ބޮލީވުޑްގެ މަގުބޫލު އެކްޓަރު ކާތިކް އާރްޔަން ކުޅުނު "ޗަންދޫ ޗެމްޕިއަން" ފިލްމުން އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމު އެވޯޑު ލިބުމާ ގުޅިގެން އޭނާ ވަނީ ވަރަށް ޖަޒުބާތީ މެސެޖެއް ހިއްސާކޮށްފަ އެވެ.

އިންޑިއާގެ ރައީސް ދްރޯޕަދީ މުރުމޫގެ އަތްޕުޅުން "ރަޖަތު ކަމަލް" އެވޯޑާއި ސެޓްފިކެޓްއާ ހަވާލުވުމަށްފަހު، ކާތިކް ބުނީ މިއީ އޭނާގެ ހަޔާތުގައި އައި ވަރަށް ހާއްސަ އަދި ބަސްއުފުލަންވެސް ނޭނގޭފަދަ އުފާވެރި ދަނޑިވަޅެއް ކަމަށެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖުގައި ކާތިކް ބުނެފައިވަނީ، ގްވާލިއަރަށް ނިސްބަތްވާ އަދި އެކްޓަރަކަށް ވުމުގެ ހުވަފެން ދެކުނު ކުޑަ ފިރިހެން ކުއްޖާގެ މަތިން މިއަދު ހަނދާންވާ ކަމަށެވެ.

އެދުވަސްވަރަކީ އެފަދަ ހުވަފެންތަކަށް މީހުން މަލާމާތްކޮށް ހަައްދާ ދުވަސްވަރެއް ކަމަށާއި، ނަމަވެސް މިއަދު އެ ހުވަފެން ހަގީގަތަކަށް ވެގެން ދިއުމުން ގިނަ ބައެއްގެ ތައުރީފު ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ ފުރަތަމަ ޕެރަލިމްޕިކް ގޯލްޑް މެޑަލިސްޓް މުރްލީކާންތު ޕޭޓްކަރުގެ ހަޔާތުގެ މައްޗަށް އުފެއްދި "ޗަންދޫ ޗެމްޕިއަން" ގައި އޭނާގެ ރޯލު ކުޅެން އިތުބާރުކުރި ކަމަށްޓަކައި، ފިލްމުގެ ޑައިރެކްޓަރު ކަބީރު ހާން އަދި ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާއަށް ކާތިކް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

މި ފިލްމަށްޓަކައި ކުރި މަސައްކަތަކީ ވަރަށް ވޭންހުރި އަދި އުނދަގޫ ދަތުރެއް ކަމުގައިވީ ނަމަވެސް، އެކަމުގެ ނަތީޖާ ވަރަށް ފޮނިކަމަށް އޭނާ ފާހަގަކުރި އެވެ.

ކާރތިކް އިތުރަށް ބުނެފައިވަނީ، މިއީ ހަމައެކަނި ފެށުމެއް ކަމަށާއި ކުރިއަށް އަދި ގިނަ ކާމިޔާބީތަކެއް ހުރިކަމަށް އުއްމީދުކުރާ ކަމަށެވެ. އޭނާއަށް ލިބުނު މި ބޮޑު ޝަރަފު، އިންޑިއާގެ އެންމެހައި ޕެރަލިމްޕިއަނުންނާއި، ނުވާނެ ކަމަށް ހީވާ ކަންކަމުގެ ހުވަފެން ދެކެ އެކަންކަން ހާސިލު ކުރަން މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ހަދިޔާ ކޮށްފަ އެވެ.

"ޗަންދޫ ޗެމްޕިއަން" ގައި ކާތިކް ދެއްކި މޮޅު އެކްޓިންއަށް އާންމުންނާއި ފިލްމީ ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

މި އެވޯޑު ކާރްތިކް ހާސިލުކޮށްފައިވަނީ "ބްރަމަޔުގަމް" ފިލްމުން މޮޅު އެކްޓިންއެއް ދެއްކި މަލަޔާލަމް ސުޕަސްޓާރު މަމޫޓީއާއެކުގަ ގުޅިގެންނެވެ.