ހަނގުރާމައިގެ ދުވަސްވަރު ވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފި އެވެ.
ފިޗް ރޭޓިން އިން އާއްމުކުރި ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކު ވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެ އެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިން ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެ އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން ފައިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި އަންދާޒާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަމެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިގްތިސާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ފިނޭންސް އިން ފާހަގަކުރެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގްތިސާދީ ގާބިލުކަން އިތުރުކުރުމާއި، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ އެވެ.
ހެނދުނާއި ހަވީރުގެ ސައިން ސިއްހަތާއި ނިންޖަށް ކުރާ އަސަރު!
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ