ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކަށް އަނެއްކާވެސް ރާއްޖެ ހިމެނިއްޖެ އެވެ.

ބަންގްލަދޭޝްގެ "ފިންޓެކް ނިއުސް ބީޑީ"އިން ނަމްބިއޯގެ ތަފާސްހިސާބުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ސާކްގެ މެންބަރު ގައުމުތަކުގެ ތެރެއިން އެކަނި އުޅޭ މީހެއްގެ ދިރިއުޅުމުގެ ހަރަދު އެންމެ މަތީގައި އުޅެނީ ރާއްޖޭގަ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުލި ނުހިމަނައި ރާއްޖޭގައި އެކަނި އުޅޭ މީހަކު މަހެއްގެ މައްޗަށް އަސާސީ ބޭނުންތަކަށް ގާތްގަނޑަކަށް 812 ޑޮލަރު ނުވަތަ 12,521.04 ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މިއީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ބޮޑު ތަފާތެކެވެ. ރާއްޖެއާ އެންމެ ގާތްކުރާ ސްރީ ލަންކާގައި މި ހަރަދު އުޅެނީ 449 ޑޮލަރުގަ އެވެ. މީގެ މާނައަކީ ލަންކާގެ ރައްޔިތުންނަށްވުރެ ދެގުނަ އިތުރަށް ދިވެހިން ހަރަދުކުރަން ޖެހުމެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާއިރު:

  • އަފްޣާނިސްތާން: 397 ޑޮލަރު
  • ބޫޓާން: 380 ޑޮލަރު
  • ޕާކިސްތާން: 354 ޑޮލަރު
  • ބަންގްލަދޭޝް: 348 ޑޮލަރު
  • ނޭޕާލް: 312 ޑޮލަރު
  • އިންޑިއާ: 292 ޑޮލަރު

މި ހިސާބުތަކުން އެނގޭ ގޮތުގައި އިންޑިއާގައި ދިރިއުޅުމުގެ ހަރަދު ރާއްޖެއަށް ވުރެ ގާތްގަނޑަކަށް ތިންގުނަ ކުޑަ އެވެ.

ކަން މިހެން އޮތް ނަމަވެސް، 2024 ވަނަ އަހަރާ އަޅައިބަލާއިރު ރާއްޖޭގެ ހަރަދުތަކަށް ވަނީ 3.4 އިންސައްތައިގެ ކުޑަ ދަށްވުމެއް އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖޭގައި އެކަނި އުޅޭ މީހެއްގެ ހަރަދު 840.4 ޑޮލަރުގައި ހުރި އިރު، މިއަހަރު އެ އަދަދު ވަނީ 28.4 ޑޮލަރު ދަށްވެފަ އެވެ. ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާގެ ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރަށްވުރެ ކުޑަކޮށް ދަށްވެފަ އެވެ. ނަމަވެސް ޕާކިސްތާނުގައި ދިރިއުޅުމުގެ ހަރަދު ވަނީ މައްޗަށް ގޮސްފަ އެވެ.