އީރާނުން ނިއުކްލިއާ އެއްބަސްވުމަކަށް ނައިސްފިނަމަ، މުޅި ގައުމު ގޮއްވާލާނެ ކަމުގެ ހަރުކަށި އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފި އެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް ނާދެވި ނުތަނަވަސްކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެއްބަސްވުމުގައި އެ މީހުން ސޮއި ނުކޮށްފިނަމަ، މުޅި ގައުމު ފުނޑު ފުނޑުކޮށްލާނެ ކަމަށެވެ. މި ވާހަކަތަކާއެކު، ސަރަހައްދީ ސަލާމަތީ މަޝްރަހާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.

މީގެ އިތުރުން، ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމުގައި ސޮއި ނުކޮށްފިނަމަ، އެ ގައުމުގެ ބްރިޖްތަކާއި އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށެވެ.

ޓްރަމްޕްގެ މި އިންޒާރުތައް އައިސްފައި ވަނީ، ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމި ނިންމުން އީރާނުން ކުއްލި ގޮތަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ ނިންމުން ބަދަލުކުރުމަށްފަހު، އެ ސަރަހައްދުން ދަތުރުކުރި ބައެއް އުޅަނދުފަހަރަށް ވަނީ ބަޑީގެ ހަމަލާތަކެއް ވެސް އަމާޒުވެފަ އެވެ.

އީރާނާއި އޮމާންއާ ދެމެދު އޮންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު މަގަކަށް ވާއިރު، އެ ސަރަހައްދަށް އަންނަ ކޮންމެ ލޮޅުމަކީ ދުނިޔޭގެ ތެލުގެ އަގަށް ސީދާ އަސަރުކުރާ ކަމެކެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އިއްޔެ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ބަޑިޖަހާފައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ހިލާފަށް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ހަމަލާތައް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް އަމާޒުވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރެމެން މި ހުށަހަޅަނީ ވަރަށް އިންސާފުވެރި އަދި ބުއްދިވެރި އެއްބަސްވުމެއް. އެމީހުން އެ އެއްބަސްވުން ގަބޫލުކުރާނެ ކަމަށް އުންމީދު ކުރަން. އެހެން ނޫންނަމަ، އީރާނުގެ ކޮންމެ އިންޖީނުގެއަކާއި ކޮންމެ ބްރިޖެއް އެމެރިކާއިން ސުންނާފަތި ކޮށްލާނެ. ދެން ރަނގަޅު މީހަކަށް ވެގެން ހުންނާކަށް ނެތިން،" ޓްރަމްޕް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އީރާނުގެ ރައްދު ވެސް ވަނީ ހަރުކަށިވެފަ އެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމަކީ މޮޔަ އަދި ބުއްދިވެރި ނޫން ނިންމުމެއް ކަމަށް ބުނެ، އެކަން ވަގުތުން ބަދަލުކުރުމަށް އީރާނުން ވަނީ ގޮވާލާފަ އެވެ.

އީރާނުގެ މަޝްވަރާގައި އިސްކޮށް ހުންނެވި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ އެމެރިކާއިން މި ދަތިކުރުންތައް ހުއްޓާ ނުލައިފިނަމަ، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހުއްޓުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

ގާލީބާފް ވަނީ ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ނިންމި ނިންމުން ބަދަލު ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ. މިއީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އީރާނުން ބުނެ އެވެ.

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ގަލްފު ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް އިތުރުވެ، މުދާ އުފުލާ އުޅަނދުފަހަރަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ސަބަބުން، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.