ފިލްމީ ތަރިންނާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޝާހިލް މުހައްމަދު، 42، އަކީ ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިން ރާއްޖެއަށް އެތެރެކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދިގެން މިދިޔަ މާޗު މަހު ބަންދުން ދޫކޮށްލާފައިވާ މީހެއްކަން ހާމަވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖުލައި 24 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޕާކިސްތާނުގެ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ލަގެޖާ ހަވާލުވުމުން ޝާހިލް ހައްޔަރުކުރީ އެ އަހަރުގެ ޖުލައި 25 ގަ އެވެ.

އެ ލަގެޖުގެ ފުލުގައި ފޮރުވާފައި ހުރި ޝީޓުން ދެ ކިލޯއަށްވުރެ ގިނަ ޑައިމޯފިން ފެނިފައިވާއިރު، ޕީޖީ އޮފީހުން ބުނީ އޭނާ ބަންދުން ދޫކޮށްލަން އެދުނީ ބަންދުގައި ގިނަ ދުވަސްވެފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ޝަރުތުތަކާއެކު ކަމަށާއި، މިހާރު އެ މައްސަލަ އޮތީ ހުލާސާ ބަޔާނުގެ ހިސާބުގައި ކަމަށެވެ.

އެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޝާހިލްއާއެކު ހައްޔަރުކޮށްފައި ވަނީ ތިން ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އަދި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ.

އެ އެންމެން ވެސް މެތާ ގުޅުންހުރި ސިންތެޓިކް ދެ ބާވަތެއްގެ ޑްރަގަށް ޕޮޒިޓިވްވެފައިވާއިރު، އެ މީހުން ތިބި ކޮޓަރިއަށް ވަންއިރު މޭޒުމަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމަުރުގައި ބުނެފައިވެ އެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.