އޮމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ނުރައްކާތެރި ހަމަލާތަކެއް ދީ، އެ ބޯޓު އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ. އެމެރިކާގެ ސިފައިން ވަނީ ބޯޓަށް އަރައި، އޭގެ ނެވިގޭޝަން ސިސްޓަމްތައް ހަލާކުކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ 'ހާތަމުލް އަންބިޔާ' މަރުކަޒީ ހެޑްކުއާޓާޒްގެ ތަރުޖަމާނު ވަނީ އެމެރިކާގެ ކަނޑުގެ ސިފައިން ހިންގި މި ޖިނާއީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
މިކަމާ ގުޅޭގޮތުން ލެފްޓިނަންޓް ކާނަލް އިބްރާހިމް ޒުލްފަގާރީ ވިދާޅުވީ، އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރުމުގެ އަމަލެއް ހިންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ބޯޓަށް ބަޑީގެ ހަމަލާދީ، ބޯޓުގެ ކޮންޓްރޯލް އަތުލައިފަ އެވެ. އަދި މި ފިނޑި އަމަލަށް އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަރަށް އަވަހަށް ރައްދު ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
މި ހަމަލާ އަމާޒުވެފައިވަނީ ޗައިނާއިން ފުރައިގެން އީރާނަށް ދަތުރުކުރަމުންދިޔަ "ތޯސްކާ" ނަމަކަށް ކިޔާ ކޮންޓެއިނަރު އުފުލާ ބޯޓަކަށެވެ. މި ހަމަލާއާ ގުޅިގެން އީރާނުގެ ސިފައިން ވަނީ ވަގުތުން ރައްދު ދީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ބޯޓު ހިފެހެއްޓުމަކީ އެމެރިކާގެ އަސްކަރީ ބާރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައި އެވެ. ނަމަވެސް، އީރާނުން ބުނަމުންދަނީ މިއީ އެމެރިކާއަކީ ބައިނަލްއަގުވާމީ ކަނޑުތަކުގައި އޮތް އެންމެ ބޮޑު "ކަނޑުފޭރޭ ބާރު" ކަން އަނެއްކާވެސް ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފަ އެވެ. އަދި އީރާނުގެ ހުއްދަ ނެތި އެ ސަރަހައްދުން ދަތުރުކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. އީރާނުގެ ސަރުކާރުން ބުނާ ގޮތުގައި، އެމެރިކާގެ މި އަމަލަކީ މުޅި ހުޅަނގު އޭޝިއާ ސަރަހައްދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެއްދުމަށް ހިންގި އަމަލެކެވެ.
އީރާނުން ބުނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރުމަށް އެގައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ކޮންމެ އުދުވާނީ އަމަލަކަށް ދޭންޖެހޭ އެންމެ ހަރުކަށި ރައްދު ދިނުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ފެށުނު ހަނގުރާމައަށްފަހު، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ހުކުރު ދުވަހު އީރާނުން ވަނީ އާންމު ވިޔަފާރި އުޅަނދުތަކަށް އެ ސަރަހައްދު ހުޅުވާލާފަ އެވެ. ރައީސް ޓްރަމްޕް ވަނީ އީރާނުން ހުށަހެޅި ހުށަހެޅުންތަކަކަށް ބިނާކޮށް ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރައްވާފަ އެވެ. އެހެންނަމަވެސް، އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް ކަނޑުގެ ސަރަހައްދު ބަންދުކުރުމުގެ އަމަލުތައް ހިންގަމުންނެވެ. މި އަމަލުތަކާ ގުޅިގެން އީރާނުން ވަނީ އަލުން ކަނޑުއޮޅި ބަންދުކޮށްފަ އެވެ.
އިސްލާމްއާބާދުގައި ބޭއްވުނު މަޝްވަރާތަކުގައި އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލާނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހަޅާފައިވާ ހުރިހާ ޝަރުތުތަކަކަށް އެމެރިކާއިން އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.
އަންހެނުންނަށް ނިދަން އުނދަގޫވަނީ ކީއްވެ؟
މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށް ދެ ގައުމުން ބުނެފި