ރޭގަނޑު ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދުމަށްފަހު ހޭލާއިރުވެސް ތާޒާކަމެއް ނުލިބި، މުޅި ދުވަހު ވަރުބަލިކަމާއި ވަރު ދެރަކަން އިހުސާސްވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ އާންމު މައްސަލައެކެވެ.
ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. ސިވާނީ ސުވާމީ ހާމަ ކުރައްވާ ގޮތުގައި މިއީ ހަމައެކަނި "ނިދި މަދުވުމުގެ" މައްސަލައެއް ނޫނެވެ. މިއީ ތިބާގެ ހަށިގަނޑުން ދޭ އެހެން ނުރައްކާތެރި ސިގްނަލަކަށް ވެސް ވެދާނެ އެވެ.
ޑޮކްޓަރު ފާހަގަ ކުރައްވާ ގޮތުގައި، ނިދުމުގެ މުއްދަތަކީ މުހިއްމު ކަމަކަށް ވީ ނަމަވެސް އެއަށްވުރެ ބޮޑަށް މުހިއްމީ ނިދީގެ ފެންވަރެވެ.
7 އާއި 9 ގަޑިއިރު ނިދާއިރުވެސް ވަރުބަލިވާ މުހިންމު ސަބަބުތައް
ނިދީގައި ނޭވާލާން އުނދަގޫވުން
މިއީ ނިދިފައި އޮންނައިރު ނޭވާ ހިއްލުމާއި، ނޭވާލާ ނިޒާމު ވަގުތީ ގޮތުން ބަންދުވުމުގެ މައްސަލައެކެވެ. މީގެ ސަބަބުން ސިކުނޑިއަށް އެކަށީގެންވާ އޮކްސިޖަން ނުލިބި، ނިދީގެ މެދުތެރެއިން ގިނަ ފަހަރަށް ހޭލެވޭ ގޮތްވެ އެވެ. ނަތީޖާއެއްގެ ގޮތުން ގަޑިއިރު ހަމަކޮށް ނިދިކަމުގައި ވިޔަސް، އަރާމު ނިންޖެއް ނުލިބެ އެވެ.
ވިޓަމިން އަދި ނިއުޓްރިއަންޓްސް މަދުވުން
ހަށިގަނޑުގައި ވިޓަމިން ޑީ، ވިޓަމިން ބީ12 ނުވަތަ ދަގަނޑުގެ ބައި މަދުވުމަކީ ވަރުބަލިކަމާއި ވަރުދެރަކަން އިހުސާސްވާ މުހިންމު ސަބަބެކެވެ.
ތައިރޮއިޑް މައްސަލަތައް
ތައިރޮއިޑް ގްލޭންޑުން އުފައްދާ ހޯމޯންތައް މަދުވުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްކޮށް، އަބަދު ވަރުބަލިވެފައި ހުރުމަށް މެދުވެރިވާ ކަމެކެވެ.
ނަފްސާނީ ސްޓްރެސް އަދި ޑިޕްރެޝަން:
ކަންކަމާ މާބޮޑަށް ފިކުރު ބޮޑުވުމާއި ނަފްސާނީ ނުތަނަވަސްކަމުގެ ސަބަބުން ހަށިގަނޑާއި ސިކުނޑި ފުރިހަމައަށް އަރާމު ކުރުމަށް ހުރަސްއެޅެ އެވެ.
ދިރިއުޅުމުގެ އާދަކާދަތައް
ނިދުމުގެ ކުރިން ފޯނު ނުވަތަ ސްކްރީން ބެލުން، ކެފެއިން (ސައި/ކޮފީ) ބޭނުން ކުރުން އަދި ކަސްރަތު ނުކުރުމަކީވެސް ގަޑިއިރު ހަމަކޮށް ނިދިޔަސް ނިދީގެ ފެންވަރު ދަށް ކޮށްލާ ކަންކަމެވެ.
ދެން ހަދާނީ ކިހިނެއް؟
ޑރ. ސިވާނީ ސުވާމީ އިރުޝާދު ދެއްވަނީ، ގަވާއިދުން ހަމަނިދި ލިބޭއިރުވެސް ދުވަސްކޮޅެއް ވަންދެން ވަރުބަލިކަން ނުފިލާނަމަ، އަމިއްލައަށް ފަރުވާ ކުރުމުގެ ބަދަލުގައި ޑޮކްޓަރަށް ދައްކައި، ލޭގެ ޓެސްޓުތަކާއި ނިދުމާ ގުޅޭ ޓެސްޓުތައް ހެދުމަށެވެ. ސަބަބަކީ އެއީ ހަށިގަނޑުގައިވާ އެހެން ސިއްހީ މައްސަލައެއްގެ ކުރީކޮޅުގެ ނިޝާނަކަށް ވެސް ވެދާނެތީ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
ދިވެހީންގެ ކަންބޮޑުވުންތައް ޔޫއޭއީގެ ބޮޑުވަޒީރުގެ ސަމާލުކަމަށް
މަޝްހޫރު ފަންނާނުންނާއެކު ނިއު ދިއްލީގައި ކޭޕޮޕް ފެސްޓިވަލެއް!