ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ފުރަތަމަ ކާމިޔާބު ފިލްމު "މެއިނޭ ޕްޔާރް ކިޔާ"ގެ ބޮޑު ކާމިޔާބީއަށްފަހު، އޭނާއަށް ބޮލީވުޑް މަސައްކަތެއް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެވެ އެވެ.

މިކަމާ ގުޅޭގޮތުން ކުރިން ދިން އިންޓަވިއުއެއްގައި ސަލްމާން ބުނެފައިވަނީ، ފިލްމުގެ ބަތަލާ ބާގްޔާޝްރީ ކައިވެނި ކުރުމަށްފަހު ފިލްމީ ދާއިރާއާ ދުރަށް ދާން ނިންމީ ކަމަށެވެ.

ފިލްމުގެ ހުރިހާ ކްރެޑިޓެއް ނަގައިގެން އޭނާ ދިއުމުން، ފިލްމު ކާމިޔާބުވީ ހަމައެކަނި ބަތަލާގެ ސަބަބުން ކަމަށާއި އެކަމުގައި އޭނާގެ އެއްވެސް ދައުރެއް ނެތް ކަމަށް އިންޑަސްޓްރީގެ މީހުންނަށް ގަބޫލު ކުރެވުނު ކަމަށް އޭނާ ކިޔައިދީފައިވެ އެވެ.

މި ހާދިސާގައި، ސަލްމާންގެ ބައްޕަ ސާލިމް ހާން ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މަޝްހޫރު ޕްރޮޑިއުސަރު ޖީ.ޕީ. ސިޕީ އާ ވާހަކަ ދައްކައިގެން، ސަލްމާންއާއެކު އާ ފިލްމަކަށް ސޮއި ކޮށްފައިވާ ކަމުގެ ދޮގު ހަބަރެއް ޓްރޭޑް މެގަޒިންއެއްގައި ޝާއިއު ކުރި އެވެ.

އެހެން ކަމުން ސަލްމާންގެ ކެރިއަރު ސަލާމަތް ކޮށްދިނީ އޭނާގެ ބައްޕަ ކަމުގައި ސަލްމާން ސިފަ ކޮށްފައިވެ އެވެ.

1989 ވަނަ އަހަރު ނުކުތް "މެއިނޭ ޕްޔާރު ކިޔާ"އަކީ އެ ދުވަސްވަރު ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައި، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ނަމަވެސް، މި ފިލްމަށްފަހު ހަތަރު ފަސް މަސް ދުވަސް ވަންދެން ސަލްމާންއަށް އެއްވެސް ފިލްމެއްގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

މި ދޮގު އިއުލާނުގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ މީހުންނަށް ސަލްމާންއާމެދު އަލުން އިތުބާރު ލިބި، އެހެން ޕްރޮޑިއުސަރުން އޭނާއަށް ފުރުސަތު ދޭން ފެށި އެވެ.

މި މަސައްކަތުގެ ސަބަބުން ވެއްޓެމުންދިޔަ ސަލްމާންގެ ކެރިއަރު ސަލާމަތްވެ، ފަހުން އޭނާ ވެގެން ދިޔައީ ބޮލީވުޑް ދުށް އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު އެއް ތަރިއަށެވެ.