މި ޒަމާނުގައި ދަރިން ބެލުމުގައި ދެމަފިރިންގެ ހިއްސާވޭ. އެފަދަ ވަގުތުގައި ސޯޝަލް މީޑިއާގައި ބައެއް މީހުން ވަގުތު ހޭދަކުރޭ. މިކަމަކީ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި އެކަމުން ކުދިންނަށް ގެއްލުން ހުރިކަމެއް. ފޯނާ ދުރުވެ، ދަރިންނަށް އެވަގުތު މުޅިން ހުސްކޮށްލެވޭ ނަމަ، އެ ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ފައިދާތަކެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކާ.

މީގެ 50 އަހަރު ކުރިއާ އަޅާބަލާއިރު، މިއަދުގެ މައިންބަފައިން އާއިލާ ތެރޭގައި އަދާކުރާ ރޯލާއީ ޒިންމާ ވަރަށް ބޮޑަށް ބަދަލުވެފައި ވެ އެވެ. އޭގެ ތެރޭގައި މައިން ވަޒީފާގެ މަހައުލުގައި ހިއްސާވާ މިންވަރު އިތުރުވުމާއި ބައްޕަމެން ދަރިން ބެލުމުގެ ޒިންމާއާ ހަވާލުވާ މިންވަރު އިތުރު ވެފައިވުން ހިމެނެ އެވެ.

ހަމައެއާއެކު އާއިލާ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރުން ވެސް އިތުރު ވެފައިވެ އެވެ. ސޯޝަލް މީޑިއާއަކީ މިޒަމާނުގައި މައުލޫމާތާއި، ދޭދޭ ގުޅުން ގުޅުވައިދޭ، މުނިފޫހި އަދި ގޭގައި ހުރެ މަސައްކަތް ކުރުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ. ގޭގައި ތިބެމެ ވިސްނުމާއި ފިކުރު މުޅިން އެހެން ބަޔަކަށް އެހެން ކަމަކަށް ހުސްވެފައި ބަހައްޓައިދޭ ވަސީލަތެކެވެ.

ކުދިންގެ ކައިރީގައި ވަގުތު ހޭދަކުރާ ގިނަ މައިންބަފައިން ފޯނުގައި ވަގުތު ހޭދަކޮށް ދަރިންނަށް ދޭންވާ ފުރިހަމަ އަޅާލުން ދިނުމުގައި ފަރުވާ ކުޑަކުރެވޭ ސަބަބެއް ކަމުގައި ސޯޝަލް މީޑިއާ ހިމެނޭކަން ފަހުގެ ދިރާސާތަކުން ހެކިދެ އެވެ. އެމެރިކާގައި ކުރި ދިރާސާއެއްގައި މައިން ބަފައިން ކުދިން ބަލަން އެއްގަޑިއިރު ހޭދަކުރާ ނަމަ، އެއިން އެވަރެޖްކޮށް 16 މިނެޓް ފޯނުގައި ހޭދަކުރާ ކަމަށް ހޯދިފައިވެ އެވެ.

ކުޅުމާއި ހުސް ވަގުތު މަޖާކުރުމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެކެވެ. ކުޅުމުން ކުއްޖާގެ ހެދި ބޮޑުވުމަށް ގިނަ ފައިދާތަކެއް ކުރެ އެވެ. މައިންބަފައިންނާއެކު ދަރިން ކުޅުމުން، އެ ކުދިންގެ ވާހަކަދެއްކުން ތަރައްގީވެ އެވެ. އެ ދެމީހުންނާ އޮންނަ ގާތްކަން އިތުރުވެ އެވެ.

އޭގެ އިތުރުން މައިންބަފައިންނާއެކު ހޭދަކުރާ ކުޅޭ ވަގުތަކީ އާދައިގެ ކުޅުމަކަށް ވުރެ ގިނަ ކަންކަން އޭގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ވިސްނުމާ ފިކުރު ތަރައްގީވުން، އުފާވެރިވުން، މަޖާވުން އަދި ހުނަރެއް ދަސްވުން ހިމެނެ އެވެ. އެހެނީ އަމިއްލަ ދަރިއެއްގެ ވިސްނުން ތަރައްގީ ކުރުމަށް މައިންބަފައިން ތަފާތު ގޮތް ގޮތް ޚިޔާރު ކުރާނެތީ އެވެ.

މައިންބަފައިންގެ ހަރަކާތްތައް ކުދިން ވަރަށް ކައިރިން ދަސްކުރެ އެވެ. އެކި ހާލަތްތަކުގައި އެމީހުން ކަންކަން ކުރާ ގޮތް ދަސްކުރެ އެވެ. މިސާލަކަށް ބައްޕަ ޖޯކު ނުވަތަ ހެއްވާ މަޖާވާހަކައެއް ކުދިންނަށް ކިޔައި ދިނުމުން އެ ކުދިންނަށް މަޖާނުވި ނަމަ، އެވަގުތު ބައްޕަ ކަންތައް ކުރާ ގޮތަކީ މުސްތަގުބަލުގައި އެކުދިން ވެސް ކަންތައް ކުރާނެ ގޮތެވެ.

ކެނެޑާގައި 2025 ގައި ކުރި ދިރާސާއަކުންނާއި، އިތުރަށް ކުރެވިފައިވާ އެކި ދިރާސާތަކުން ދެނެގަނެވިފައިވާ ގޮތުގައި، ދަރިންނާ އެކީ މައިންބަފައިން ވަގުތު ހޭދަކުރާއިރު ފޯނު ބޭނުން ކުރުން ހުއްޓާލުން ވަރަށް މުހިންމެވެ. އެއީ ކޮލިޓީ ވަގުތު ދަރިންނާއެކީ ހޭދަކުރެވޭނީ ފޯނާ ނުލާ ކަމަށް ވާތީ އެވެ.

މައިންބަފައިން ދަރިން ކައިރީގައި ވަގުތު ހޭދަ ކުރާއިރު މަޖާކޮށް ކުޅެ ހަދާނަމަ، ދަރިފުޅަށް އެ ބުނެދެވެނީ އެކުދިންނާ އެކީ ހޭދަކުރާ ވަގުތަކީ އެ ދެމީހުންނަށް އުފާވެރި ވަގުތެއް ކަމުގަ އެވެ. އެ ކުދިންނާ އެކީ އުޅޭ ހިތްވާ ކަމެވެ. ލޯބިވާކަމެވެ. އޭގެ ސަބަބުން ކުދިންގެ ވިސްނުމަށާއި، އެމީހުންނަށް އިތުބާރު ކުރުމަށް ބުނެދެވެ އެވެ. އަދި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރެ އެވެ.

ވީމާ ކުދިންނާއެކި މައިންބަފައިން ވަގުތު ހޭދަކުރާއިރު، ސޯޝަލް މީޑިއާ އާދުރުވެ، ކުދިންނާ އެކީ މަޖާ އުފާވެރި ވަގުތު ކޮޅެއް ހޭދަކުރުމަކީ އެކުދިންގެ މުސްތަގުބަލަށް މުހިންމު ކަމެއްކަން މިވަނީ ފަހުގެ ދިރާސާތަކުން ވެސް ހާމަވެފަ އެވެ.