ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި، އެމަނިކުފާނުގެ ފަރާތްޕުޅުން ހުލާސާ ބަޔާން އިއްވުން މާދަމާ މެންދުރުފަހަށް ތާވަލްކޮށްފި އެވެ.

މިގޮތަށް ތާވަލްކޮށްފައިވަނީ ރައީސް ޔާމީންގެ ސިއްހީ ހާލަތުހުރި ގޮތުންނާއި، ހުލާސާ ބަޔާން އިއްވުމަށް އިތުރު ވަގުތު ބޭނުންވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މިއަދު މެންދުރުކުރީގެ ވަގުތެއްގައި އޮތީ ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ތިން ގަޑިއިރަށްވުރެ ދިގު ދެމިގެންދިޔަ މި ހުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން ފިޔަވައި ދެން ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދޫކޮށްލާފައިވަނީ ވަކި ހާލަތްތަކަކަށް ބެލުމަށްފަހުގަ އެވެ. އަދި ރައީސް ޔާމީނާ އެއް ހާލަތެއްގައި ހުރި އެހެން ފަރާތެއް މި މައްސަލާގައި ނެތް ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.

ދައުލަތުގެ ހުލާސާ ބަޔާނަށްފަހު ރައީސް ޔާމީނަށް ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމުން، އެމަނިކުފާނު ވަނީ މައިބަދައިގެ އާލާސްކަންފުޅެއް އުޅުއްވާތީ ގިނައިރު އިށީނދެވަޑައިގެން އިންނެވުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ހުލާސާ ބަޔާން ހުށަހެޅުން ދިގުވާނެތީ، އަޑުއެހުން އެހެން ދުވަހަކަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ މި އެދިވަޑައިގަތުމަށް ރިއާޔަތް ކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ މާދަމާ މެންދުރުފަހަށް މި އަޑުއެހުން ތާވަލްކޮށްދެއްވާފަ އެވެ.