅިގެން ކުރި މި ދިރާސާއިން އެނގިފައިވާ ގޮތުގައި ގުދުރަތީ މާހައުލެއްގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކުރި ނަމަވެސް ސިކުނޑީގެ މަސައްކަތަށް ހެޔޮ ބަދަލުތަކެއް އާދެ އެވެ.
ވީމާ ކަމަކާ ހާސްވެ ފިކުރު ބޮޑުވާ ނަމަ ހުރިހާ ކަމެއް ވަގުތީ ގޮތުން ހުއްޓާލާފައި ބޭރަށް ނުކުމެލާށެވެ. އަދި ގުދުރަތީ ރީތިކަން ބަލައިލާ ވައި ޖައްސާލާށެވެ. މޫޑު ރަނގަޅުވެ، ހާސްކަން ފިލައި ސިކުނޑީގައި އެނބުރޭ ވިސްނުންތައް މަދުވެގެން ދިޔަކަން އިހްސާސް ވާނެ އެވެ.
ބޭރުގައި ވަގުތު ހޭދަ ކުރުމުން ސިކުނޑިއަށް އަމާންކަން ގެނެސްދެ އެވެ. ކަންކަމަށް ސަމާލުކަން ދޭން ފަސޭހަވެ އެވެ. އަދި ސިކުނޑީގައި އެނބުރޭ ފިކުރުތަކުގެ ތޫފާން މައިތިރި ކޮށްލަ އެވެ. މިހެން މެދުވެރި ވަނީ ބޭރަށް ނުކުމެލުމުން ސިކުނޑީގެ މަސައްކަތަށް ބަދަލުތަކެއް ގެނުވަދޭތީ އެވެ.
މި ދިރާސާގައި 100 އަށް ވުރެ ގިނަ "ބްރޭން އިމޭޖިން ސްޓޑީސް" ދިރާސާ ކުރެވުނު ކަމަށް އެ ސައިންސްވެރިން ހާމަކުރި އެވެ. ބޭރަށް ނިކުމެލުމުން ސިކުނޑިއަށް ލުއިވެލާކަން އެންމެނަށް ވެސް އިހްސާސްކުރެވެ އެވެ. ނަމަވެސް މި ކުރެވުނު ދިރާސާގެ ސަބަބުން ސިކުނޑިއަށް ބަދަލުތަކެއް އަންނަކަން ޔަގީން ކުރެވިގެން ދިޔަ އެވެ.
މި ދިރާސާގައި ބޭރަށް ނުކުމެލުމުން ސިކުނޑިއަށް އަންނަ ހަތަރު ބަދަލެއް ދިރާސާގެ ބައިވެރިން ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި ހިއްސުތަކަށް ބަދަލު އައުމާއި، ސްޓްރެސް އަށް ބަދަލު އައުމާއި، ކަންކަމަށް ދޭ ސަމާލުކަން ދެވުން، އަދި ސިކުނޑިއަށް މަޑުމައިތިރި ކަމުގެ އިހްސާސެއް ލިބުމެވެ.
ގުދުރަތީ ރީތިކަން ބަލައިލުމަކީ ފަސޭހަ ކަމެކެވެ. ފުރާޅުދަށުން ނިކުމެލާ ވަށައިގެންވާ ގުދުރަތީ މާހައުލަށް ބަލާލުމަކީ މީގެ ކުޑަމިންވަރެކެވެ. އޭގެ އިތުރުން ގަސް އިންދާފައިވާ ޕާކުތަކަށް ޒިޔާރަތް ކުރުމާއި ފެން އާރުތައް ބަލައިލުން ވެސް ހިމެނެ އެވެ.
ގެތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުމާއި ގުދުރަތީ މަންޒަރުތަކަށް ބެލުމުން ވެސް ސިކުނޑިއަށް ލުއިވެލައި ފަސޭހަވާ ކަންތައްތަކުގެ ތެރޭގައި ގުނާލެވެ އެވެ. އެންމެ މަދުވެގެން ތިން މިނިޓް ހޭދަ ކޮށްލުމުން ވެސް ސިކުޑިއަށް ވަރަށް ފައިދާ ކުރެ އެވެ. އެހެން ނަމަވެސް ގިނަވަގުތު ހޭދަކުރުމުން ލިބޭ ފައިދާ އިތުރުވެ އެވެ.